ތ. ގުރައިދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ތ. ގުރައިދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ރައީސް ވިދާޅުވީ ޚާއްސަ އިސްކަމެއް ދެއްވައިގެން ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތް ކުރައްވާނެ ކަމަށް.

7 months ago - 11:53
Feb 6, 2024 - 11:53

ކޮޅުމަޑުލު ގުރައިދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އެރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގައި ގުރައިދޫގެ އެއާޕޯޓުގެ މަޝްރޫޢު ޖެހިފައި ނުވަނީ އެމް.ޑީ.ޕީ ސަރުކާރުން ބަޖެޓުގެ މަސައްކަތް ކުރުމުން ކަމަށާއި އެހެން ނަމަވެސް ބަޖެޓުގައި ޖަހާފައި ނެތް ނަމަވެސް މިއަހަރުތެރޭ އެ މަޝްރޫއު ފަށްޓަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތް ހޯއްދަވަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.

"ތިބޭފުޅުންނަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުގާތު ދެންނެވި. އެކަން ކުރާނެ ކަމަށް އަޅުގަނޑު ދެންނެވިން. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަދިވެސް މުހިންމު ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތާއި މަގު ހެދުމާއި ކުޅިވަރުގެ އެކި ފެސިލިޓީތައް ގާއިމްކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ކޮޅުމަޑުލަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ގުރައިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވަންވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގުރައިދުއަށް ފައިބައިވަޑައިގަތުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި އެމަނިކުފާނު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow