މަރުގެ އަދަބު ތަންފީޒުނުކުރެވުނީ ކުރީގެ ވެރިންގެ އިހުމާލުން: މެންބަރު ޝުޖާއު
ދިވެހިރާއްޖޭގައި އިސްލާމްދީނުގައި ކަނޑައެޅިފައިވާ ގޮތަށް މަރުގެ އަދަބު ތަންފީޒުނުކުރެވި ދިގުލައިގެން ދިޔައީ މީގެކުރިން ގައުމުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ ފިނޑިކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު ޝުޖާއު ވިދާޅުވީ، ފެހި ގާނޫނުއަސާސީ ވުޖޫދަށް އައި ފަހުން ވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވެރިންގެ ފިނޑިކަމުން، ދީނުގެ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަންކަން ބައްޓަންކުރެވިފައި ނުވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރެޔާއި ދުވާލު މަގުމަތީގައި މީހުން މެރުމުގެ ބިރުވެރި ސިލްސިލާ ހާދިސާތައް ހިނގައި، ގައުމުގެ އަމާންކަން މުޅިން ގެއްލިގެން ދިޔަ ދުވަސްތަކެއް މާޒީގައި ތަހައްމަލުކުރަން ޖެހުނުކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ވަކި ގައުމަކުން އެހީ ނުލިބިދާނެތީ ނުވަތަ ޚާރިޖީ ގުޅުމަކަށް ބުރޫއަރައިފާނެތީ ޖެހިލުންވެ، މާތް ﷲ ގެ ހުކުމްފުޅުތަކަށް އަމަލުނުކޮށް ފަސްޖެހޭނަމަ، މާތް ﷲ ދެއްވާފައިވާ ނިއުމަތްތަކުން ދިވެހިން މަހުރޫމުވެދާނެއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ހުރިހާ އިދާރީ ތައްޔާރީތަކެއް ފުރިހަމަކުރި ނަމަވެސް، އެކަން އަމަލީ ގޮތުން ތަންފީޒުނުކުރެވި ފަސްޖެހުނީ ވެސް ވެރިންގެ ކިބައިގައި ހުންނަންޖެހޭ ސާބިތުކަމާއި ހިތްވަރު ނެތުމުގެ ސަބަބުން ކަމަށެވެ.
ރިއެކްޝަންސް

