ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށާއި ޞިއްޙީ ދާއިރާއަށް: މެންބަރު އިއްބެ

ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށާއި ޞިއްޙީ ދާއިރާއަށް: މެންބަރު އިއްބެ

17 hours ago - 12:39

ދައުލަތުގެ ބަޖެޓުގައި އެންމެ މުހިންމު އިސްކަމެއް ދީފައިވަނީ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ޤައުމުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ އަންނަ އަހަރުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އިއްބެ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ބަޖެޓުގައި ބޮޑު ހޭދައެއް ކަނޑައަޅާފައިވުމަކީ ޤައުމުގެ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.


އެގޮތުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރެވިއްޖެނަމަ، "ހުސްނުވާ އާސަންދަ" ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެކޮޅުޖެހޭ ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ.

އަދި ބޭސްފަރުވާއަށްޓަކައި ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކުރެވި، ޤައުމުން ބޭރުވާ ބޭރު ފައިސާ (ޑޮލަރު) ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓިގެން ދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ސަރަޙައްދީ ޞިއްޙީ ޚިދުމަތުގެ ދަށުން މިސާލެއް ދައްކަވަމުން މެންބަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ އަސާސީ ޚިދުމަތްވެސް ލިބެން ނެތް ކަމަށެވެ.


ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އަދި އާންމު ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކާއިރު، ހަމައެކަނި މާލޭ ސަރަޙައްދަށް އިސްކަންދީ، ވަކި ބަޔަކަށް އެކަނި ބިން ލިބޭ ގޮތަށް އޮންނަ އުސޫލު ބަދަލުވާންޖެހޭ ކަމަށެވެ.

އަދި ދަޢުލަތުގެ ބަޖެޓުން ބިން ހިއްކުމާއި ބޯހިޔާވަހިކަމަށް ކުރާ ބޮޑެތި ޚަރަދުތަކުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިބުމުގެ ފުރުޞަތު އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


މީގެއިތުރުން، މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫޢުތައް އަންނަ 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމުމަށް މި ސަރުކާރުގެ ބަޖެޓުގައި ވަރުގަދަ އަމާޒެއް ހިފާފައިވާކަންވެސް މެންބަރު އިއްބެ ވަނީ  ފާހަގަކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow