އެވަރޓަންގެ ޓްރަޔަލް އިން ސެރީ އޭ ގެ ތަރިއަކަށް – މިހާރު މެންޗެސްޓަރ ޔުނައިޓަޑްގެ އާ އުއްމީދު
ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި
ހުކުރުދުވަހުގެ ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓަޑް އިން ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޖޯޝުއާ ޒަރކްޒީ މެޗުގެ 87 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ގޯލާއެކު ސަޕޯޓަރުންގެ މެދުގައި އޭނާ ކުއްލިއަކަށް ތަރިއަކަށް ވެއްޖެއެވެ. ޔުނައިޓަޑްގެ ޖަރޒީގައި ޒަރކްޒީ ކުޅުނު ފުރަތަމަ މެޗްގައި ކުޅެން ނިކުންތާ 26 މިނިޓް ތެރޭގައި ޖެހި ގޯލަކީ މުޅި މެޗްގައިވެސް ފެނުނު ހަމައެކަނި ގޯލެވެ.
މީގެ ފަސް އަހަރުކުރިން ބަޔާން މިއުނިކްގެ ޖަރޒީގައި އޭނާ ކުޅުނު ދެތިން މިނެޓް ބެލިނަމަވެސް އޯލްޑް ޓްރެފޯޑުން މިއަދު ފެނުނު ޒަރކްޒީގެ ޤާބިލްކަމާމެދު ހައިރާން ވާކަށް ނުޖެހޭނެއެވެ. ހެންސީ ފްލިކްގެ ކޯޗު ކަމުގެ ފުރަތަމަ ދުވަސްކޮޅު ބަޔާން މިއުނިކުން ބުންޑަސްލީގާ, ޖަރމަން ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިރު, އޭރު 18 އަހަރުގެ ފޯވާޑް ބައެއް މެޗުތަކުގައި ކުޅުނެވެ.
ހުރިހާ މެޗެއްގައި ނުކުޅު ނަމަވެސް ޒަރކްޒީ ޖަރުމަނުގެ މުބާރާތްތައް ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަޔާން މިއުނިކް ތާވަލްގެ 5 ވަނަ އަށް ވެއްޓިފައި ވަނިކޮށް ފްރެއިބާރގް އާ ދެކޮޅަށް ކުޅުނު މެޗްގެ 90 ވަނަ މިނިޓްގައި 1-1 ން އެއްވަރުވެ އިތުރަށް ތާވަލްގެ ފަހަތަށް ސޮއްސާލަފާނެ ކަމަށް ހީކުރެވުނެވެ.
ނަމަވެސް ނެދަލޭންޑްސްގެ ޒަރކްޒީ ކުޅެން އަރާ 104 ވަނަ ސިކުންތުގައި ސަރޖް ގްނެބްރީ ނަގައިދިން ހުރަހަކުން ގޯލްޖަހާ ބަޔާން މިއުނިކް 3-1 ން މޮޅުކޮށްދީ, ބަޔާންއަށް ހިތްހަމަޖެހުން ގެނުވިއެވެ.
އޭގެ ހަމަ ކުޑަދުވަސްކޮޅެއް ފަހުން ބަޔާން އިން ވްލްފްސްބާރގް އާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވާން ދަނިކޮށް, ބެންޗުން އަރާ 149 ވަނަ ސިކުންތުގައި ގޯލްޖަހާ 2 -0 ން ބަޔާން މޮޅުކޮށްދިނީވެސް އޭނާއެވެ.
ކުއްލިއަކަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ސްޓޭޖަށް އެރުމުގެ ކުރިން ޒަރކްޒީ އޭނާގެ ކްލަބް ކެރިއަރު ނެދަލެންޑްސްގައި ފެށީ 2007 ވަނަ އަހަރު ވަރަށް އާދައިގެ ޓީމަކުންނެވެ. އޭގެ ތިން އަހަރު ފަހުން ފެޔެނޯޑް އެކެޑެމީއަށް ބަދަލުވެ, އޭނާގެ ފުޓުބޯޅައިގެ ކުރިމަގު ބައްޓަންކުރުމުގެ ދަތުރުގައި ފޯވާޑެއްގެ ގޮތުގައި ކުރިއަށް ދިޔައެވެ.
ފެޔެނޯޑްގައި 16 އަދި 17 އަހަރުން ދަށުގެ ޓީމުގައި އެސީޒަންގައި އޭނާގެ ކުޅުމާމެދު ހިތްހަމަޖެހިފައިހުރި, ޒަރކްޒީ މޮޅު ގޯލްތަކެއްޖަހާ އެކްލަބަށް އުމުރުފުރާގެ ޑަޗް ލީގުވެސް ކާމިޔާބުކޮށްދިނެވެ.
ނަމަވެސް 17 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކަށް އެއްބަސްވުން ލިބުނުއިރު ޒަރކްޒީ ޖެހުނީ މަޑުކޮށްލާށެވެ. އެހެންކަމުން ކެރިއަރުގެ ޔަޤީންކަށް ދެމެހެއްޓުމަށް އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު ލިބޭތޯ އޭނާ ބެލިއެވެ. ނަމަވެސް ފެޔެނޯޑްގެ އެންމެ ވާދަވެރި ދެ ކްލަބަކީ ޒަރކްޒީއަށް ފަސޭހަ އޮޕްޝަނެއް ނޫނެވެ. އެއީ ފެޔެނޯޑަށް ދެވިދާނެ ދެރައެއް ކަމަށް އޭނާއަށް ހީވާތީއެވެ.
2017 ވަނަ އަހަރުގެ ހޫނު މޫސުމުގައި ގައުމުން ބޭރުގެ ދެ ކްލަބަކުން ޒަރކްޒީ އާމެދު ޝަޢުގުވެރިކަން ފާޅުކުރިއެވެ. އޭގެތެރޭގައި ޕްރިމިއަރ ލީގުގެ ކްލަބެއްވެސް ހިމެނެއެވެ. މިކަންވީ ޒަރކްޒީވެސް ހައިރާންކުރުވި ކަމަކަށެވެ.
ޒުވާން ކުޅުންތެރިޔާ ހޯދުމަށް ގަދަ ހިފުމަކަށް ދިޔައީ ޕްރިމިއާ ލީގުގެ ކްލަބް އެވަރޓަން އާއި ޖަރުމަނުގެ ބަޔާން މިއުނިކް އެވެ. އޭރު ޗެކް ރިޕަބްލިކްގައި އޮތް ބައިނަލްއަޤްވާމީ ޔޫތު މުބާރާތުގެ ދެ މެޗް ޒަރކްޒީ ކުޅުނެވެ.
"އެވަރޓަން އިން އަހަންނާމެދު ވަރަށް ސީރިއަސް. އެއީ އެވަރޓަންގެ ކޯޗަކީ ރޮނަލްޑް ކޭމަން ކަމަށްވެފަ, އޭރު އަހަރެން އެވަރޓަން އަށް ދިޔަނަމަ ކުރިއަށް ކުޅެން ލިބުމުގެ ފުރުސަތު ބޮޑުވާނެތީ. އެމީހުންގެ އެހާގިނަ ފޯވާޑުންނެއް އޭރު ނެތް" 2019ގެ އިންޓަވިއުއެއްގައި ޒާރކްޒީ ބުނެފައިވެއެވެ.
އޭރު އެވަރޓަން އިން ޒާރކްޒީއަށް ވަގުތުން އެއްބަސްވުން ދިންނަމަވެސް ބަޔާންއިން އޮފާ ލިބެންދެން އޭނާ މަޑުކުރީއެވެ. އެވަރޓަން އިން ތަންކޮޅެއް ގިނަ ވަގުތުވެސް ނެގިއެވެ.
"އެމީހުން އަހަރެން ފެޔެނޯޑްގައި ކުޅުނު ދެ މެޗް ބެލި. ނަމަވެސް އެއީ އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކުނު ދެ މެޗެއްނޫން. ބަޔާންއަށް އަހަންނާމެދު ޔަޤީންކަމެއްނެތް. އެކަމަކުވެސް އަހަރެން އެދުނިން އިތުރު ފުރުޞަތުދީފަ އަހަރެންގެ ފެންވަރު ވަޒަންކުރަން." ބަޔާން އިން އެކަމަށް އެއްބަސްވިއެވެ. އަދި ޒަރކްޒީ އޭނާގެ ޤާބިލްކަން ބަޔާންއަށް ސާބިތުކޮށްދިނެވެ.
އޭރު ޑަޗް ގިނަކުޅުންތެރިން ދިޔައީ އިނގިރޭސި ވިލާތަށެވެ. ޒަރކްޒީ އަކީ އޭރު ޖަރުމަނަށް ދިޔަ ފުރަތަމަ ކުޅުންތެރިޔާ އެވެ.
ޒަރކްޒީ ބަޔާންގައި ފެށީ 17 އަހަރުން ދަށުގެ ޓީމުގައި ނަމަވެސް ވަރަށް އަވަހަށް 19 އަހަރުން ދަށުގެ ޓީމުން އޭނާއަށް ޖާގަލިބި ސީޒަންގެ ދެވަނަބައި ހޭދަކުރީ ބަޔާންގެ ދެވަނަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.
ބައެއްފަހަރު ބަޔާންގެ ފުރަތަމަ ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބި, އެމެރިކާ އާއި ގަތަރުގައި ކުރިއަށްގެންދިޔަ ޓްރެއިނިން ސްކޮޑުންވެސް ޒަރކްޒީ ޖާގަ ހޯދިއެވެ. ހުވަފެނެއްދަފައިން ރޮބަރޓް ލެވަންޑޮސްކީ, ތޯމަސް މުލާ އަދި މެނުއަލް ނޯޔާ ފަދަ މޮޅު ކުޅުންތެރިންނާއެކު ޑްރެސިންރޫމް ހިއްސާކުރުމުގެ ފުރުޞަތުވެސް އެދަތުރުގައި ލިބުނެވެ.
ބައެއް ކަންކަމަކީ ވަގުތު ނަގާނެ ކަންކަމެވެ. އެކަމަށް ކެތްތެރިކަން ވަރަށް މުހިއްމުވެސް މެއެވެ.
ޗެމްޕިއަންސް ލީގުގައި ބަޔާންއިން ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުން ފިލިކްސް ޖާގަ ދިނުމާއި އެކު ބަޔާންގެ ޖަރޒީގައި ޒަރކްޒީ ރަސްމީކޮށް ކުޅުނު ފުރަތަމަ މެޗަށްފަހު ލީގު ޗެމްޕިއަންކަން ބަޔާންއަށް ހޯދައިދިނުމުގައި ޒަރކްޒީގެ ގޯލްތައް މުހިއްމު ދައުރެއް އަދާކުރިއެވެ.
އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ސެރީ އޭ ގެ ޕާމާ އަށް ބަދަލުވެ, ސީޒަން ނިމުމުން އިޓަލީގެ ބޮލޮނާއަށް ވިއްކާލިއެވެ. ނަމަވެސް ސެރީ އޭގެ ޖަރޒީގައި ކެތްތެރިކަމާއެކު ގިނައިން ހޭދަކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ނެދަލެންޑްގެ 21 އަހަރުން ދަށުގެ ޓީމްގައިވެސް އޭނާ ދިޔައީ ފޯވާޑެއްގެ ގޮތުގައި ނެދަލެންޑްސް ތަމްސީލުކުރަމުންނެވެ.
ބޮލޮނާގެ ޖަރޒީގައި ދެވަނަ އަހަރު 11 ގޯލްޖަހާ އެޓީމަށް ލީގު ހޯދައިދިނުމަށް މުހިއްމު ދައުރެއް އަދާކުރިއެވެ. ކޯޗު ކޫމަން މިއަހަރުގެ ޔޫރޯއަށް އެކުލަވާލި ގައުމީ ސްކޮޑްގައިވެސް އޭނާ ހިމެނުނެވެ. އެއީ ޓުއެން ކޫޕްމެއިނަރއަށް އަނިޔާވެ, ޓީމާ ވަކިވާން ޖެހުމުންނެވެ. 23 އަހަރުގެ ޒަރކްޒީ ވަނީ ޔޫރޯގެ ކްއާޓާ ފައިނަލްގައި ތުރުކިޔޭ އަތުން މޮޅުވި މެޗުގައި ކުޅެފައެވެ. އެއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
އަމިއްލަ ގަޢުމު ގޮވައިގެން ޔޫރޯ ސެމީ ފައިނަލްއަށް ދިޔައިރު ޒަރކްޒީ ވަނީ އޯލްޑްޓްރެފޯޑަށް ބަދަލުވުމާ ދާދި ކައިރީގައެވެ.
ޒަރކްޒީ އަކީ އެރިކް ޓެންހާގްގެ އަގުނުކުރެވޭ ވަރުގެ އެސެޓެއްގެ ގޮތުގައި މެންޗެސްޓަރ ޔުނައިޓަޑްގެ ޑްރެސިން ރޫމް އަށް އިތުރުވެގެންދިޔަ ހުނަރުވެރި ކުޅުންތެރިއެކެވެ. ފާއިތުވެދިޔަ ދެތިން އަހަރު އޭނާވަނީ ބޯޅަ ކޮއްޓުމާއި ނެއްޓުން, ބޯޅަ ލިބިގަތުމާއި ދިނުމުގެ ހުނަރާއި އަދި ދަނޑުމަތީގެ ދުވުމުގެ ހުނަރުތައް ވަރަށްބޮޑަށް ތަރައްޤީކޮށްފައެވެ.
އޭނާގެ ޓެކްނިކްސް އާއި އުފެއްދުންތެރިކަމުގެ ހުނަރު ހާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ޔަގީނުންވެސް ޒަރކްޒީ ޔުނައިޓަޑާ ގުޅުމުން ނެދަލޭންޑްސްގެ ފޯވާޑް ރަސްމުސް ހޮއިލުންޑް ވަރަށް އުފާވާނެއެވެ.
ރިއެކްޝަންސް