މަޖިލިހުގެ ރައީސް ޗައިނާއަށް
ސެމިނާ އޮތީ މިމަހުގެ 19-28 އަށް
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ޗައިނާއަށް ވަޑައިގެންފިއެވެ.
މަޖިލުހުގެ ރައީސް ޗައިނާއަށް ވަޑައިގެންނެވީ އެސްޑީޖީސް ސެމިނާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ވިދާޅުވީ މަޖިލިހުގެ ރައީސްގެ މިދަތުރުފުޅަކީ "2024 އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މަޖިލިހުގެ ރައީސްގެ އަރިހުގައި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. މިއީ އިންޓަރ ޕާލިމަންޓަރީ ޔޫނިއަންއިން އިންތިޒާމްކޮށްގެން މިމަހުގެ 19-28 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ ސެމިނާއެކެވެ. މިސެމިނާގައި ރާއްޖެ ހިމެނޭ ގޮތަށް 32 ގައުމެއްގެ ޤާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ބައިވެރިވެވަޑަައިގަންނަވާނެ އެވެ.
މިއީ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިފަދަ ސެމިނާއެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެކުރިންވެސް އަބްދުއްރަހީމް މަޖިލިހުގެ މެމްބަރުކަން ކުރެއްވި ނަމަވެސް މަޖިލިހުގެ ރައީސްކަން ކުރައްވަނީ ހިނގަމުންދާ 20 ވަނަ މަޖިލިހުގައެވެ.
ރިއެކްޝަންސް