ކުޑަކުދިންނަށް އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ޤައުމީ ޒިންމާއެއް: ރައީސް

ކުޑަކުދިންނަށް އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ޤައުމީ ޒިންމާއެއް: ރައީސް

5 hours ago - 11:26
Advertisement
Advertisement

ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް، އެކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ކުޑަކުދިންނަށް ދެވޭނެ އެންމެ ހަޤީޤީ ލޯބި ފެށެނީ އެކުދިންނަށް ދީނާއި ދުނިޔެވީ ކަންކަން އުނގަންނައިދިނުމުން ކަމަށެވެ. އަދި މާދަމާގެ މުޖުތަމަޢުގައި ޒިންމާދާރު ބައެއްގެ ގޮތުގައި އުޅެވޭނެ ފަދަ ޤާބިލްކަން އެކުދިންގެ ކިބައިގައި އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއްވެސް ކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާފާނެ ފަދަ ބަހަކަށް ނުވަތަ ޢަމަލަކަށް އެއްވެސް މިންވަރަކަށް ޖާގަ ނުދިނުމަކީ އެންމެންގެ ބޮޑު މަސްއޫލިއްޔަތެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.


މިއަދުގެ ޒަމާނީ ވަސީލަތްތަކާއި އިންޓަނެޓްގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ތަޢުލީމާއި މުނިފޫހިފިލުވުމަށް ކުދިންނަށް ދޭ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން އެކަށީގެންވާ ފުރުޞަތުތައް ލިބިގެން ބޮޑުވާ ކުއްޖަކަށް ހެދުމަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މީސްމީޑިއާ މެދުވެރިކޮށް ދިވެހި ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ހެޔޮލަފާ ދަރިންތަކެއް ހެދިބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު އުންމީދު ބޮޑު ކަމަށެވެ. އަދި ކުޑަކުދިންނަށް އަޅައިލާ، އޯގާތެރިކަމާއެކު އެކުދިން ޙިމާޔަތްކޮށްދޭ މުޖުތަމަޢެއްގައި ކުރިމަގުގެ އުންމީދުތައް ހަޤީޤަތަކަށް ވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement