އިންޑިއާގެ މަޝްހޫރު އެކްޓަރު ވިޖޭ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކޮށްފި
އިންޑިއާގެ މަޝްހޫރު ތަމަޅަ އެކްޓަރު ޖޯސެފް ވިޖޭ، ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ މިއަދު ކޮށްފިއެވެ.
މިއަދު ހެނދުނު ޗެންނާއީގެ ޖަވާހަރުލާލު ނެހްރޫ ސްޓޭޑިއަމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، ވިޖޭއަށް މަގާމުގެ ހުވާލައިދެއްވީ އެ ސްޓޭޓްގެ ގަވަރުނަރު ރަޖެންދުރަ ވިޝްވަނާތެވެ. މި ރަސްމިއްޔާތުގައި ވިޖޭއާ އެކު އޭނާގެ ސަރުކާރުގެ 9 މިނިސްޓަރަކު ވެސް ވަނީ މަގާމުގެ ހުވާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވެސް ބައިވެރިވެވަޑައިގަތެވެ. ކޮންގްރެސް އަކީ ވިޖޭގެ ސަރުކާރުގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ގުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 51 އަހަރުގެ ވިޖޭ އަކީ ޓަމިލް ނާޑޫގެ 9 ވަނަ ޗީފް މިނިސްޓަރެވެ. އޭނާ މި މަގާމަށް އިންތިޚާބުވީ މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ސްޓޭޓް އެސެމްބްލީ އިންތިޚާބުގައެވެ. މި އިންތިޚާބުގައި ވިޖޭގެ ޕާޓީ، ޓަމިލަގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) އިން ވަނީ އެސެމްބްލީގެ 234 ގޮނޑީގެ ތެރެއިން 120 ގޮނޑި ކާމިޔާބުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޓީވީކޭ އަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު އުފެއްދި އާ ޕާޓީއެކެވެ.
ފިލްމީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިޖޭ ސިޔާސީ ދާއިރާއަށް ނުކުމެ، ވެރިކަމާ ހަވާލުވިއިރު، އޭނާގެ ވަދާއީ ފިލްމެއްގެ ގޮތުގައި ފެނިގެންދާނީ 'ޖާނާ ނަޔަގަން' އެވެ. އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ 'ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް' (ގޯޓް) އެވެ.
ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޑީއެމްކޭ ޕާޓީގެ އެމްކޭ ސްޓާލިންއެވެ. ވިޖޭގެ ކުރިން ވެސް އެ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޖަޔަލަލީތާ، އެމްޖީ ރާމަޗަންދަރަން އަދި ވީއެން ޖަނާކީ ވަނީ ފުރުއްވާފައެވެ.
ރިއެކްޝަންސް





