ޓިކެޓް އަތުލައި ޕާޓީން ވަކިކުރި މައްސަލަ ޖާބިރު އިސްތިއުނާފް ކޮށްފި
ކާށިދޫ ދާއިރާގެ ޓިކެޓް ހާސިލްކުރި އަބްދުﷲ ޖާބިރުގެ ޓިކެޓް އަނބުރާ ނެގުމަށްފަހު ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި
އެމްޑީޕީ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ ޓިކެޓް ހާސިލްކުރި އަބްދުﷲ ޖާބިރުގެ ޓިކެޓް އަނބުރާ ނެގުމަށްފަހު ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުމުގައި ބުނާގޮތުން ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ދަނީ އަމަލުކުރައްވަމުންނެވެ.
އެމްޑީޕީ އާއި އެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ އަމަލެއް ކަމަށްވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން އެ މައްސަލަ ބެލި ކަމަށް އެމްޑީޕީން ވިދާޅުވިއެވެ.
އެ ކޮމިޓީން ނިންމާފައިވަނީ، އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށާއި، މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރުމަށެވެ.
އިސްތިއުނާފީ މައްސަލައިގައި ޖާބިރު ވިދާޅުވެފައި ވަނީ މިފަދަ ހުށަހެޅުމެއްގެ ރައްދުގައި މަޖިލީހަށް ފޮނުވާ ލިޔުމަކުން ނުވަތަ ހުދު ޝަޚްސީގޮތުން މަޖިލީހުގެ ކުރިމައްޗަށް ޙާޟިރުވެ އެ މެންބަރަކަށް ޖަވާބުދާރީ ވެވޭ ގޮތަށް ޤަވައިދުގައި ވަނިކޮށް ޤަވައިދާ ޚިލާފަށް އޭނަގެ ޓިކެޓް އަނބުރާ ނަގާފައިވާ ކަމަށާއި ޖަވާބުދާރީ ވާނެ ފުރުސަތެއް އޭނާއަށް ޕާޓީން ނުދެއްވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ޕާޓީން ވަކިކުރަން ނިންމި ސަބަބު އޭނައަށް އަންގާފައި ނުވާ ކަމަށާއި ޕާޓީން ވަކިކޮށް ޓިކެޓް ނެގިކަމަށް މީޑިއާ ތަކަށް މަޢުލޫމާތު ދީ، އެ ޚަބަރު މީޑިއާ ތަކުގެ ފަލަސުރުޚީ އަށް އެރުވުމަކީ އޭނަގެ އިންތިޚާބީ ޙައްޤަށް އަރައިގަތުން ކަމަށެވެ.
''އަޅުގަނޑު ޕާޓީން ވަކިކުރަން ހުށަހެޅިފައިވާ ސަަބަބު ޤައުމީ މަޖިލީހުގެ ލިޔުމަކުން އަޅުގަނޑަށް ނާންގާ، އަދި އަޅުގަނޑުގެ ފަރާތުން ކަމާމެދު ފާޑުކިޔުމަށް ލިޔުމަކުން ނުވަތަ ޚުދު ޝަޚްސީގޮތުން މަޖިލީހުގެ ކުރިމައްޗަށް ޙާޟިރުވެ ޖަވާބުދާރީ ވުމުގެ ކުޑަވެސް ފުރުޞަތެއް އަޅުގަނޑަށް ނުދީ، ނިންމަވާފައިވާ ނިންމެވުމެއް" ޖާބިރު ވިދާާޅުވެފައިވެއެވެ.
އެހެންކަމުން ޕާޓީގެ އަސާސީ ޤަވާޢިދުގެ ދަށުން ލިބިގެންވާ ޙައްޤުގެ ބޭނުންހިފައި، މި މައްސަލަ އިސްތިއުނާފުގެ މަޖިލީހަށް އިސްތިއުނާފު ކޮށްދިނުމަށް ޕާޓީގެ ޗެއަރޕަރސަން އަށް ޖާބިރު ވަނީ ހުށަހަޅާފައެވެ.
އަދި ހަމައެއާއެކު ޕާޓީގެ އަސާސީ ޤަވާޢިދާއި ކަނޑައެޅިގެން ޚިލާފަށް އޭނައަށް ފިޔަވަޅު އަޅައި، އޭނައާ ވާދަކުރި ޅ. ނައިފަރު/ ނޫވިލު ޢަބްދުﷲ ރިފްޢަތުއަށް ޕާޓީގެ ޓިކެޓް ނުލިބުމުގެ ސަބަބުން އިންތިޚާބީ ޙައްޤަށް ހުރަސްއެޅީ ޢަބްދުﷲ ރިފްޢަތު އާއި، ޕާޓީގެ ވަގުތީ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާ ދެމެދު އޮތް ޢާއިލީ ގުޅުމުގެ ތެރެއިން ޢަބްދުﷲ ރިފްޢަތު އަށް ފުރުޞަތު ހޯދައިދިނުމުގެ ނިޔަތުގައި ޕާޓީގެ ޤައުމީ މަޖިލީހަށް ނުފޫޒު ފޯރުވައިގެން އިސްތިއުނާފަށް ހުށަަހަޅާ މައްސަލާގައިވެސް އިންޞާފުވެރި ނިންމެވުމެއް ނިންމަވާފާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް