މާލެއާ ރަސްމާލެ ގުޅާލާނީ ޓަނަލަކުން: ރައީސް
މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު ބައި-އިލެކްޝަންގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައި ވިދާޅުވިއެވެ.
އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރަސްމާލެއާ މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައި މިވަނީ މާލެއާ ރަސްމާލެއާ ދެމެދު ކަނޑު ހުރަސްކޮށް ރައްޔިތުން ދަތުރުކުރަން ޖެހޭނެ ކަމަށްބުނެ އިދިކޮޅު އެމްޑީޕީން ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
ރިއެކްޝަންސް