ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުން ފަށައިފި
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް މުޅިން އަލަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު ގައުމީ ހަރަކާތެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ބޯހިމެނުމުގެ އަމަލީ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، ރާއްޖޭގައި ވިޔަފާރި އުސޫލުން ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްތަކުން ޖުމްލަ 39 ފަރާތަކުން މި ބޯހިމެނުމުގެ ތެރެއިން މައުލޫމާތު އެއްކުރުމުގައި ބައިވެރިވަމުންދެއެވެ.
މިފަދަ ބޯހިމެނުމެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސައްހަ އަދި އިތުބާރު ހުރި ފުރިހަމަ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމެވެ. މީގެއިތުރުން، ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތަކަށް ބޭނުންވާ ހަރުދަނާ ބިންގަލެއް އެޅުމަކީ ވެސް މި ބޯހިމެނުމުގެ މުހިންމު ބޭނުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ރިއެކްޝަންސް





