ޖޫރިމަނާ 5،000 ރުފިޔާއަށްވުރެ އިތުރުވާނަމަ ލައިސަންސް ހިފަހައްޓާ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ތައްޔާރުވެއްޖެ

ޖޫރިމަނާ 5،000 ރުފިޔާއަށްވުރެ އިތުރުވާނަމަ ލައިސަންސް ހިފަހައްޓާ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ތައްޔާރުވެއްޖެ

3 hours ago - 12:35
Advertisement
Advertisement

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާ އާއި ފީތައް 5،000 ރުފިޔާއަށްވުރެ އިތުރުވުމުން، ލައިސަންސް ހިފަހައްޓަންޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ތައްޔާރުވެއްޖެއެވެ.


މީގެ ކުރިން ގަވާއިދު އޮންނަގޮތުން ލައިސަންސް ބާތިލުވާނީ އެއްގަމު އުޅަނދު ދުއްވުމަށް ދޫކޮށްފައިވާ ލައިސަންސްގެ މުއްދަތު ހަމަވުމުުންނެވެ. އަދި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ލައިސަންސުން ކްރެޑިޓް ޕޮއިންޓް އުނިކުރަމުން ގޮސް ކްރެޑިޓް ޕޮއިންޓް ހުސްވުމުންނެވެ.


ނަމަވެސް، އަލަށް ގެނެވުނު އިސްލާހުގެ ދަށުން ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއް ކުރުމުގެ ސަބަބުން ވެސް ލައިސަންސް ހިފެހެއްޓިދާނެއެވެ. އަދި ގާނޫނުގައި ބަޔާންކުރާ ޝަރުތު އެ މީހެއްގެ ކިބައިން އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވިއްޖެނަމަ ވެސް ލައިސަންސް ބާތިލުކުރެވޭނެއެވެ. މީގެ އިތުރުން އެ ގާނޫނުގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ އަދަދު 5،000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުނަމަ ވެސް ލައިސަންސް ހިފެހެއްޓޭނެކަމަށް ބަޔާންކޮށްފައިވެއެވެ.


މި މާއްދާގެ ދަށުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓޭނީ، އެފަދަ ހާލަތެއް އޮތްކަމުގައި ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ލައިސަންސް ހިފެހެއްޓުމަށް ޝަރުއީ ކޯޓަކުން އަމުރެއް ކުރުމުންނެވެ. މީހެއްގެ ލައިސަންސް ހިފަހައްޓައިފިނަމަ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން އެ މީހެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠު އުނިވެއްޖެކަން ވުޒާރާއިން ޔަގީންކުރަންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.


ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، އެ ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް، އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް، މިހާރު ވެސް ދޭ އުސޫލުގެ ތެރެއިން ދޭނެއެވެ.


މީގެ އިތުރުން ލައިސެންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށްނަމަ 1،000 ރުފިޔާއިން، ދެވަނަ ފަހަރަށްނަމަ 1،500 ރުފިޔާއިން އަދި ތިންވަނަ ފަހަރަށްނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް އެންމެ ފަހުން ކުރެވުނު ޖޫރިމަނާގެ ދެގުނަ އިތުރުވާ ގޮތުގެމަތިން ޖޫރިމަނާކުރަމުން ގެންދާނެއެވެ.


އެއްގަމު ދަތުރުފަތުރުގެ ގާނޫނަކީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމާއި، ދުއްވުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެނޫންވެސް، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ރާވައި، ހިންގުމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement