ރާއްޖޭގެ ހުރިހާ ރަށެއްގައި ނަސޭޙަތުގެ ބޯޑު ހަރުކުރުމުގެ މަޝްރޫޢު، ކ. އަތޮޅުން ފަށައިފި
ދިވެހީންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ރިވެތި އާދަތަކަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ނަސޭޙަތުގެ ބޯޑުތައް ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ މަޝްރޫޢުގެ ދަށުން މާލެ އަތޮޅުގެ ރަށްތަކުގައި ބޯޑު ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބާއާ ގުޅުވައިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށް ސަރުކާރުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލެ އަތޮޅުގެ ހުރިހާ ރަށެއްގެ މަގުތަކުގައި ބޯޑު ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ބޯޑުތައް ފޮނުވާ ނިމިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެހެން އަތޮޅުތަކަށްވެސް ނަސޭޙަތުގެ ބޯޑުތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ ދަށުން ރަށްރަށުގެ މައި މަގުތަކާއި އާންމުން އެއްވެ އުޅޭ މައި ސަރަޙައްދުތަކުގައި، ފަސޭހައިން ފެންނާނެހެން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ކައުރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކާއި، ޒިކުރުތައް އަދި އިސްލާމީ ރިވެތި އަޚްލާޤަށް ބާރުއަޅާ ނަސޭޙަތުގެ ބަސްކޮޅުތައް ހިމެނޭ ބޯޑުތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން މިކަން މިގޮތަށް ކުރިއަށްގެންދިއުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް އަބަދުވެސް ހެޔޮކަންކަމުގެ ހަނދާން އައުކޮށްދީ، ހެޔޮ ޢަމަލުތައް ކުރުމަށް މުޖުތަމަޢުގައި ބާރުއެޅުމެވެ.
މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުގެ އިތުރުން ހެޔޮއެދޭ އާންމު ރައްޔިތުންނާއި މަދަނީ ޖަމާޢަތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ އިޖުތިމާޢީ އަދި ދީނީ މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން ދިވެހީންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރުވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޒިކުރުތަކާއި ނަސޭޙަތްތައް އެކުލެވޭ ބޯޑުތައް ވަނީ ބަހައްޓަވާފައެވެ. އަދި މިހާރު މި ފެށުނު މަޝްރޫޢަކީ އޭގެ ދާއިރާ މުޅި ރާއްޖެއަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ޤައުމީ މަސައްކަތެކެވެ.
ރިއެކްޝަންސް





