މަޖިލިސް ޗުއްޓީއަށް, ދައުރުން ބޭރުގައި ދެ ޖަލްސާ ބާއްވާނެ
ދައުރުން ބޭރު ޖަލްސާ ބާއްވަނީ އާ ޕީޖީއަކަށް ރުހުން ދޭން
ދައުރުން ބޭރުގައި ދެޖަލްސާ ބާއްވާ ގޮތަށް, ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ. މިދައުރުގެ ފަހު ޖަލްސާ ބުރާސްފަތި ދުވަހުގެރޭ ބޭއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެް ނިންމާށެވެ.
65 މެމްބަރުންގެ ވޯޓުން ފާސްކޮށް ޕީޖީގެ މަގާމުން ހުސައިން ޝަމީމް ވަނީ ވަކިކޮށްފައެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ޗުއްޓީ ދިން ނަމަވެސް ރިޔާސަތުން މަޖިލިހުގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ. އެއީ އާ ޕްރޮސެކިއުޓަރ ޖެނެރަލްއެއް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމަށެވެ. ޤާނޫނުގައިވާ ގޮތުން އެމަގާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕްރޮސެކިއުޓަރ ޖެނެރަލް އެއް އައްޔަން ކުރަން ޖެހެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ދައުރުން ބޭރުގައި ފުރަތަމަ ޖަލްސާ ބާއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުއްވުމުން އެނަން ތަޅުމަށް އިއްވުމަށެވެ. ދެވަނަ ޖަލްސާއެއް ބާއްވާނީ ކޮމިޓީން ދިރާސާކޮށާް ހުށަހަޅާ ހުށަހެޅުމާމެދު ތަޅުމުން ގޮތެއް ނިންނުމަށެވެ. ޖަލްސާ ބާއްވާނެ ވަކި ތާރީޚެއް ރިޔާސަތުން ވިދާޅެއް ނުވެއެވެ. ރައްޔިތުންގެ މަޖިލިހުން ރޭ ޕީޖީ ހުސައިން ޝަމީމް ވަކިކުރުމުގެ ވޯޓް ނެގީ އިސްތިއުފާ ދެއްވިކަން ޝަމީމް އިއުލާނުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް މަޖިލިހުން ވޯތްގެ މަރުހަލާ ކުރިއަށް ގެންދިޔައީ މަޖިލިހުގެ އިދާރާއަށް އިސްތިއުފާގެ އެއްވެސް ކަމެއް ލިޔުމުން ހުށަހަޅާފައި ނުވާތީއެވެ. އިސްތިއުފާގެ ސިޓީ ހުށަހަޅުއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ރައްޔިތުންގެ މަޖލިހަށް އެކަން އަންގާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ރައްޔިތުންގެ މަޖިލިސް މިދައުރު ނިންމާލިއިރު 33 ޖަލްސާ ބޭއްވި އެވެ. 33 ޖަލްސާގައި 75 ގަޑިއިރު ހޭދަކުރެއްވި ކަމަށް މަޖިލިހުން އިދާރާއިން ޢާއްމުކުރެއްވި މައުލޫމާތުގައި ވެއެވެ. މިދައުރުގެ ތެރޭގައި ހުށަހެޅި 23 ބިލުގެ ތެރެއިން 11 ބިލުގެ މަސައްކަތް ނިންމެވިއެވެ. ހުށަހެޅުނީ އެންމެ ގަރާރެކެވެ. އެގަރާރުގެ މަސައްކަތް ނުނިމެއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި 9 މައްސަލަވެސް ނިންމެވިއެވެ. އަދި ރިޔާސަތުން ހުށަހެޅުްވި 13 މައްސަލަވެސް ނިންމެވިއެވެ. ހުށަހެޅި 9 ކުއްލި މައްސަލަވެސް ވަނީ ނިންމަވާފައެެވެ. ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުއްވި 12 ހުށަހެޅުންވެސް ވަނީ ނިންމަވާފައެވެ. މިދައުރުގެ ތެރޭގައި %82.9 ހާސިލްކުރެވުނު ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ވިދާޅުވިއެވެ.
ރިއެކްޝަންސް