
މަގުމަތީގެ އެކްސިޑެންޓްތައް ގިނައިން ހިނގާފައިވަނީ ދުއްވާމީހުން ޓްރެފިކްގެ ޤަވާއިދާ ހިލާފްވުމުން: ފުލުހުން
ނުރައްކާތެރި މަގުމަތީގެ ހާދިސާތައް ގިނައިން ހިނގާފައިވަނީ އުޅަނދުތައް ދުއްވާ ފަރާތްތަކުން ޓްރެފިކް ގެ ޤަވާއިދާ ހިލާފް ވެފައިވާތީ ކަމުގައި އިއްޔެ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ މަގުމަތީގެ ހާދިސާތަކާ ގުޅޭ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސިޓީއާއި,ބްރިޖް އަދި ހައިވޭ ހިމެނޭހެން ޖުމްލަ 1101 މަގުމަތީގެ އެކްސިޑެންޓް ވަނީ ހިނގާފައެވެ. ފުލުހުންގެ ހިސާބުތައް ދައްކާގޮތުން އެންމެ ގިނައީ ކާރާއި ސައިކަލް ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތަކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އެއީ އެވަރެޖްކޮށް ދުވާލަކު 6 އެކްސިޑެންޓެވެ. އޭގެތެރެއިން 83 އިންސައްތަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އެއީ 911 އެކްސިޑެންޓެވެ. ބްރިޖް އާއި ހައިވޭ ގައި 190 އެކްސިޑެންޓް ހިނގާފައި ވެއެވެ.
ފުރާނައަށް ނުރައްކާ ވާ ވަރުގެ ބޮޑު 6 އެކްސިއްޓެއް ހިނގާފައިވާ ކަމަށް ރެކޯޑްކުރެވިފައި ވާއިރު, އެކްސިޑެންޓްތަކުގައި ފާއިތުވި 6 މަސް ދުވަހު ވަނީ 121 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައެވެ. އެކްސިޑެންޓްތަކުގައި 1107 އުޅަނދަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައި ކަމުގައި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ. އެއީ 745 އެކްސިޑެންޓެވެ. ސައިކަލާއި ކާރު ޖެހިގެން 295 އެކްސިޑެންޓް ހިނގާފައި ވާއިރު ސައިކަލާއި ސައިކަލު ޖެހިގެންވެސް 267 އެކްސިޑެންޓް ހިނގާފައި ވެއެވެ.
އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ވެހިކަލްގައި ތިބޭ މީހުން ފިލާފައިވާ 91 މައްސަލައެއް ހިމެނޭ އިރު ކާރާއި ކާރު ޖެހިގެންވެސް 89 މައްސަލައެއް ވަނީ ރެކޯޑް ކުރެވިފައެވެ.
މީގެ އިތުރުން އެހެނިގެން އެކި ބާވަތުގެ އުޅަނދުތަކާއެކު 40 ބަސް އެކްސިޑެންޓެއްވެސް ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ހިނގާފައި ވެއެވެ. ބަސް އެންމެ ގިނައިން އެކްސިޑެންޓް ވެފައިވަނީ ސައިކަލާއެވެ.
ބޮޑުތަކުރުފާނު މަގުން ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސްކުރަން މަސައްކަތްކުރު މީހެއްގެ ގައިގައާއި ދުއްވާފައި ދިޔަ ޕިކަލެއްގައި ޖެހި ހިތާމަވެރި ހާދިސާއެއް މީގެ އެއްދުވަސް ކުރިންވެސް ވަނީހިނގާފައެވެ. އެހާދިސާގައި ސައިކަލް ދުއްވަން އިން 17 އަހަރުގެ ކުއްޖާ ނިޔާވެފައިވާއިރު, ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށްވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި މަގު ހުރަސްކުރަން މަސައްކަތް ކުރި 40 އަހަރުގެ މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 1 ން ޖޫން 30 ގެ ނިޔަަލަށް މާލެ, ބްރިޖް އަދި ހައިވޭގައި ހިނގި އެކްސިޑެންޓްުތަކާގުޅޭ ތަފާސް ހިސާބުތައް ދައްކާގޮތުން މަގުހުރަސްކުރާ, ނުވަތަ ހިނގާފައި ދާ މީހުންގެ ގައިގައި ޖެހި ހިނގާފައިވަނީ 30 އެކްސިޑެންޓެކެވެ. އެއީ ގާތްގަނޑަކަށް 2.7 އިންސައްތައެވެ.
އާދިއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާ އާ ގުޅިގެން މަގުމަތީގައި ކަސްރަތަށް ދުވާ ފަރާތްތައް އެކަން ކުރުމަށް މަގުމަތި ބޭނުންނުކުރުމަށާއި އަދި އެކަން މަނާކުރުމަށް ސަރުކާރަށްވެސް އެފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ރިޕޯޓާއެކު ފުލުހުންވަނީ އެކްސިޑެންޓްތައް މަދުކުރުމަށާއި, މަގުތައް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ދުއްވާ މީހުންނާއި ހިނގާ މީހުންވެސް ޓްރެފިކްގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފައެވެ.
ރިއެކްޝަންސް






