އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

5 hours ago - 11:22

އައްޑޫ ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ.


"އައްޑޫ ބިޒްނަސް ޑައިލޮގް: ކުދި އަދި އަމިއްލަ ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން" މި ޝިޔާރުގެ ދަށުން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު އައްޑޫ ސިޓީގައެވެ.


މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިންވެސްޓްމަންޓް ޒޯންތައް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި ސިޔާސަތުގެ ސަބަބުން އައްޑޫ ސިޓީ ވެގެންދާނީ ރާއްޖޭގެ އައިޓީ ހަބަކަށެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ އަތޮޅުތެރެއަށް އިންވެސްޓުމަންޓުތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުން ކަމަށެވެ. އަދި ކުރިމަގުގައި މިފަދަ ފުރުސަތުތައް ރާއްޖޭގެ އެހެން އަތޮޅުތަކަށް ވެސް ފުޅާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.


ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޑައިލޮގްގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އިގުތިސާދީ ވުޒާރާގެ އިތުރުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ، މާލީ ވުޒާރާ، މީރާ އަދި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާ ހިމެނެއެވެ.
ވަޒީރު ސައީދު ވިދާޅުވި ގޮތުގައި މިހާ ގިނަ ވުޒާރާތަކެއް މި ފޯރަމުގައި ބައިވެރިކުރުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިވެރިންނަށް ބޭނުންވާ މައުލޫމާތުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.


ސަރުކާރުގެ އަމާޒަކީ 2027 އިން 2029 އަށް އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ފަހިކޮށްދީ، އެ ސިޓީގެ އިގުތިސާދު އިތުރަށް ވަރުގަދަކުރުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow