މޮޑްރިޗް އަށް ރެއާލްގެ ކުރީގެ އަދި މިހާރުގެ ތަރިންގެ ޖަޒުބާތީ ވަދާއީ މެސެޖް -  ފުން ލޯތްބާއި އިޙްތިރާމާއެކު

މޮޑްރިޗް އަށް ރެއާލްގެ ކުރީގެ އަދި މިހާރުގެ ތަރިންގެ ޖަޒުބާތީ ވަދާއީ މެސެޖް - ފުން ލޯތްބާއި އިޙްތިރާމާއެކު

ކުޅުންތެރިންވަނީ މޮޑްރިޗްގެ 'ހިއުމަން ކޮލިޓީ' އާއި އަމިއްލަ އެދުމެއްނެތްކަން ފާހަގަކޮށްފަ

9 hours ago - 20:18
May 23, 2025 - 20:19

ފާއިތުވި 13 ސީޒަން ރެއާލް މެޑްރިޑްގައި ހޭދަކުރުމަށްފަހު ކްލަބާ ވަކިވާން ވަގުތު އައިސްފައިވާކަން ރެއާލް ގެ ލެޖެންޑް ލޫކާ މޮޑްރިޗް އިއުލާން ކުރުމާއެކު ރެއާލްގެ ކުރީގެ ލެޖެންޑުންނާއި, މިހާރުގެ ތަރިން މޮޑްރިޗްއަށް ލޯތްބާއި އިޙްތިރާމް މީސްމީޑިއާއަށް ބަނޑުންކޮށްލައިފިއެވެ. 

މީސްމީޑިއާގައި ބައެއްތަރިން ވަރަށް ޖަޒުބާތީ ވާހަކަތަކެއް މޮޑްރިޗްގެ ވަކިވުމާއެކު ހިއްސާކުރަމުންދާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ މޮޑްރިޗްގެ އަމިއްލަ އެދުމެއްނެތް ކަމުގެ ވާހަކަ އާއި 'ހިއުމަން ކޮލިޓީ' ގެ ވާހަކައެވެ. ޒުވާން ކުޅުންތެރިންނަށް ދޭ ނަސޭހަތާއެކު އެމީހުންގެ އިންސްޕިރޭޝަނަކަށް ބަލާ މޮޑްރިޗްގެ ހިތްތިރިކަމުގެ ވާހަކައެވެ.  ދަނޑުމައްޗާއި ދަނޑުން ބޭރުގައި އޭނާގެ ފަރާތުން ދަސްކުރި ފިލާވަޅު ތަކުގެ ވާހަކައެވެ. 

"މިވަގުތު އަހަރެންގެ މި ހިތާމަ ކުޑަކޮށްވެސް ލުއިކޮށްދޭ ކަމަކީ (މޮޑްރިޗްގެ) ޓީމް މެމްބަރެއްގެ ގޮތުގައި ހުރުމުގެ ޝަރަފު. ދަނޑު މަތީގަ އާއި ދަނޑުން ބޭރުގައިވެސް އެތައްބައިވަރު ހަނދާންތަކެއް. އެހުރިހާކަމެއް އަހަރެން ހަޒާނާއެއް ފަދައިން އަބަދައް ރައްކާކުރާނަން. ތިއީ ފުޓްބޯޅައިގެ ހުރިހާ ހިތްގައިމުކަމެއް އަބަދުވެސް ހަނދާންކޮށްދޭނެ ފަރާތެއް. އަމިއްލަ އެދުމެއްނެތް ކަމުގެ އިންތިހާ. ކޮންމެ ޑްރިބްލް އެއް, ކޮންމެ ޝޮޓެއް, މަނާވީ އެތައް ވާހަކަތަކެއް, ކޮންމެ ބައްދާލުމެއް, ރޭގަނޑުގެ ކޮންމެ ކެއުމެއް, ކޮންމެ އަގުހުރި ނަސޭހަތެއް އަބަދުވެސް އަހަންނާއެކީ ވާނެ" މިއީ މޮޑްރިޗްގެ ވަދާއީ މެސެޖާއެކު މިީސް މީޑިއާއަށް ރެއާލް މެޑްރިޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ދޫކޮށްލި އަސަރުގަދަ ސިޓީގެ ބައެކެވެ. 

Advertisement

ރެއާލްގެ ޒުވާން ކުޅުންތެރިން އެމީހުންގެ ފުޓްބޯޅައިގެ ގުރޫއެއް ގޮތަށް ދެކެމުން އައި މޮޑްރިޗް އާއެކު ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗަށް ތައްޔާރުނުވެ ތިއްބާ ކުއްލިއަކަށް އައި ތޫފާނެއް ފަދައިން އެކަމާ ކުރިމަތިލާން ޖެހުމުން ކުރާ އަސަރު މެސެޖުތަކުން ހާމަވެއެވެ. ހިތްހަލާކުވެފައިވާ އާޝިގުންތަކެއް ފަދައިން އެ ކުޅުންތެރިންދަނީ އެކަން ހާމަކުރަމުންނެވެ. ބައެއް ކުޅުންތެރިން ދެން އެކުގައި މެޗެއް ކުޅުމުގެ ފުރުޞަތު ނެތިދާނެކަމުގެ ހިތާމައާއެކުއެވެ. 

ރެއާލްގެ މެދުތެރެއަށްކުޅޭ އެޑުއާޑޯ ކަމަވިންގާ ވަނީ އޭނާއަށް މޮޑްރިޗް އާ އެކީ ކުޅޭ އެންމެ ފަހު މެޗު މިހާރު ކުޅެ ނިމިފައިވެދާނޭ ކަމާމެދު ހިތާމަކޮށް ޝުއޫރު ފާޅުކޮށްފައެވެ. "ފުޓްބޯޅައިގެ ލެޖެންޑެއް. ހަޤީގީ ރޯލް މޮޑެލްއެއް. ލޫކާ! ތިބާއާއެކު ޑްރެސިން ރޫމް ހިއްސާކުރަން ލިބުމަކީ ޝަރަފެއް. އަހަންނަށް ތިބާގެ ފަރާތުން ބައިވަރު އެއްޗެހި ދަސްވެއްޖެ. މޮޅުކަން ވަރަށް ކައިރިން ފެނިއްޖެ. އަލުން މި ޑްރެސިން ރޫމުން ދެން ނުފެންނާނެ ކަމުގެ އިޙްސާސް ކުރެވުނަސް ވަރަށް ދެރަވޭ. އަހަރެމެންނަށް މަގުދައްކައިދިން ދިނުމާއި, ތި އެކުވެރިކަމާ ތި ޖާދޫއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް މިސްވާނެ" ކަަމަވިންގާ ބުނެފައި ވެއެވެެ.

ރެއާލްގެ ކުރީގެ ލެޖެންޑުން ކަމަށްވާ ކްރިސްއާނޯ ރޮނާލްޑޯ, ކަރިމް ބެންޒެމާ އަދި ސާޖިއޯ ރާމޯސް ފަދަ ކުޅުންތެރިންވެސް ވަނީ މީސް މީޑިއާގައި މޮޑްރިޗް ރެއާލްގެ ކުުންތެރިއެއްގެ ގޮތުގައި ސެންޓިއޭގޯ ބާނަބެއު އިން ނުފެންނާނެ ކަމުގެ ހުސްކަން އިޙްސާސް ކުރާ ކަމަށް ބުނެ މޮޑްރިޗް އާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

"އާދަޔާ ޚިލާފް ކުޅުންތެރިއެއް. ފުޓްބޯޅައިގަ ވެސް އަދި އިންސާނެއްގެ ކޮލިޓީއަށް ބެލިއަސް. އަހަރެންގެ ރަޙްމަތްތެރިއެއްގެ ގޮތުން އަހަރެން ފަޙުރުވެރިވާ އެކަކު, ބާނަބެއުގެ ސްޕޮޓް ލައިޓްތައް ދެން ފެހިދަނޑުން ތިބާ ހޯދާކަށް ނޭނބުރޭނެ. އެކަމަކު މެޑްރިޑްގެ ތާރީޙް ފޮތުގައި އެންމެ ވަރުގަދަ ލިޔާ ކޮންމެ ތަނަކާ ޖެހިގެން ތިބާގެ ނަން އޮންނާނެ. ފުޓްބޯޅައަކީ އާޓެއް ކަމަށް ހެދި ކުޅުންިތެރިޔާ. އެކުޅުންތެރިޔަކަށްޓަކައި ސްޓޭޑިއަމްތައް ފުރާލި އަދި ސްކްރީންތައް ކައިރިއަށް މީހުން ޖަމާކުރި ކުޅުންތެރިޔާ. އަހަރެންގެ ލުކިޓާ! ވަރަށް ވަރަށް ލޯބިވޭ. ދެން އޮތް ބާބަށް ކާމިޔާބީއަށް އެދެން" ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު, މޮޑްރިޗް އާއެކު 9 އަހަރު ރެއާލަށް ކުޅުނު ސާޖިއޯ ރާމޯސް އޭނާގެ ފޭސްބުކްގައި މޮޑްރިޗް އާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކުރަމުން ދޫކޮށްލި ޕޯސްޓްގައި ބުނެފައި ވެއެވެެ.

ކަރީމް ބެންޒީމާ ބުނީ މޮޑްރިޗް އަކީ ރެއާލްގެ ތާރީޙްގައި މުޅިއުމުރަށް ވެސް 10 ނަމްބަރު ޖޯޒީ ހާއްސަވާނެ ފަަރާތް ކަމަށާއި, އެކުގައި ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. 

މޮޑްރިޗް ރެއާލް ދޫކޮށްލާކަން އިއުލާން ކުރި ޕޯސްޓަށް ރެއާލްގެ ކުރީގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކޮމެންޓް ކޮށްފައެވެ. "ހުރިހާ ކަމަކަމަށް ޝުކުރިއްޔާ ލޫކާ. ކްލަބުގައި އެކުގައި ހޭދަކުރެވުނު ވަގުތު ތަކަކީ ވަރަށް  ބޮޑު ޝަރަފެއް. ކުރިއަށް އޮތް ދުވަސްތަކަށް ކާމިޔާބީޢަށް އެދެން" ރަތް ކުލައިގެ ހިތެއް އިން އިމޯޖީ އަކާއެކު ރޮނާލްޑޯ ބުނެފައި ވެއެވެ.

މިހާރު ޒުވާން އެހެން ކުޅުންތެރިން ކަމަށްވާ ވިނީޝިއުސް ޖޫނިއަރ  އަދި އެމްބާޕޭ ވެސް ވަނީ މޮޑްރިޗް ރެއާލްއާ ވަކިވާ ކަމުގެ ހިތާމަ މީސްމީޑިއާ އަށް ބަންޑުންކޮށްލާފައެވެ.

"ވަކިވާ ވާހަކަ ބުންޏަސް ހާދަ އުނދަގުލޭ. އަަހަރުތަކެއް ވަންދެން ޑްރެސިން ރޫމް ހިއްސާކުރި ލެޖެންޑާ ވަކުވުމަކީ ބޮޑު ހިތާމައެއް. އެކުގައި ހޯދި ހުރިހާ ޓްރޮފީއަކަށްވުރެ  އެ ހުނަރާއި އަމިއްލަ އެދުމެއްނެތްކަން އެތައްހާސް ބަހަކަށްވުރެ ބޮޑު. ހުރިހާ ނަސޭހަތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިބާގެ ފުޓްބޯޅައަކީ ހަމަ އާޓެއް. އެހާވެސް ފުރިހަމަ. އަހަރެންނާ މެދު ބެހެއްޓި ގާތްކަމަކީ ބޮޑު ހަދިޔާއެއް. ކޮންމެ ދުވަހެއްގެ އޯގާތެރިކަން އަހަރެން ވަރަށް ހަނދާންވާނެ. ވަރަށް ބޮޑަށް ލޯބިވޭ" ރެއާލްގައި ހޭދަކުރަމުންދާ ދުވަސްތަކުގައި އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުންގެ ބުލީގެ ޝިކާރައަކަށް އެތައް ފަހަރަކު ވެފައިވާ ވިނީޝިއުސް ޖޫނިއަރ ލިޔެފައި ވެއެވެ.

އެމްބާޕޭ ބުނީ އެންމެ މޮޅުކަން އެންމެ ކައިރިން ފެނުމަކީ ކޮބައިކަން އެނގިއްޖެ ކަމަށާއި މޮޑްރިޗްއާކު އެކު ޑްރެސިން ރޫމް  ހިއްސާކޮށް އެކުގައި ފުޓްބޯޅާ ކުޅުމަކީ ހަޤީގަތުގައި ވެސް ބޮޑު އުފަލެއް ކަމަށެވެ. އަދި މޮޑްރިޗްއާ އެކު ކުޅުން ފާހަގަކުރީ ބޮޑު ނަސީބެއްގެ ގޮތުގައެވެ.  މޮޑްރިޗް އަކީ އަޖައިބެއްފަދަ އިންސާނެއް ކަމަށާއި ކްލަބަށް ހޯދައިދިން ތަށި ތަކުގެ އިތުރުން އަގުނުކުރެވޭ އެއްޗެއް މޮޑްރިޗް މި 10 އަހަރެއްހާ ދުވަހު ހޯދައިފި ކަމަށްވެސް އެމްބާޕޭ ބުންޏެވެ. "އިޙްތިރާމާއި މުޅި ދުނިޔޭގެ ތައުރީފް. ޝުކުރިއްޔާ ލެޖެންޑް".

ރެއާލް މެޑްރިޑް ގެ ގޯލް ކީޕަރު ތިބޯޓް ކޯޓުއާ ވަނީ ދަތުރުކުރާއިރު ޕްލޭންގައި އޭނާއާ ޖެހިގެން އިންނަ މޮޑްރިޗް ވަރަށް މިސްވާނެ ކަމަށް ބުނެފައެވެ. މޮޑްރިޗަކީ ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައިވެސް މިސާލެއްކަމަށް އޭނާ ބުންޏެވެ. އަދި މޮޑްރިޗްގެ ޓީމް މޭޓެކޭ ފަހުރުވެރިކަމާއެކު އަބަދުވެސް ބުނާނެ ކަމުގައި ކޯޓުއާ ބުނެފައި ވެއެވެ. 

ޑިފެންޑަރު އެނޓޯނިއޯ ރުޑީގާވެސް ވަނީ މޮޑްރިޗްއާ އެކު އެއްޓީމެއްގައި ކުޅުމަކީ ބޮޑު ޝަރަފެއް ކަމަށް ބުނެފައެވެ. އަދި އެއީ ދުނިޔޭގެ ފެންވަރުގެ ކެރިއަރެއް އަދި ކެރެކްޓަރ އެއްކަމުގައި ވެސް ރުޑީގާގެ ޕޯސްޓްގައި ބުނެފައި ވެއެވެެ.

"ކިތަންމެ ދަތީގައި އަދި އެކަމެއް ހާސިލްކުރަން ވަގުތު ނެގިއަސް ކެތްތެރިކާއެކު އެކަމަށް މަސައްކަތް ކުރުން އެއީ އަހަރެން ލުކާގެ ކައިރިން ދަސްކުރި ކަމެއް. އަމިއްލަ އެދުމެއް ނެތް ފުރިހަމަ އިންސާނެއް. ހަތް އަހަރު ވަންދެން އެކުގައި ފުޓްބޯޅަ ކުޅެންލިބުމަކީ އަހަރެން ޝުކުރުވެރިވާ ކަމެއް. ތި ވާހަކައިގެ ކުޑަ ހިއްސާއަކަށް އަހަރެން ވިއަސް އަހަރެންގެ ވާހަކައިގައި ތި ހިއްސާ ވަރަށް ބޮޑު" ފެޑްރީކޯ ވަލްވާޑޭ މޮޑްރިޗް އާ ބެހޭގޮތުން ބުނެފައި ވެއެވެ.

ރެއާލަށް މިވަގުތު ކުޅެމުންދާ އެންމެ ހަގު އެއް ކުޅުންތެރިޔާ ތުރުކީގެ އަރްދާ ގުލާ ބުނީ ރެއާލްގެ ޖޯޒީގައި ފުޓްބޯޅައަށް ލޯބިކުރާ އެންމެން އިންސްޕަޔަރ ވާވަރުގެ ވާހަކައެއް މޮޑްރިޗް ލިޔެދީފި ކަމަށާއި, އެކުގައި ކުޅެ ބައިވަރު އެއްޗެހި މޮޑްރިޗްގެ ފަރާުން އޭނާއަށް ދަސްވެފައިވާ ކަމަށެވެ. "ތިބާގެ ފާރާތުން ލިބޭ ދިރިއުޅުމާއި ފުޓްބޯޅައާ ގުޅޭ ނަސޭހަތާއި, ތި ޝައުޤު ދެކެލަން ލިބުމާއި ތި ކެރެކްޓަރ އަކީ ހަމަ ނަސީބެއް ލިބުންކަހަލަ. ތި ފިޔަވަޅުތަކުގެ ދަށުން ހިނގުމަކީ އަހަރެންގެ ޒިންމާއެއް. އަދި އެއީ ފަޙުރުވެރިކަމާއެކު އަހަރެން ކުރާނެ ކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ" އިންސްޓަގްރާމްގައި ގުލާ ކޮށްފައިވާ ޕޯސްޓް ގައި ބުނެފައި ވެއެވެ.

"ލޫކާ. އަހަރެމެން ފުޓްބޯޅައަށްވުރެ ގިނަ ކަންކަން ހިއްސާކޮށްފިން އެކުގައި. ހުވަފެންތަކާއި, ބައްޔާއި މޮޅާ, ހުނުމާއި ބަސްމޮށުމެއް ނެތްކަން ވެސް. ތިއީ ޓީމް މޭޓަކަށްވުރެ ގާތް މީހެއް. ތި ހުނަރާއި, އަމިއްލަ އެދުމެއް ނެތްކަމަކީ އިންސްޕިރޭޝަން އެއް. ކޮންމެ  މިނިޓަކަށް, ދެކެވުނު  ކޮންމެވާހަކައަކަށް ޝުކުރިއްޔާ. ބްރަދާ. ވަރަށް ލޯބިވޭ"  ރެއާލްގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް މާލެސޯ ވަނީ  މިއަދަކީ ހިތުގައި ރިއްސާ ދުވަހެއް ކަމަށް ބުނެފައެވެ. 10 އަހަރު އެއީ އަމިއްލަ ގެ ކަމުގައި ބަލައިގެން އުޅުނުތަން ދޫކޮށްލުމަކީ ވަރަށް ވޭންއަޅާ ކަމެއްކަމަށް މާސެލޯގެ ޕޯސްޓްގައި ބުނެފައި ވެއެވެ. 

މޮޑްރިޗްގެ ވަކިވުމާ ގުޅިގެން ރެއާލްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މީސްމިޑިއާގައި ވަނީ ކުޅުންތެރިންގެ ޝުއޫރުތައް ބަންޑުން ކޮށްލާފައެވެ. ރެއާލްގެ ފޭނުންނާއި ކުޅުންތެރިންގެ ހިތްތައް ރޮއްވާލުމަށް ފަހު މޮޑްރިޗްގެ ވަދާއީ މެޗު އާދިއްތަ ދުވަހު ސެންޓިއޭގޯ ބާނެބައުގައި އޮންނާނެއެވެ. ކިތަންމެ ބޭނުން ނުވިއަސް އެ ހިތްދަތި ވަގުތުކޮޅު ތަޖުރިބާ ކުރާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow