ފެނަކަ އާއި އާރްޑީސީ އުވާލައި އެހެން ކުންފުނިތަކާ އެއްކޮށްލަން ސަރުކާރުން ނިންމައިފި
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުވާލުމަށް ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އެފިޝިއެންޓް ކުރުމުގެ ބޭނުމުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފެނަކައާއި ގުޅިގެން އެކިއެކި ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ވެސް ވަރަށް ސާފުކޮށް ފެންނަން އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ފެނަކަ ރަނގަޅުކޮށް، ހިންގުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި އިސްލާހު ކުރެވޭނެ ކަމެއްގެ ގޮތުގައި ފަންނީ ބޭފުޅުންނަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
ފެނަކަ ރަނގަޅުކޮށް، ހިންގުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެކަމަކީ އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭނެ ކަމެއްގެ ގޮތުގައި ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރެވޭނެ ކަމަކަށް ނުވާ ކަމަށާއި އެހެން ކަމުން ސަރުކާރުން އެކަމާއި ގުޅޭ ގޮތުން ވަރަށް ފުންކޮށް ވިސްނައި، މަޝްވަރާކޮށް، ފެނަކަ އުވާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ ފެނަކަ އުވާލައި ސްޓެލްކޯއާއި އެއްކޮށްލަން. އެހެންމަ މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން މި ޕްރޮސެސް ނިމުނީމަ. ފެނަކައިގެ މުޅި މަސައްކަތް ސްޓެލްކޯއަށް ބަދަލުކޮށް ފެނަކަ އުވާލެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އާރްޑީސީ އުވާލައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި އެއްކޮށްލުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް





