ނޫރްގެ ގަލަމުން – ލުނބޯ ގަސްތަކާއި, ރައްކާތެރިކަން އަދި އުއްމީދު: ޣައްޒާގެ އަހަރެންގެ ގޭގައި ހަނގުރާމައިގެ ކުރީގެ ހަނދާންތައް!
ޣައްޒާ ގެ ނޫރް އެލަސީ

ނޫރްގެ ގަލަމުން – ލުނބޯ ގަސްތަކާއި, ރައްކާތެރިކަން އަދި އުއްމީދު: ޣައްޒާގެ އަހަރެންގެ ގޭގައި ހަނގުރާމައިގެ ކުރީގެ ހަނދާންތައް!

އެއީ އަހަރެމެންގެ މުސްތަޤުބަލަށްޓަކައި ކުރަމުން އައި އުއްމީދުވެސް ދޫކޮށްލި ދުވަހެވެ.

3 months ago - 11:01
Aug 23, 2024 - 11:02

ފަލަސްޠީނުގެ ޣައްޒާއަށް އުފަން 21 އަހަރުގެ ނޫރް ޢެލައްސީ އަކީ ހަމައެކަނި ޅެންވެރިއެއްނޫނެވެ. ކުރެހުންތެރިއެއް އަދި މޮޅު ލިޔުންތެރިއެއްވެސް މެއެވެ.

އިޒްރާއިލް އިން ޣައްޒާއަށް ހަމަލާދޭން ފެށުމާއި އެކު އަހަރެމެން އެތައް އަހަރެއް ވަންދެން ދިރިއުޅުނު ގެ ދޫކޮށްދާން ތައްޔާރުވީމެވެ. އަހަރެންގެ މޭކަޕް ސާމާނާއި އެންމެ ގަޔާވާ ފޮތް ޕެކްކޮށްގެން ގެނައިނަމަވެސް މިހާރު އެއީ އަހަންނަށް މުހިއްމު އެއްޗެއްސެއް ނޫނެވެ. އަހަރެން އުއްމީދު ކުރީ ހަމަލާތައް ހުއްޓާލާނެ ކަމުގެ އިންތިޒާރުގައި ތިބޭއިރު, ގޭގެ ހަނދާންތައް އާވާ ކޮންމެވެސް އެއްޗެއް އޮތުމަކީ ތަސައްލީއަކަށް ވާނެކަމަށެވެ. 

އެކަމަކު މިވަކިވުން މިހާ ދިގުލައިގެން ގޮސްދާނެކަމަކަށް އަހަރެމެން އެކަކުވެސް ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. އަހަރެމެން ހީކުރީ އެހެންފަހަރު ތަކެކޭވެސް އެއްފަދައިން އިޒްރާއިލްގެ ރުޅިގަނޑު ދެތިން ހަފުތާ, ނުވަތަ އެންމެ ގިނަވެގެންވެސް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފިނިވެދާނެކަމަށެވެ.

Advertisement

މިހާރު އަހަރެންގެ އަމިއްލަ ގެދޮރުން ނިކުމެ މިހެންއުޅޭތާ 10 މަހަށްވުރެ ގިނަވީއެވެ. ގޭގައި ދިރިއުޅުނު އުފާވެރި ދުވަސްތަކަކީ އެންމެ ހަނދާންވާ ކަންތަކެވެ. ދުވަހެއްގެ ކޮޅުންވެސް އަހަރެން އަމިއްލަ އެނދުގައި ނިދާލެވޭނެ ނަމައޭ ހިތަށް އަރައެވެ. ގޭގެ ފުރާޅުމަތީގައި އޮވެ ފޮތެއްކިޔާލުގެ ނަސީބު އަދި ލިބިދާނެބާވައޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންނަށް, އަހަރެންގެ ގެ ފެނުނީމަ މިހާރު އެނގޭނެބާވައެވެ! ނޫނީ, ދެން ދުވަހަކުވެސް އެގޭގައި ދިރިއުޅެން ލިބޭނެ ބާވައެވެ!  

އަހަރެން އުފަންވީ 2002 ވަނަ އަހަރު ޣައްޒާ ސިޓީއަށެވެ. އުޅެ ބޮޑުވީވެސް ހަމަ އެތާނގައެވެ. އަހަރެންގެ އުމުރުން 21 އަހަރު ވެފައިވާއިރު އޭގެ ތެރެއިން 17 އަހަރު އަހަރެން އުޅުނީ ބަންދުކޮށްފައިވާ މި ހާމަ ޖަލުގައެވެ. ޣައްޒާގައި އިޒްރާއިލް އިން ދެމުންދާ ހަމާލާތަކުގައި ފަސްވަރަކަށް ފަހަރު ކިރިޔާ ފުރާނަސަލާމަތްވި ހަމަލާތަކާ ކުރިމަތިވިއެވެ. އެކަމަކު އެއިން އެއްވެސް ފަހަރެއް މިހާރު މިތަޙައްމަލް ކުރަމުންދާ ޤަތުލްއާންމާ އެއްވެސް ގޮތަކުން އަޅައެއް ނުކިޔޭނެއެވެ.

މިއީ ޣައްޒާގައި މިހާތަނަށް އަހަރެމެން ތަޖުރިބާކުރާ އެންމެ އަނިޔާވެރި, ލާއިންސާނީ އަދި ހިޔާލަށްވެސް ނުގެނެވޭވަރަށް ކެކުޅުންބޮޑު ދުވަސްތަކެކެވެ. މި ވޭނާއެކު 10 މަހަށްވުރެ ގިނަދުވަސްވެފައިވާއިރު, އަހަރެމެންނަށް އިޙްސާސް ވަނީ އަހަރެމެން ދިހަ މަސް ވަންދެއް މިއުޅެނީ ހަމަ އެއްދުވަހެއްގައި ހެނެވެ. ނަމަވެސް އެއްދުވަހަށް ވުރެ އަނެއްދުވަސް އެއަށްވުރެ ގަދަ ވޭނުގައެވެ. އަހަރެމެންގެ ވަށައިގެން ބިރުވެރިކަމުގެ ރާޅުތައް ހުއްޓާނުލާ ޖަހަމުން ދަނީއެވެ. އެއްފަރު ބޮމެކެވެ. ނޫނީ ބަޑީގެ އުންޑަތަކެވެ. އެހެންނޫންނަމަ މިސައިލް ހަމަލާއެކެވެ. އަހަރެމެންގެ ކުރިމަތީގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު, ޖަހަންނަމައެއް ކަހަލަ މި ދިރިއުޅުމުން ނިކުމެވޭނެ ކަމުގެ އަލިމަގެއް އަމުދުން ފެންނާކަށް ނެތެވެ.

އިޒްރާއިލް އިން މަރާލި ފަލަސްޠީން ރައްޔިތުންގެ ރަސްމީ އަދަދު ރަސްމީކޮށް 40,000 ފަހަނައަޅާ ދިޔަކަމަށް ފާއިތުވި ހަފްތާގައި ކަނޑައެޅިނަމަވެސް އެ އަދަދު 186,000 އަށްވުރެ މަތިވާނެކަމަށް މެޑިކަލް ޖަނާލްގެ ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. ދި ލެންސެޓް ގައި ވާގޮތުން އަދަދުކުރަން ދަތި އެތަށްހާސް ހަށިތައް, ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ވާނެއެވެ. ސިއްޙީ ހިދުމަތް ނުލިބި އަދި ހައިހޫނުކަމުގައި މަރުވި މީހުންގެ އަދަދެއްވެސް ނޭނގެއެވެ.

ނަރަކައަކަށްވެފައިވާ މިދިރިއުޅުމުގައި ދުވަސްތައް ހޭދަކުރަމުންދާ އަހަރެމެންނަށް އެއީ ތެދެއްކަން އެނގެއެވެ. އަހަރެމެން މިދިރިއުޅޭ ސަރަހައްދުގައި ހުރި އެތަށް ގެތަކެއް އެ ގެތަކުގައި މީހުން ތިއްބާ ބޮންއަޅާ ގޮއްވާލައިފިއެވެ. އޭގެތެރެއިން ހަމަ އެކެއްގެ ހަށިގަނޑުވެސް އެ ގާފުނިތަކުގެ ތެރެއިން ނެރެވިފައެއްނުވެއެވެ.

 

"އަހަރެމެން ވަކި ދާނީ ކޮންތާކަށް!"

ޖަވާބެއްނެތް އިރުވެސް ވައްޓާލާ ކޮންމެ ބޮމަކާއެކު އަހަރެމެންގެ އަމިއްލަ ނަފްސާ ސުވާލުކުރެވެއެވެ. "އަހަރެމެން ދާނީ ވަކި ކޮންތާކަށް! އަހަރެމެންނަށް ދެވެންއޮތީ ކޮންތާކަށް!" 

އަހަރެން ދެކޭ ގޮތުގައި ގެއަކީ ހަމައެކަނި ގެއެއް ނޫނެވެ. އެއީ އިޙްސާސެކެވެ. އެގޭގެ ފާރުތަކުގެ ހޫނުކަމާއި ފުރާޅުގެ ހިޔަލުގައި ކުރެވޭ ރައްކާތެރިކަމުގެ އިޙްސާސެކެވެ. އޭގެގައި ހުންނަ އަހަރެން ލާން ގެންގުޅޭ އަންނައުނު ފެންނަން ހުރުމެވެ. އަހަރެންގެ އެނދުގައި އޮންނަ ބާލީހުގެ އަރާމުކަމެވެ. އަހަރެން އެންމެ ގަޔާވާ ކާނާ, މުސަކާން ގެ މީރު ކުޅުދިޔާވާ ވަހެވެ. ސުމަކް ހަވާދު އަޅައިގެން ފިހެފައި އޮންނަ ކުކުޅާއި ފިޔާ މީރުކޮށްގެން ފިހެލާފައި އޮންނަ ރޮއްޓެވެ. ގެއަކީ މިހުރިހާ ކަމެއް ހަމަވާ ހަމަވުމެވެ.

ގެއަކީ ގެއިން ބޭރުވެސް މެއެވެ. އެއީ އެތަނަކުން އަހަރެންގެ ޔުނިވަރސިޓީއަށް ދަތުރުކުރާ މަގުވެސް މެއެވެ. އެސަޙައްދުގައި ހުންނަ މާރުކޭޓްތަކާއި ޖައްވުގައި ހުންނަ ހަވާދުގެ މީރުވަހެވެ. ރޯދަމަހު މަގުތަކުގައި އެލުވާލެވޭ ރީނދޫކުލައިގެ ބޮކިފައްޗެވެ. އަދި އެންމެންން އެކުގައި ކުރާ ނަމާދުގެ ޖަމާޢަތްތަކާއި, ގޭގެއިން އިވޭ ޤުރުއާނުގެ ކިޔެވުމުގެ ހިތްގައިމު އަޑެވެ.

ދިރިއުޅުން ވިއްސިވިހާލި ވެފައިވާއިރު, ގެއަކީ މިހާރު މުޅިން އެހެން އެއްޗެކެވެ. މިތާނގައި މިހާރު ހުރީ ފާރުތަކެކެވެ. ނިދާލާނެ ގޮދަޑިއަކާއި, ބެޑްޝީޓެކެވެ. ފެންފޮދަކާއި ފާހާނާއެކެވެ. ބެޑްޝީޓަކުން މޫނު ނިވާކޮށްލައިން އޮންނަނިކޮށް ހަމަލާއިން ސަލާމަތްވެވޭނެ ކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް އެއީ ކުށްހީ އެކެވެ.

 

އެއީ ހުރިހާ ކަމެއް ބަދަލުވީ ދުވަސް!

އޮކްޓޯބަރ 7 ވަނަ ދުވަސް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ހަމައެކަނި އެއީ އުތުރު ޣައްޒާގައި ހުރި އަހަރެމެންގެ ގެ ދޫކޮށްލި ދުވަހެއްނޫނެވެ. އެއީ އަހަރެމެންގެ މުސްތަޤުބަލަށްޓަކައި ކުރަމުން އައި އުއްމީދުވެސް ދޫކޮށްލި ދުވަހެވެ. 

ގައުމުން ބޭރުގައި ލިޓްރޭޗައިން މާސްޓާސް ޙާސިލްކޮށްގެން އައިސް ލިޔުންތެރިއަކަށްވާން އެއް އިރެއްގައި އަހަރެން ބޭނުންވިއެވެ. އެނބުރި ޣައްޒާއަށް އައިސް އަހަރެމެންގެ މުޤައްދަސް ތާރީހާއި އާސާރުތަކާ ބެހޭގޮތުން މީހުންނަށް އުގައްނައިދޭން އަހަރެން ބޭނުންވިއެވެ. ކުރެހުން ކުރިއަށްގެންގޮސް އަހަރެންގެ އަމިއްލަ އާޓް ގެލެރީއެއް ހުޅުވަން ބޭނުންވިއެވެ. އެހެންނަމަވެސް އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ އަހަރެންގެ ގަޢުމު, ފަލަސްޠީން މިނިވަންވުމަށް ދެކޭ ހުވަފެނެވެ. 

އޮކްޓޯބަރ 8 ވީ ހޮނިހިރު ދުވަހު ހެނދުނު 6 ޖަހަން އުޅެނިކޮށް އުތުރު ޣައްޒާގެ ޖައްވުން އެއްފަހަރާ އެތަށް މިސައިލެއް ގޮއްވާލިއެވެ. އަހަރެންގެ ކުޑައަށް ހުރި ކޮއްކޮ އޭރު ދިޔައީ ސްކޫލަށް ދާން ތައްޔާރުވަމުންނެވެ. އޭރު އަހަރެމެންނަށް އެއީ އޭނާއަށް ސްކޫލަށްދެވޭނެ އެންމެ ފަހުދުވަސްކަމަށް ހިއެއްނުކުރަމެވެ. އޭނާއަށް އެކަންޏެއްނޫނެވެ. ހުރިހާ އެންމެނަށެވެ. ސްކޫލްތައް ސުންނާފަތިވެ ކިޔަވާކުދިންގެ އެންމެ ފަހު ދުވަސްކަމަށް ކުޑަކޮށްވެސް ހިއެއްނުކުރަމެވެ. 

އަހަންނަށް ހޭލުވުނީވެސް މުޅިޖައްވު ގޮވައިގެންދިޔަފަދަ ބާރު އަޑުފަށްގަނޑަށެވެ. އަހަރެން ބިރުން ތުރުތުރު އަޅައިގަތެވެ. އޭރު މިވަނީ ކީއްކަމެއް އަހަންނަކަށް ނޭނގެއެވެ.

ދިއެރް އެލް-ބަލަޙްގައި ދިރިއުޅޭ އަހަރެންގެ ބޭބެ ބައްޕައަށް ފޯނުކުރިއެވެ. އޭނާ ހުރީ ވަރަށް ހާސްވެފައެވެ. އެއީ އުތުރު ޣައްޒާގައި އަހަރެމެން ދިރިއުޅޭ ގެ ހުންނަނީ އިޒްރާއިލް ބޯޑަރާ ވަރަށް ކައިރީގައި ކަމަށްވެފައި އިޒްރާއިލްއިން ޣައްޒާއަށް އަރައިގެންފިނަމަ އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭނެ މީހުންގެ ތެރޭގައި އަހަރެމެން ހިމެނޭނެތީއެވެ. އެހެންވެ, ބޭބެގެ އެދުމަށް އަހަރެމެން އެންމެން ނިންމީ ބޯޑަރާ މާދުރުގައި އޮންނަ މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙް ގައި ހުންނަ ބޭބެގެ ގެއަށް ބަދަލުވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.  

މިއަދު އަހަރެމެން އަދިވެސް މިތިބީ އަމިއްލަ ގެދޮރު ގެއްލި ދިއެރް އެލް-ބަލަޙްގައެވެ.

 

ކުރީގެ ދިރިއުޅުން އާދައިގެ ނަމަވެސް އުފާވެރި

ހަނގުރާމައިގެ ސަބަބުން އަހަރެމެންގެ ކުރީގެ ދިރިއުޅުމުގައި އެކަމާމެދު މާބޮޑަށް ވިސްލާނުލެވޭ, ނަމަވެސް ކުދިކުދިން ކަންތަކުން އުފާ ޙާސިލްކުރެވުނުކަން މިއަދު އިޙްސާސް ކޮށްދީފިއެވެ.

އަހަރެން, އަހަރެމެންގެ ގޭގެ ބަގީޗާ މަތިން ވަރަށް ހަނދާންވެއެވެ. އެބަގީޗާގައި ފޮޅޭ ފިނިފެންމާތަކުގެ މީރު ވަހާއި, ޒައިތޫނި އަދި އޮރެންޖް ގަސްތަކާއި ރުއްތަކެވެ. ހުރިހާ ގަސްތަކަށްވުރެ ބޮޑަށްވެސް އަހަރެން އެންމެ ހަނދާންވަނީ ލުބޯ ގަސްތައް މަތިންނެވެ. އޭގައި އަޅާ ހުދުކުލައިގެ މަލުގެ ހިތްގައިމު ވަހެވެ. ޙަރީފުމޫސުމުގައި އަހަރެމެން އާއިލާ ގިނަވަގުތު ހޭދަކުރަނީ އެގަސްތަކުގެ ތެރޭގައެވެ.

ޣައްޒާގައި އަލަށްހުޅުވި ރީތި ކެފޭތަކާއި ކާރޫބާރޫބޮޑު މަގުތައް މަތިންވެސް ވަރަށް ހަނދާންވެއެވެ. ފެނާއި ކަރަންޓް ލިބުމުގައި ތަކްލީފު އުފުލިނަމަވެސް އެއީ އަހަރެމެންގެ ދިރިއުޅުމުގެ ބައެކެވެ. 

ކޮފީއަކާއެކު ވެނީލާ ކަޕްކޭކެއް ހިފައިގެން އަހަރެންގެ ގޭގެ ފުރާޅުމައްޗަށްއަރާ ފޮތްކިޔަން އޮތުމަކީ އަހަރެން އެންމެ ލޯބިކުރި ކަންތަކެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހު އެގޭގައި އަހަރެމެން ހޭދަކުރި މުޅިދިރިއުޅުން ދޫކޮށް ދިޔައިރު އަހަންނާއި އެކު ގެންދާނީ ކޮންއެއްޗެއްސަކާމެދު މާބޮޑަކަށް ވިސްނައެއް ނުލެވުނެވެ. އަހަރެން ގެނައީ ވުތަރިން ހެއިޓްސްގެ ކޮޕީއަކާއި, ނިދަންލާނެ ދެތިން ހެދުމާއި, މޭކަޕް ސާމާނުގެ އިތުރުން އާންމު ދިރިއުޅުމުގައި ކޮންމެދުވަހަކުވެސް ބޭނުންކުރާނެ މަދު އެއްޗެކެވެ. އެއީ މިއުޅެވެނީ ގޭގައި ނޫންކަމުގެ އިޙްސާސް ވީހާވެސް މަދުން ކުރުވުމަށްޓަކައެވެ.

އޭގެ ފަހުން ކޭކެއް އަދި އަހަރެން ނުކަމެވެ. މުޅިންވެސް ކާންލިބެނީ ހިކި ޕާނާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ކޮންމެވެސް އަތްފޯރާފަށުގައި ހުންނަ ކާއެއްޗެކެވެ.

 

10 މަސް ފަސް

ދިއެރް އެލް-ބަލަޙް އަކީ އަހަރެންގެ ބޭބެ އަދި މަންމަ ފަރާތު އާއިލާ ދިރިއުޅޭ އަވަށެވެ. ހޫނު މޫސުމުގައި އަހަރެމެން މިތަނަށް ވަރަށްގިނައިން ޒިޔާރަތް ކުރަމެވެ. އޭރުވެސް އަހރެންގެ ޝަކުވާއަކީ އަހަރެންގެ ނިދާ އެނދުގައި މިތަނަށް އައިސް ނުނިދޭތީ އެ ޝަކުވާއެވެ. އެކަމަކު އަހަރެންގެ އެނދު ނުފެންނަތާ މިހާރު ދިހަ މަސް ވީއެވެ.

ދިއެރް އެލް-ބަލަޙް އަކީ ސާފުތާހިރު, ހަމަހިމޭން ކުޑަކުޑަ ސިޓިއެކެވެ. ޒައިތޫނި ގަސްތަކުގެ ބިމެވެ. އެކަމަކު މިއަދު މިތާނގައި އަހަރެމެން ނޭވާލާންވެސް ދަތިވެއްޖެއެވެ. ހިދުމަތްތައް ހުއްޓި ކުނި ގިނަވެއްޖެއެވެ. އިމާރާތްތައް ކުދިކުދިވެ އުފެދުނު ހިރަފުހުން ރުއްތައް ފޮރުވާލައިފިއެވެ. ޖައްވު އޮންނަނީ އަޅިކުލައިގައެވެ. ފާހާނާގެ ނިޒާމްތައް ހަލާކުވުމުގެ ސަބަބުން މަގުތައް ނަޖިހުން ޔަޣައްޔަރު ވެއްޖެއެވެ.  

ބޭބެގެ ގެއަށް ބަދަލުވީއިރު އަހަރެން ހަނގުރާމަ މިހާ ދިގުލައިގެންގޮސްދާނެ ކަމަކަށް ފަހަރެއްގައިވެސް އަހަރެން ހިއެއްނުކުރަމަވެ. ކިޔެވުމާއިގެން މަޝްއޫލުވެގެން އުޅުނީމެވެ. ނަމަވެސް އަހަރެން ކިޔަވަމުން ދިޔަ ޔުނިވަރސިޓީއަށް ބޮން އެޅުމާއި އެކު އަހަރެންގެ އުންމީދުތައް ފުނޑުފުޑުވިއެވެ. އެހެންވެ އަހަރެންގެ ވަގުތުތައް ހޭދަކުރާނެ އާ ގޮތްތަށް މިދަނީ ހޯދަމުންނެވެ. އަހަރެން މިހާރު ޅެންހެދޭތޯ ބަލަމެވެ. 

މިތާގައި މީހުން ދާނެ ތަނެއްނެތެވެ. ކުޑަކުދިން ކާނެއެއްޗެއް ހޯދުމަށް ސަލާންޖަހަނީއެވެ. އުމުރުން ދޮށީ މީހުން މަގުތަކުގެ މެދުގައި ހިމޭންކަމާއެކު އިށިއިނދެލައިގެން ތިބެއެވެ. އަހަރެމެންގެ ދިރިއުޅުން މިވަނީ ހުއްޓިފައެވެ.

ގިނަ މީހުން އެމީހުންގެ ޓެންޓުތަކުގައި ނުވަތަ މަގުތައްމަތީގައި ހުއްޓުމެއްނެތި ދުޢާކުރުމުގައި ވަގުތުހޭދަ ކުރެއެވެ. މިއަނިޔާވެރިކަމާއި ކެކުޅުން އަދި މިހިތްދަތިކަން ފިލައިދޭތޯއެވެ. އަހަރެމެންގެ ކުރިމަތީގައި އެތައް ބަޔަކު ނެތިގޮސްފިއެވެ. އަހަރެމެންގެ ދިރުއުޅުމުން އެތައް ކަމެއް ގެއްލި ހިނގައްޖެއެވެ. އަހަރެންގެ އާއިލާގެ ގިނަބަޔަކުވެސް މެއެވެ.

ޝައިތާނީ ވިސްނުމުގެ ދަށުން އިޒްރާއިލްއިން ރާވައިގެން އަހަރެމެންގެ އާއިލާތައް ވަކިކޮށްފިއެވެ. އެއީ ނަފްސާނީގޮތުންވެސް އަހަރެމެން ބަލިކަށިކުރުމަށެވެ. އާނއެކެވެ. އަހަރެމެން މިތިބެނީ ކަންބޮޑުވެ, ބިރުގަނެ ވިސްނުމުގެ ބާރުކުޑަވެފައެވެ. 

ކުރީކޮޅު އަހަރެމެން ހަބަރުތައް ބެލީމެވެ. އަހަރެމެން ހީކުރީމެވެ. ދުނިޔެ އަހަރެމެންނަށް ކެއްސެއްނުދޭނެއެވެ. އެމީހުން އަހަރެމެންނަށްޓަކައި ބާޒީމަރާނެއެވެ. މިއަނިޔާވެރި ޤަތުލްއާންމު ކޮންމެވެސް ގޮތަކުން ހުއްޓުވާނެއެވެ. އެކަމަކު އަހަރެމެންގެ އެ އުއްމީދުވެސް މިހާރު މަރުވެއްޖެއެވެ. 

ދިރިހުރުމަށް ލިބޭ ކޮންމެ ފަޅިސިކުންތެއްވެސް އަހަރެމެންނަށްޓަކައި މުޢުޖިޒާތެއް ފަދައެވެ. އެހެންވެ އަހަރެމެން ދުޢާކުރުން ހުއްޓާނުލަމެވެ.

އަހަރެމެން އަދިވެސް އުންމީދު ކަނޑައެއް ނުލަމެވެ. އަހަރެމެން އަދިވެސް މިދަނީ އަހަރެމެންގެ ވާހަކަ ލިޔަމުންނެވެ. އަހަރެމެން އެކަކު އަނެކަކަށްޓަކައި އެބަތިބީމެވެ. މަޑުމައިތިރިކަމާއެކު ފައްސިކޮށް ވިސްނޭތޯ ބަލަމެވެ. އަހަރެން އަހަރެން ތަޤުދީރު ޤަބޫލުކުރަން އެބަ މަސައްކަތްކުރަމެވެ. އަހަރެން އަބަދުވެސް އަހަރެންގެ އާއިލާ ކައިރީގައި އަހަރެން އެމީހުންދެކެ ކިހާ ލޯބިވާކަން ބުނަމެވެ. ހާއްސަކޮށް މަންމައެވެ. އެއީ އެހެންބުނެވޭ އެންމެ ފަހު ފަހަރަކީ ކޮންއިރެއްކަމެއް ހުދު އަހަންނަކަށްވެސް ނޭނގޭނެތީއެވެ.

އަހަރެންގެ މަރަކީ އަހަރެންގެ ޤައުމަށް ވެވޭ އެހީއެއްނަމަ އަހަރެން މަރުވެދާނީ އުފަލުގައެވެ. އެކަމަކު މިދުނިޔޭގައި ހާދަހާ ކަމެއްކުރަން އަހަރެން ބޭނުމެވެ. ހާދަކަމެއް ދަސްކޮށް, ބަލަންބޭނުމެވެ. އަހަރެން މީހުންނާ ބައްދަލުވެ, މީހެއްދެކެ ލޯބިވެ, އާއިލާއެއް ބިނާކުރަން ހާދަބޭނުމެވެ. އަހަރެންގެ އަމިއްލަ ގޭގައި ކޮންމެހާލެއްގައި ވިއަސް, އެގޭގައި ދިރިއުޅެލަން ހާދަ އެދެވެއެވެ.

 

ނޯޓް: މިއީ އިޒްރާއިލްގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މީގެ 10 މަސްކުރިން އަމިއްލަ ގެދޮރު ދޫކޮށްދާން މަޖުބޫރުވި ޢައްޒާގެ ނޫރް ޢެލައްސީ, ޣައްޒާގެ އޭނާގެ ގެއާއި, އޭރާއި މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުވާލާ އަލްޖަޒީރާއަށް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow