ކޫއްޑޫ މަސްބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 56 އިންސައްތަ ނިމިއްޖެ: އަންނަ އަހަރުގެ އޭޕްރީލަށް ނިންމާލެވޭނެ

ކޫއްޑޫ މަސްބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 56 އިންސައްތަ ނިމިއްޖެ: އަންނަ އަހަރުގެ އޭޕްރީލަށް ނިންމާލެވޭނެ

4 hours ago - 12:24
Advertisement
Advertisement

ގއ. ކޫއްޑޫ މަސްބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ ދެކުނުގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަސައްކަތެކެވެ.


އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކޫއްޑޫގެ މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 56 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ބަނދަރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.


މި މަޝްރޫޢުގެ ދަށުން ކޫއްޑޫގައި މިހާރު ބޭނުންކުރަމުންދާ 300 ފޫޓުގެ ބަނދަރު 1000 ފޫޓަށް ބޮޑުކުރެވިގެންދާނެއެވެ. މިއީ ކޫއްޑޫ ބަނދަރު ކުޑަވުމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.


މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ސައުދީ ފަންޑުން 78.37 ބިލިޔަން ރުފިޔާ އިންވެސްޓް ކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް މަސްކިރުވުމުގައްޔާއި ބަނދަރު ބޭނުންކުރުމުގައި މިހާރު ކުރިމަތިވާ ތޮއްޖެހުމަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.


މަޝްރޫޢުގެ ތަފްޞީލަށް ބަލާއިރު، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމުގެ 73 އިންސައްތަ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 71 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 70 އިންސައްތަ އަދި އެހެނިހެން މަސައްކަތްތަކުގެ 18 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.


ކޫއްޑޫ މަސްބަނދަރު ތަރައްޤީވެ ނިމުމުން، އެ ސަރަހައްދުގެ މަސްވެރިންނަށް ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement