ހައްޖުރޯގާ ބާރަށް ފެތުރެމުން ދާތީ ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެމްއެޗް އިލްތިމާސްކޮށްފި
ހައްޖު ރޯގާ ބާރަށް ފެތުރެމުންދާތީ، ކޮންމެހެން ދާންޖެހޭ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރެފައިވާ ހާއްސަ ދެންނެވުމެއްގައި ވާގޮތުން، ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ބަލިމީހުންނާއި މުވައްޒަފުންނާ އަދި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމުގަ އެވެ.
އައިޖީއެމްއެޗުން އިލްތިމާސްކުރަނީ، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗްއަށް ޒިޔާރަތް ނުކުރުން އަދި ޒިޔާރަތްކުރާ ނަމަ މާސްކު އެޅުން، ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެކަމަށް ސަމާލުވެ، މާސްކު އެޅުން، ހޮސްޕިޓަލް ތެރޭގައި އެއްވެ އުޅުމުން ދުރުހެލިވުމަށެވެ.
ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ގިނަ އަދަދެއްގެ ހައްޖާޖީންނަށް ހުމާއި ރޯގާގެ ވައްތަރުތައް ޖެހެ އެވެ. މި ބަލިތަކަށް ފަރުވާ ދިނުމަށްޓަކައި ހައްޖުގެ އަޅުކަމުން އަންނަ މީހުންނަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވާފަ އެވެ.
ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ވެސް ދިވެހި ހައްޖާޖީންގެ ތެރެއިން ވަނީ ފެނިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ބަލި ޖެހުނީ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި އައިތަނާ ބަލި ހާލަތު ދަށްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިދިޔަ އަންގާރަ ދުވަހު ހަވީރު ނިޔާވި ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) އަށެވެ.
މިކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ހެލްތު މިނިސްޓްރީން އިއުލާނުކޮށްފައިވަނީ އެ ބަލި ރާއްޖޭގައި ފެތުރެމުން ނުދާ ކަމަށާއި އެހެންކަމުން، އެބަލިން ދިފާޢުވުމަށް ޖަހަންޖެހޭ ވެކްސިން ޖަހަން ޖެހޭނީ ހަމައެކަނި މެެނިންގޯކޮކަލް ބަލި އުޅޭ އެހެން ގައުމުތަކަށް ދަތުރުކުރާ މީހުންނާއި، އެކި ސަބަބުތަކާ ހުރެ ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންކަމަށް ހެލަތު މިނިސްޓްރީން ބުނެފައިވެ އެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތުތަކެއްގައި އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.
ރިއެކްޝަންސް