ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

1 hour ago - 15:28
Advertisement
Advertisement

ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައްވައި، ކުންފުނިތަކުގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިފަދައިން ނިންމެވިކަން އެމަނިކުފާނު އިޢުލާންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން، ސަރުކާރުގެ ދެކުންފުންޏެއް އުވާލައްވަން ނިންމަވާފައިވާކަން އެމަނިކުފާނު މިއަދު ވަނީ ހާމަކުރައްވާފައެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އުވާލެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެކަމުގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނަކަ އުވާލައްވައި، ފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރު.ޑީ.ސީ އުވާލައްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީގެ ދަށަށް އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރައްވައި، ކުންފުނިތައް ރަނގަޅު ސައިޒަށް ކުޑަކުރެވި، އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގުޅުން، ދިރާގުން ސަރުކާރަށް މެޖޯރިޓީ ހިއްސާ ހޯދައި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީގެ، ބޭރު ފަރާތަކަށް ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަމުގައިވެސް އެމަނިކުފާނު މިއަދު އިޢުލާންކުރެއްވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫތު ދެއްވަމުން، އެމަނިކުފާނު ވިދާޅުވީ، ދިރާގާއި އެމް. ޑަބްލިޔު. އެސް. ސީގެ ހިއްސާތައް ސަރުކާރަށް ހޯދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށެވެ.

ކުރިން ދޫކޮށްލާފައިވާ ދިރާގުގެ މެޖޯރިޓީ ހިއްސާ އަލުން ދިވެހި ސަރުކާރަށް ނަގައި އެ ކުންފުންޏަކީ ސަރުކާރުގެ 51 އިންސައްތަ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިރާގުގެ އިތުރުން އެމް. ޑަބްލިޔު. އެސް. ސީއަކީވެސް ސަރުކާރަށް މުހިންމު ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ ސައްތަ އިންސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތްވެސް ފައްޓަވާފައިވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ބަދަލުތަކާއެކު، ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން އެ ކުންފުނިތައް ހިންގުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement