ކައުންސިލަރުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެއްވުން އެދެން: ރައީސް

ކައުންސިލަރުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެއްވުން އެދެން: ރައީސް

ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި

8 months ago - 09:59
Jan 23, 2024 - 10:10
Advertisement

ރާއްޖޭގެ ހުރިހާ ކައުންސިލަރުންވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މާލޭގެ މޭޔަރާއި އިތުރު ތިން ކައުންސިލަރުން ހުވާކޮށް މަގާމާ ޙަވާލުވުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކައުންސިލްތައް ފުރިހަމަ މާނައިގައި ބާރުވެރި ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށް ކޮންމެ ކައުންސިލަކަށްވެސް ފަޅެއް ނުވަތަ ފަޅުރަށެއް ލިބޭ ގޮތަށް ދާދި ފަހުން ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ލިބޭގޮތަށް ހަމަޖައްސައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ރަސްމާލެއާއެކު މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭ އެއްވެސް މީހެއް ނުހުންނާނެ ކަމަށެވެ.

އަދި މި ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި މާލޭގެ ޕާކިންގެ ދަތިކަމުގެ މައްސަލަވެސް ހައްލު ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވިލިމާލޭގެ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް އެޅުމާއި، މަސް މާރުކޭޓްގެ މަސައްކަތް ރޯދައިގެ ފަހުން ފެށުމަށް ރޭވިފައިވާކަމަށާއި، ސިނަމާލެ ސަރަހައްދުގައި މިހާރު ހުރި 5 އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އައު އިމާރާތެއް އެޅުމުގެ މަސައްކަތާއި، ވިލިމާލޭގައި ގާއިމުކުރާ 500 ހައުސިންގ ޔުނިޓުގެ މަސައްކަތާއި، އަދި މި ނޫންވެސް މާލެ ސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް ޢާޒިމާއި، މާލެ ސިޓީ ކައުންސިލުގެ މެދުހެންވޭރު ދާއިރާ އާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާއިން ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަށް މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވުމާއި މަގާމުގެ އިޤުރާރުގައި ސޮއިކުރެއްވުން އޮތެވެ.

އެބޭފުޅުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement