އިޒްރާއިލްއިން ހަނގުރާމައިގެ އިތުރު ޖަރީމާއަކަށް ފަސްއަޅާ ފޮރުވާލައިފި, ދުނިޔޭގެ މޫނު އަނެއްފަރާތަށް!
ހަށިތައް ވަޅުލާފައިވާ ސަރަަޙައްދު. ފޮޓޯ: ރޮއިޓާސްް

އިޒްރާއިލްއިން ހަނގުރާމައިގެ އިތުރު ޖަރީމާއަކަށް ފަސްއަޅާ ފޮރުވާލައިފި, ދުނިޔޭގެ މޫނު އަނެއްފަރާތަށް!

1 day ago - 01:28
Apr 2, 2025 - 01:37

މުޙައްމަދު ބަހްލޯލްގެ ކޮންމެ ދުވަހެއް އޭނާ ހޭދަކުރި މީހުންގެ ފުރާނަ ސަލާމަތްކުރުމުގައެވެ. ފަލަޞްޘީނުގެ ރެޑް ކްރެސެންޓްގެ ސިއްޙީ އެހީތެރިއެއްގެ ގޮތުން ޣައްޒާއައި އޭނާ ހަމަ ކޮންމެވަގުތަކުވެސް ކޮންމެވެސް ތަނަކަށް މީހެއްގެ ފުރާނަ ސަލާމަތްކުރަން ދާންޖެހިދާނެއެވެ. އެއިން ކޮންމެ ފަހަރަކީވެސް އަނބުރާ އާއިލާކައިރިއަށް އާދެވޭނެ ކަމުގެ ޔަޤީންކަމެއް އޮންނަ ފަހަރެއް ނޫނެވެ.

ފިޠުރު ޢީދުގެ ހަފުތާއެއްކުރިން 23 މާޗުގައި މުޙައްމަދު ފޮނުވާލެވުނީ ރަފަޙްގެ ތަލް އަލް-ޞުލްތާންގައި ޒަހަމްވެ ތާށިވެފައިތިބި ބަޔަކަށް ފަރުވާދީ އެމީހުން ސަލާމަތްކުރުމަށް ޣައްޒާގެ މަދަނީ ދިފާއުގެ ޓީމަކާއެކުއެވެ. ރެޑް ކްރެސެންޓާއި މަދަނީ ދިފާއުގެ ޓީމު އެތަނަށް އައިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިޒްރާއިލްގެ ފައުޖުތަކުން މުޅި ސަރަޙައްދަށް ވަދެގަނެ އެމީހުން ވަށާލިއެވެ. އޭރުވެސް އެމީހުންތިބީ މައި މަރުކަޒާ ގުޅިފައި ކަމުން އިޒްރާއިލްގެ އަސްކަރިއްޔާގެ މި އަމަލު ސިއްރުކުރެވޭ ގޮތެއް ނުވިއެވެ. އަދި އެމީހުން ޤަތުލުކުރާނޭ ކަމަށްވެސް ހަބަރެއްނުވެ ދިގުލާދިޔަ ކޮންމެ ދުވަހަކާއެކު ދިޔައީ ހީކުރެވެމުންނެވެ.

Advertisement

އެޓީމުގެ މެމްބަރުންގެ ހޯދުމުގެ މަސައްކަތުގައި މީހުން ސަލާމަތް އިތުރު ޓީމުން އެސަރަޙައްދަށް ފޮނުވުނެވެ. ދަތުރުކުރަމުންދާތާ ހަތަރުވަނައަށް ވީދުވަހު, މާރިޗު 29 ވަނަ ދުވަހު  އދ ގެ މުވައްޒަފުންނަށް އެސަރަހައްދަށް ވަދެވުނުއިރުވެސް ރަފަޙްއިން ނިކުންނަމުންދާ އާންމުންގެ ގަޔަށް އިޒްރާއިލްއިން ބަޑިޖަހާ މަންޒަރު ވަނީ ފެނިފައިވެއެވެ. ކުރީގެ ޓީމާ ގުޅުން ކެނޑުނު ސަރަޙައްދަށް ދެވުނީ ދަތުރުކުރާތާ ފަސްވަނައަށް ވީދުވަހުއެވެ. އެތަން އެމީހުންނާ މާދުރުން ފާހަގަވީ އެތަނުން އެއް އެމްބިއުލާންސްގެ އިމަޖެއްސީ ލައިޓެއް ދިއްލިފައި އޮތުމުންނެވެ.

އޭރު އެމީހުން ދަތުރުކުރި އދގެ އެމްބިއުލާންސް ތަކާއި މަދަނީ ދިފާއިގެ އުޅަނދުތައް ހަލާކުކޮށް ފިއްތާލާފައި އެސަރަޙައްދުގައި އޮތެވެ. އުޅަނދުތަކުގެ ބައެއްބައިތައް ވަނީ ވެޅީގެ ތެރޭގައި ވަޅުލާފައެވެ. ގަޑިއިރުތަކެއްވަންދެން ކޮނުނުފަހުން އެސަރަޙައްދުން ފުރަތަމަ ފެނުނީ އެންމެ ހަށިގަނޑެކެވެ. އެއީ މުޙައްމަދާއެކު މަސައްކަތްކުރި އަންވަރް އަލްޓާއެވެ.

ރެޑް ކްރެސެންޓްގެ ސިއްޙީ އެހީތެރިންނާއި މަދަނީ ދިފާއުގެ ޓީމުގެ ބާކީ 14 މެމްބަރުން ޝަހީދުކޮށްލާ އެއްކޮށް ވަޅުލާފައިވާ މާސިންގާ ކަށްވަޅު ފެނުނީ ފިޠުރު ޢީދު ދުވަހުއެވެ. އެމީހުން ވަޅުލާފައިތިބީ އެމީހުން އޭރުވެސް ހަރަކާތްތެރވި ރެޑްކްރެސެންޓް އަދި މަދަނީ ދިފާއުގެ ޔުނިފޯމްތަކުގައެވެ. އަތަށް ލައްވައިގެން ތިބި އަންގިތައްވެސް ހުއްޓެވެ. އެހަށިތަކަކީ މުޙައްމަދާއި އޭނާ އާ އެކުގައި މަސައްކަތްކުރާ މުޞްޠަފާ ޚަފާޖާ, އެޒެޑިން ޝާއަތް, ސަލެޙް މޮއައްމަރް, ރިފާތް ރަދުވާން, އަޝްރަފް އަބޫ ލަބްދާ, މުޙައްމަދު އަލް ހިލާ އަދި ރާއެދް އަލް-ޝާރިފް އެވެ.

މިގޮތަށް ސިއްހީ އެހީތެރިން މެރުމަކީ އިޒްރާއިލްއިން ހިންގި މިފަދަ ފުރަތަމަ ޖަރީމާއެއް ނޫނެވެ. އިޒްރާއިލްއިން އަންނަނީ ނިޒާމީ ގޮތެއްގައި އެމީހުން ޣައްޒާގައި ހިންގާ ޣަތުލްއާންމުގައި ސިއްޙި އެހީތެރިންނަށް އަދި މީހުން ސަލާމަތް ކުރުމުގައި އުޅޭ މަދަނީ ދިފާއުގެ މެމްބަރުންނަށް އަމާޒުކޮށްގެން ހަމަލާދެމުންނެވެ. އެއީ ޣައްޒާގެ ދިރުހުރުމާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. ސިއްޙީ އެހީތެރިންނާއި, މެޑިކަލް ޔުނީފޯމް އަދި އެމްބިއުލާންސް ތަކަށް ރައްކާތެރިކަން ނުލިބޭ ހަމައެކަނީ ބިމަކީ ފަލަޞްޠީނެވެ.

ފުރިހަމަ ހަތް ދުވަސް ވަންދެން މުޙައްމަދު ބައްޕަ, ޣައްޒާގެ ރަފަޙްގައި ހައި ސްކޫލް ބިރް އަލް-ސަބާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް, ޞޮބްހީ ބަހްލޯލް އޭނާގެ ދަރިފުޅު ދިރިހުއްޓާ ފެންނާނެތޯ ހިތްނުތަނަވަސް ވެފައި ވާ ހާލު އެ އުޅުނު އުޅުން އަހަރެމެންގެ ހިތަށްވެސް ނުގެނެވޭނެއެވެ. އޭނާގެ މަންމަ ނަޖަޙް ވެސް ކޮންމެ ދުވަހަކު އޭނާގެ ދަރިފުޅު ދިރިހުއްޓާ ފެންނާނެފަދަ މުޢުޖިޒާތެއް ފެނޭތޯ ދުޢާކުރެއެވެ.

އެމީހުން ހިތާހިތުން އުއްމީދުކުރީ އެމީހުންގެ ދަރިފުޅު އިޒްރާއިލްގެ ފައުޖުތައް އެމީހުން ވަށާނުލަނީސް ކޮންމެވެސް ގޮތަކުން އެސަރަޙައްދުން ފިލާނެ ކަމުގައެވެ. އަދި ކޮންމެވެސް ވެއްޓިފައިވާ ގެއެއްގެ ގާތަކުތެރޭގައި ފިލާ އޮންނާނެ ކަމުގައެވެ. އެންމެ ނައްސިކޮށް ވިސްނިއަސް އެމީހުން ޤަބޫލުކުރީ އިޒްރާއިލްއިން އެމީހުންގެ ދަރިފުޅު ރަހީނުކުރިނަމަވެސް އޭނާ ދިރި ހުންނާނެ ކަމުގައެވެ. އެއީ ފަލަޞްޠީނުގެ ޅެންވެރިޔާ މަޙްމޫދު ދަރްވިޝް ގެ ޤައުމީ ޅެން; ފަރުވާއެއް ނެތް ބަލިމަޑުކަން: އުއްމީދު ގައި ވާފަދައިންނެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow