ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަރައްޤީގެ އެއް ތަނބު- ރައީސް މުއިއްޒު
ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަރައްޤީގެ އެއް ތަނބު- ރައީސް މުއިއްޒު

10 days ago - 18:23
Advertisement

ޑިޖިޓަލައިޒޭޝަނަކީ ޤައުމީ ތަރައްޤީގެ އެއް ތަނބުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް "އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިޤްތިޞާދީ ފައިދާ ހޯދުން ނޫންކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެންދިޔުންވެސް ހިމެނޭ ކަމަށެވެ. އަދި ރައްޔިތުން އެފަދަ މާޙައުލަކަށް ބާރުވެރިކުރުވާ، އޭގެ ސަބަބުން، ކުރިމަގުގައި ޑިޖިޓަލް ސެކްޓަރުގައި ހަރަކާތްތެރިވާ ކްރިއޭޓަރުންނާއި އިނޮވޭޓަރުން އުފެއްދޭނެ މާޙައުލެއް ޤާއިމްވެގެން ދިޔުމަކީވެސް ޑިޖިޓަލައިޒޭޝަންގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސް ފަދަ ޕްރޮގްރާމްތަކުގެ ޒަރީޢާއިން، ޒުވާނުންނަށް ބޭނުންވާ އެކި ހުނަރު ދަސްކޮށްދީ، ޑިޖިޓަލް އިޤްތިޞާދެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަރަގުކުރުމެއްނެތި، މި ފުރުޞަތުތައް ކަނބަލުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރައްވަމުން ދާކަމަށެވެ.

ޑިޖިޓަލައިޒޭޝަންގެ އެހީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި "އަރލީ ވޯނިންގް ސިސްޓަމާއި" "ސްމާޓް" ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށެވެ.

Advertisement

ޑިޖިޓަލައިޒޭޝަންގެ ފައިދާތަކުގެ އިތުރަށް އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެއް ހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލު ހޯދުމަށް ބައިނަލްއަޤްވާމީ ގުޅުންތައް މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވީ ނަމަވެސް، ރައްޔިތުންގެ އެއްބާރުލުމާއި ހިންމަތާ، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ތަރައްޤީގެ އަމާޒު ހުރީ އެއަށްވުރެ ތަނަވަސްކޮށް ކަމަށެވެ. ޤައުމެއްގެ ތަރައްޤީ މިންކުރެވިގެންދާނީ ހަމައެކަނި އީޖާދީ ވަޞީލަތްތަކުން ނޫންކަމަށާއި، އެފަދަ ވަސީލަތްތަކުގެ ޒަރީޢާއިން ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދެވޭ މިންވަރަށް ކަަަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement