ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފި
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށްޓަކައި ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެ ސަރަޙައްދު ނުހިއްކައެވެ. ބިން ހިއްކުމުގެ މަސައްކަތް އެކި ފަހަރުމަތިން ފެށި ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. މީގެ ސަބަބުން އެ ސަރަޙައްދުން ގޯތި ލިބުނު މީހުން ދިޔައީ ބިން ނުލިބިގެން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައަޅަމުންނެވެ.
މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ހުޅުމާލެއިން އަލަށް ހިއްކި މި ސަރަޙައްދުން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، މިހާރު ކުރިއަށްދަނީ ގޯތިތައް ހަވާލުކުރުމުގެ އިދާރީ އަދި ފަންނީ މަސައްކަތްތަކެވެ.
އެޗްޑީސީން ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދަނީ އެ ސަރަޙައްދު ސާރވޭ ކުރުމާއި ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތް ސައިޒެއްގެ ގޯތިތަކެވެ. މި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ނިމުމުން، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
ރިއެކްޝަންސް









