ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ޤައުމަކަށް ރާއްޖެ ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުން ނުވަތަ "ވާނުވާ ބަންދު" ގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ އެކި މަސައްކަތްތަކާއި ޤައުމުގެ އިޖުތިމާޢީ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިގޮތުން، އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޝަރީޢަތުން ވަކި ގޮތެއް ނުނިމި ނުވަތަ ޙުކުމެއް ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި މީހުން ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ޝަރީޢަތުގެ މަރުހަލާ ނިމެންދެން މީހުން ބަންދުގައި ތިބެންޖެހުމަކީ އެތައް ރައްޔިތުންނެއްގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
މިގޮތުން ޝަރުޢީ ދާއިރާއަށް ސަރުކާރުތަކުން ފޯރުވަމުންދިޔަ ނުފޫޒުތައް ނިމުމަކަށް ގެނައުމަށްޓަކައި، ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައަޅުއްވައި، އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު މިނިވަންކަމާއެކު ހިންގުމުގެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ. މީގެއިތުރުން، ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އެންމެންގެ މައްސަލަތަކަށް ވަކި ގޮތެއް ނިންމުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ޝަރީޢަތްތައް އަވަހަށް ކުރިއަށް ނުގޮސް ދިގުލައިގެންދާ މައިގަނޑު އެއް ސަބަބަކީ ކޯޓުތަކުގެ، ޚާއްސަކޮށް ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ކަމުގައިވާތީ، އެކަން ހައްލުކުރުމަށްޓަކައި ޖަސްޓިސް ބިލްޑިންގގެ އެނެކްސްއެއް ހުޅުމާލޭގައި ޤާއިމުކޮށް، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް އެ އިމާރާތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
ސަރުކާރުން ގެނައި މި ބަދަލުތަކާއެކު، ކްރިމިނަލް ކޯޓުން މައްސަލަތައް ނިންމާ މިންވަރު ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ އިންސާފުވެރި އަދި އަވަސް ޝަރީޢަތްތަކެއް މަގުފަހިކޮށްދީ، ރާއްޖެއަކީ ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ޤައުމަށް ހެދުމެވެ.
ރިއެކްޝަންސް





