މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ މީހުން އެބަތިބި: މީރާ

މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ މީހުން އެބަތިބި: މީރާ

1 hour ago - 22:03
Advertisement
Advertisement

ދިވެހިރާއްޖޭގައި އާމްދަނީން ޓެކްސް ދައްކަންޖެހޭ މިންވަރު ކަމަށްވާ މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ ފަރުދުން އެބަތިބި ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


މީރާގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް އާމްދަނީން ޓެކްސް ދެއްކުމަށް ޖުމްލަ 86،637 ފަރާތެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 60،489 ފަރާތާއި، ކުންފުނިތަކާއި އެހެނިހެން ވިޔަފާރިތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ 25،865 ފަރާތް ހިމެނެއެވެ. އަދި އަހަރުގެ ތެރޭގައި 29 ފަރާތެއްގެ ރަޖިސްޓްރީ ވަނީ ބާތިލުކޮށްފައެވެ. އެއީ 8 ފަރުދުންނާއި 21 ވިޔަފާރިއެކެވެ.


އާމްދަނީން ޓެކްސް ދައްކާ ފަރާތްތަކުގެ ބޮޑު ބަޔަކީ ފަރުދުން ކަމުގައި ވިޔަސް، ގިނަ އަދަދެއްގެ މީހުންނަކީ ވަޒީފާގެ މުސާރައިގެ ބޭރުން ބޮޑު އާމްދަނީއެއް ހޯދާ ފަރާތްތަކެވެ. އެގޮތުން އިންކަމް ޓެކްސް ޤާނޫނުގެ ދަށުން، މުސާރައިން ވިތުހޯލްޑިންގ ޓެކްސް ދައްކަނީ 23،098 މީހުންނެވެ. ބާކީ ތިބި މީހުންނަކީ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ބޮޑު އާމްދަނީ ހޯދާ ފަރާތްތަކެވެ. ވިތުހޯލްޑިންގ ޓެކްސްގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، އެއީ ޖުމްލަ އަދަދުގެ 55.2 އިންސައްތައެވެ.


އަހަރަކު 720،000 ރުފިޔާއަށް ވުރެ އިތުރަށް ޓެކްސް ނެގޭ އާމްދަނީ ލިބޭ ވަކިވަކި ފަރުދުންނާއި އަމިއްލަ ވިޔަފާރިތަކަށް އަމާޒުކޮށް ނަގާ ޢާންމު އިންކަމް ޓެކްސްއަށް ބަލާއިރު، މިދިޔަ އަހަރު 1،454 ފަރާތަކުން ޓެކްސް ބަޔާން ހުށަހަޅާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރު ހުށަހެޅި 1،397 ފަރާތާ އަޅާބަލާއިރު އިތުރުވުމެކެވެ. ވަކިވަކި ފަރުދުންގެ ޓެކްސް ބަޔާން ހުށަހެޅުމުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ތަޢުލީމީ ދާއިރާގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިންނެވެ.


ޓެކްސް ދައްކަން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އަޣްލަބިއްޔަތަކީ ވަކިވަކި ފަރުދުން ކަމުގައި ވީނަމަވެސް، ދައުލަތަށް ލިބޭ ޖުމްލަ ޓެކްސް އާމްދަނީގައި އެ ފަރާތްތަކުގެ ހިއްސާ ނިސްބަތުން ކުޑައެވެ. އެގޮތުން މިދިޔަ އަހަރު ހުރިހާ ބާވަތެއްގެ އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 5.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ވަކިވަކި ފަރުދުންގެ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނީ 172.08 މިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ އެންމެ 3.3 އިންސައްތައެވެ. އިންކަމް ޓެކްސްގެ ބޮޑު ބައެއް އަދިވެސް ހިއްސާކުރަނީ ކުންފުނިތަކުންނެވެ.


މި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް، ސަރުކާރުން މިހާރު ވަނީ މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދައިގެ ފުރިހަމަ ހިލޭ އެހީ ދިނުން ހުއްޓާލުމަށް ނިންމާފައެވެ. މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ނިންމުމަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އިއުލާންކުރައްވާފައެވެ.


ރައީސް ވިދާޅުވީ، މި ބަދަލާއެކު ބޮޑު އާމްދަނީ ލިބޭ ފަރާތްތަކަށް ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އުސޫލެއް ތައާރަފްކުރެވިގެންދާނެ ކަމަށެވެ. އަދި މި އިސްލާހީ ފިޔަވަޅުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement