އައިޓީއެފްސީގެ ސީއީއޯ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހާނީ ސާލިމް ސަންބޮލްގެ ބަދަލުގައި އެ ކޯޕަރޭޝަނުގެ އިސްވެރިޔާ އަދީބް ޔޫސުފް އަލްއާމާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިރޭ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ފުޅާކުރުމާއި، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދިވެހިރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކޮށް، ހަރުދަނާކުރުމަށް ދެފަރާތުން ދެއްވާ އަހައްމިއްޔަތުކަން ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.
އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ މެންބަރެއްގެ ގޮތުގައި ހިންގާ، އަމިއްލަ އިޚްތިޔާރު ލިބިގެންވާ މަލްޓިލެޓަރަލް މާލީ އިދާރާއެކެވެ. ސައޫދީ ޢަރަބިއްޔާގެ ޖިއްދާގައި މައި މަރުކަޒު ހުންނަ މި ކޯޕަރޭޝަނުން މަސައްކަތް ފަށާފައިވަނީ ޖެނުއަރީ 2008 ގައެވެ. އެއީ މީގެ ކުރިން އައިއެސްޑީބީ ގްރޫޕުގެ އެކި ވިންޑޯތަކުން ހިންގަމުން އައި ވިޔަފާރި ފައިނޭންސް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ ބޭނުމުގައެވެ.
މި ކޯޕަރޭޝަނުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އުންމަތުގެ އިޤްތިޞާދީ ޙާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ވިޔަފާރި ކުރިއެރުވުމެވެ. އަދި ޚާއްޞަގޮތެއްގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އައިޓީއެފްސީން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް





