އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ގަނެ، ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ހަދަނީ

އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ގަނެ، ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ހަދަނީ

2 hours ago - 13:25
Advertisement
Advertisement

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ބޭރުގެ ކުންފުންޏަކަށް ވިއްކައިލި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ 20 އިންސައްތަ ހިއްސާ އަނބުރާ ދިވެހި ދައުލަތަށް ގަނެ، އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މުހިއްމު ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ނިންމެވުމަކީ ކުރީގެ ސަރުކާރުން ބޭރުގެ ފަރާތަކަށް ވިއްކާލާފައިވާ އެމްޑަބްލިއުއެސްސީގެ ހިއްސާ އަލުން ސަރުކާރަށް ހޯދުމަށް ނިންމެވި ނިންމެވުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި މި ފިޔަވަޅަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތްތައް އެންމެ އެދެވޭ އަދި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށާއި، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެކެވެ.


"އެހެންވީމާ ބޭރު ކުންފުންޏަކަށް ވިއްކާލާފައި އޮތް 20 ޕަސެންޓުގެ ޝެއާ ގަނެ، ސަތޭކަ ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެމްޑަބްލިއުއެސްްސީ ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އެވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން ރައީސް ވިދާޅުވީ، މި މުއާމަލާތާ ގުޅޭ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އޮމާންކަމާއެކު ކުރިއަށްގޮސް ނިންމައިލެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ތަފުސީލުތައް މާލީ ވަޒީރާއި ކަމާގުޅޭ އެހެނިހެން ވުޒާރާތަކުން ހާމަކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދައުލަތުގެ މުހިއްމު ކުންފުނިތައް ޕްރައިވަޓައިޒްކުރުމުގެ ސިޔާސަތުގެ ދަށުން، އެއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ ދިރާގުގެ އިތުރުން އެމްޑަބްލިއުއެސްސީގެ ހިއްސާވެސް ވަނީ ބޭރުގެ ފަރާތްތަކަށް ވިއްކާލާފައެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މި ނިންމުމުގެ ސަބަބުން، ޒަރޫރީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެކި ކަހަލަ ގޮންޖެހުންތަކާއި ދަތިތައް މީގެ ކުރިން ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި ސަރުކާރުގެ މި ނިންމުމާއެކު އެ ކުންފުނީގެ ފުރިހަމަ ބާރު އަލުން އަނބުރާ ދިވެހި ދައުލަތަށް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement