ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އިމްޕޯޓްކުރި ތެލުގެ އަގު 80 އިންސައްތަ އިތުރުވެއްޖެ
މި އަހަރު ރާއްޖެއަށް އެތެރެކުރި ތެލުގެ އަގު، ނިމުނު އަހަރާ އަޅާބަލާއިރު 80.3 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.8 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 28.1 ބިލިއަން ރުފިޔާއެވެ. ނިމުނު އަހަރުގެ މި މުއްދަތުގައި އެތެރެކޮށްފައިވަނީ 1.4 ބިލިއަން ޑޮލަރުގެ މުދާ ކަމަށްވުމުން، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 24.7 އިންސައްތައިގެ އިތުރުވުމެކެވެ.
އިމްޕޯޓު ކުރި މުދަލުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ ތެލުގެ ބާވަތްތަކުގެ އަގު ބޮޑުވުމެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ތެލަށް 276.1 މިލިއަން ޑޮލަރު ހޭދަވި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި ތެލުގެ ބާވަތްތަކަށް ވަނީ 498 މިލިއަން ޑޮލަރު ހޭދަވެފައެވެ.
ތެލުގެ ތަފާތު ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ޕެޓްރޯލުންނެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހު 82.2 މިލިއަން ޑޮލަރުގެ ޕެޓްރޯލު އެތެރެކުރިއިރު، މިއީ ނިމިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 127 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ޑީސަލަށް ކުރި ހޭދަ 208.5 މިލިއަން ޑޮލަރުން 376.8 މިލިއަން ޑޮލަރަށް އުފުލި، 80 އިންސައްތައިގެ އިތުރުވުމެއް ވަނީ ރެކޯޑު ކުރެވިފައެވެ. އަދި ޖެޓްފިއުލަށް ކުރި ހޭދަވެސް ވަނީ 27 އިންސައްތަ އިތުރުވެ، 24.4 މިލިއަން ޑޮލަރަށް އަރާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ކުރިމަތިވި ލޮޅުންތަކާ ގުޅިގެންނެވެ. މީގެ ނޭދެވޭ އަސަރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް ކުރި ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް މިކަމުގެ ބުރަ އުފުލަން ނުޖެހޭނެހެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން، އެހެން ގައުމުތަކުގައި ތެލުގެ އަގާއެކު ކަރަންޓާއި ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް އުފުލުނު ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި މިފަދަ މައްސަލަތަކެއް ކުރިމަތިނުވެ، އަގުތައް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ރިއެކްޝަންސް

