
އިޒްރާއިލް އިން ޣައްޒާގެ އާބާދީ ރަފަޙްއަށް ޖަމާކުރުމުގެ ޕްލޭނަށް ކުރީގެ ދެ ބޮޑުވަޒީރުން ގެ ފާޑުކިޔުން
އިޒްރާއިލްއިން އިއުލާންކޮށްފައިވާ ޣައްޒާގެ މުޅި އާބާދީ ދެކުނު ރަފަޙްއަށް ޖަމާކުރުމުގެ ޕްލޭނަށް އަމަލުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރަފަޙްގައިސުންނާފަތިކޮށްލާފައި ހުރި އިމާރާތްތައް ސާފުކުރަމުން ދާ މިވަގުތު އިޒްރާއިލްގެ އެ ޕްލޭނަށް ކުރީގެ ދެ ބޮޑު ވަޒީރުން މިވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އިޒްރާއިލްގެ އަސްކަރިއްޔާއިން ރަފަޙްގައި މަސައްކަތްތަކެއް ކުރަމުން ގެންދާކަން އަލް ޖަޒީރާގެ ސަނަދް އިންވެސްޓިގޭޝަން ޔުނިޓުންވެސް ވަނީ ހާމަކޮށްފައެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އިޒްރާއިލްއިން ބުނި 'ހިއުމެނިޓޭރިއަން ސިޓީ' އަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިއީ ކުރިން ރޭވިގެން އެޕްރީލް މަހުން ފެށިގެން ތަޅާލާފައިވާ 28,600 ގެ ހިމެނޭ ބޮޑު ސަރަހައްދެއް ކަމަށްވެސް އެ ޔުނިޓުން ވަނީ ހާމަކޮށްފައެވެ. އިޒްރާއިލްގެ ދިފާއީ ވަޒީރު އިޒްރާއިލް ކާޓްޒް ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން 600,000 މީހުން ރަފަޙްއަށް އަނބުރާ ގެންނާނެކަމަށް ބުނެފައެވެ. އިޒްރާއިލްއިން ދަނީ އެސަރަހައްދުގައި ޤާއިމްކުރުމަށް 40,000 ޓެންޓު ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އދ ން ސިފަކޮށްފައިވާ "ޣައްޒާ ކޮންސަންޓްރޭޝަން ކޭމްޕް" ގެ ޕްލޭނާ ދެކޮޅަށް ފާޑުކިޔާ އެ ޕްލޭނަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް ހިންގާ ކޮންސަންޓްރޭޝަން ކޭމްޕެއް ކަމަށް ވިދާޅުވީ އިޒްރާއިލްގެ ކުރީގެ ބޮޑުވަޒީރު އިހޫދް އޮލްމާޓް އަދި ޔައިިރް ލިޕިޑްއެވެ.
"އޭގެން ނިކުންނާނެ ރަނގަޅެއް ނެތް. އެއީ ކޮންމެ ގޮތަކަށް ވިސްނި ކަމުގައި ވިއަސް ވަރަށް ގޯސް ހިޔާލެއް. ސަލާމަތީ, އިޤްތިޞާދީ ސިޔާސީ އަދި ލޮޖިސްޓިކަލް ގޮތުން ބެލިއަސް" ސުންނާފަތިކޮށްފައިވާ ރަފަޙްގައި އިޒްރާއިލްއިން ޤާއިމްކުރަން މަސައްކަތްކުރާ 'ހިމެނިޓޭރިއަން ސިޓީ' އާ ގުޅިގެން އިޒްރާއިލްގެ އާމީ ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އެންމެބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ލިޕިޑް ވިދާޅުވިިއެވެ.
ލިޕިޑް އިޒްރާއިލްގެ ބޮޑުވަޒީރުކަން ކޮށްފައިވަނީ 2022 ވަނަ އަހަރު އެންމެ ހަ މަސްދުވަހުގެ މުއްދަަކަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެއީ ހިމެނިޓޭރިއަން ސިޓީއެއްގެ ގޮތުގައި އެ ޕްލޭން އޭނާ ސިފަ ނުކުރާ ކަމަށާއި, އެކަން ކޮށްފިނަމަ އެއީ ކޮންސަންޓްރޭޝަން ކޭމްޕެއް ނޫން އެހެންތަނަކަށް ނުވާނެ ކަމަށެވެ.
2009 ން 2009 އަށް އިޒްރާއިލްގެ ބޮޑުވަޒީރުކަން ކުރެއްވި އޮލްމާޓް ވެސް ވަނީ އިޒްރާއިލްއިން ސުންނާފަތިވެފައިވާ ރަފަޙްއަށް ޣައްޒާގެ މުޅި އާބާދީ ޖަމާކުރުމަށް އިއުލާންކޮށްފައިވާ ޕްލޭނަނަށް ފާޅުގައި ފާޑުވިދާޅުވެފައެވެ.
"އިޓްސް އަ ކޮންސަންޓްރޭޝަން ކޭމްޕް. އައިމް ސޮރީ" އިނގިރޭސި ވިލާތުގެ ނޫހެއްކަމަށް ވާ ގާޑިއަން އަށް އޮލްމާޓް ވިދާޅުވެފައި ވެއެވެ.
"ފަލަޞްޠީނުގެ ރައްޔިތުން ހިއުމެނިޓޭރިއަން ސިޓީއެކޭ ކިޔާފަ ވަކި ސަރަހައްދަކަށް ޖަމާކޮށް އެމީހުން އެތަނުން ނުނިކުމެވޭގޮތް ހެދުން އެއީ ނަޞްލު ނައްތާލުމުގެ އެއްބައި. އެމީހުން ގެނެސް ޓެންޓްތަކަށް ޖަމާކޮށް ޣައްޒާގެ ބިމުގެ އެހެން ބައެއް ހުސްކުރުމަކީ ކޮންސަންޓްރޭޝަން ކޭމްޕަކަށް އެމީހުން ލުން ނޫން އެހެން ކަމެއް ގޮތެއް ކަމަށް އަހަންނަކަށް ޤަބޫލެއް ނުކުރެވޭ" އިތުރަށް އޮލްމާޓް ވިދާޅުވެފައި ވެއެވެ.
ދިފާއީ ވަޒީރު ކާޓްޒް ތަކުރާރުކޮށް ވަނީ ޣައްޒާގެ ރައްޔިތުން ރަފަޙްއަށް ދިއުމަށް ފަހު އެނބުރި ކުރިން އުޅުނު ތަންތަނަށް ދިއުމުގެ ހުއްދަ ނުދޭނެކަމަށް ބުނެފައވެެ. ޕްލޭންގެ ހީލަތްތެރި ރޭވުމުގެ ދަށުން މިހާރުވެސް އިޒްރާއިލްއިން އަންނަނީ ކާބޯތަކެތި ބެހުމުގެ ކަންކަން ހަމައެކަނި ރަފަޙްގައި ހަމަޖައްސަމުންނެވެ.
އިޒްރާއިލްގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ރަފަޙްއަށް ދިއުމަށް އޮންނަ ހަމައެކަނި މަގުން ރަފަޙްއަށް އެތެރެވުމަށް ފަހުން އަނބުރާ އައިކޮޅަށް ދިއުމަކީ މިހާރުވެސް ފަލަޞްތީނުގެރައްޔިތުންނަށް ލިބިދޭ ހައްޤެއްނޫނެވެ. ނަމަވެސް ހައިހޫނު ކަމުގައިވާ އާއިލާގެ މެމްބަރުންގެ ހައްގުގައި ރަފަޙްއަށް ކާބޯތަކެތީގެ އެއްވެސް މިންވަރެއް ލިބޭތޯ ދިއުން ޣައްޒާގެ ރައްޔިތުންނަށްވަނީ މަޖުބޫރު ވެފައެވެ.
ފުރަތަމަ ފިޔަވަހީގައި 600,000 މީހުން ރަފަޙްއަށް ގެންގޮސް އިޒްރާއިލްގެ މުޅި އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ޣައްޒާގެ 2.1 މިލިއަން މީހުން އެއްކޮށް ރަފަޙްއަށް ޖަމާކުރުމެވެ. ޣައްޒާ ދޫކޮށް ދާންބޭނުންވާ މީހުންނަށް ރަފަޙް ބޯޑަރު ހުރަސްކޮށް ދިއުމުގެ ފުރުޞަތު ފަހުން ލިބޭނެކަމަށް އިޒްރާއިލްއިން ބުނެފައި ވީނަމަވެސް ޣައްޒާގެ އެހެން ސަރަހައްދަކަށް ދިއުން ހުއްދަ ނުވާނެކަމަށް ވަނީ ބުނެފައެވެ.
މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައިވެސް އިޒްރާއިލްގެ މި ޔަހޫދީ ޕްލޭންއަކީ މުޅި ޣައްޒާއިން ފަަލަޞްޠީނުގެ ރައްޔިތުންގެ ވަސްވެސް ފޮހެލުމެވެ. އިޒްރާއިލް އިން މިހާރުވެސް ވަނީ އދ ގެ އެޖެންސީ ފޮރ ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) ވެސް ޣައްޒާގައި ހަރާކަތްތެރިވުން މަނާކޮށްފައެވެ. އަދި އަންރްވާގެ ވެރިޔާ ފިލިޕޭ ލަޒާރިނީ އިޒްރާއިލްއަށް އެރުންވެސް ވަނީ މަނާކޮށްފައެވެ.
ފާއިތުވި ހަފްތާގައި ލަޒާރިނީ ވަނީ އިޒްރާއިލްއިން މި ނުރައްކާތެރި ޕްލޭން ތަންފީޒުކުރަން ފަށައިފިނަމަ މިއީ ފަލަޞްޠީނުގެ ރައްޔިތުންގެ ދެވަނަ 'ނަކްބާ" ގެ ފެށުންކަމަށް ބުނެފައެވެ. ނަކްބާއަކީ 1948 ގައި އިޒްރާއިލްގެ ދައުލަތް އުފެއްދުމަށް ފަަލަސްޠީނުގެ ބިމުން އެމީހުން ނެރެލާ ގެދޮރުދޫކޮށް ދާން މަޖުބޫރު ކުރިވި ހާދިސާއެވެ.
ރިއެކްޝަންސް






