ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ސަމީރުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މި ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވުމަށް ފަހު، ރިޔާސަތުން މިހާރު ވަނީ އިތުރަށް ދިރާސާ ކުރުމަށްޓަކައި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހު މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައި ވާތީ އެވެ. އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ސަމީރުގެ އިތުރުން ދެން ކުރިމަތިލެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.
ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ސަމީރަކީ 2011 އިން ފެށިގެން 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީކަން ކުރެއްވިއިރު، ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ރިއެކްޝަންސް