ވައުދުވީ ފަދައިން އެންމެ ގިނަ ވޯޓު ލިބުނު ތ. ގުރައިދޫ އަށް ރައީސް ވަޑައިގެންފި
ރައީސް މުއިއްޒުވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އިންސައްތައެއްގެ އަޣުލަބިއްތަތު ލިބިވަޑައިގަންނަވާ ރަށަކަށް އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ރިޔާސީ އިންތިޚާބުގައި އެންމެ މަތީ އިންސައްތައެއްގެ ވޯޓު ލިބިވަޑައިގެންނެވި ކޮޅުމަޑުލު ގުރައިދޫއަށް ވަޑައިގެން ވައުދު ފުއްދަވައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުއިއްޒު އަތޮޅު ތެރޭގެ ރަށަކަށް ވަޑައިގެނެވި ފުރަތަމަ ދަތުރުފުޅެވެ.
ކޮޅުމަޑުލު ގުރައިދޫއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސްގެ ވަފުދުން ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ގުރައިދޫގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ދެއްވި ތާއީދާއި މިއަދު ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ގުރައިދޫގެ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ވަކިން ޚާއްސަކޮށް އެރަށުގައި އެޅުމަށް ވައުދުވެވަޑައިގެންނެވި އެއާޕޯޓުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.
ރިއެކްޝަންސް