ޖަލަށް ފޯނާއި ޑްރަގް ވައްދައިދޭ 5 އޮފިސަރުންގެ މައްސަލަ ކޯޓަށް
މިވަގުތު އެހެން އޮފިސަރުންގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމާފައި
ޖަލަށް ފޯނާއި ޑްރަގް ވައްދައިދޭ 5 އޮފިސަރުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ފޯނާއި ޑްރަގް ވައްދާ ކަރެކްޝަން އޮފިސަރުންގެ ބޮޑު ނެޓްވޯކްގެ ތެރެއިން ޕީޖީ އޮފީހުން މިއަދު ދައުވާ އުފުލީ ފަސް އޮފިސަރުންގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް, ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް, ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް, ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ އަދި ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤްގެ މައްޗަށެވެ. ފުލުހުން ކަރެކްޝަނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި 13 އޮފިސަރުން ހައްޔަރު ކުރިއެވެ. ދައުވާ އުފުލި ފަސް އޮފިސަރުންގެ ތެރެއިން ޖިނާހުއާއި ހިޝާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.ވެސް ކުރެއެވެ. އެހެން އޮފިސަރުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާ އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.. ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިމައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދެމުން ފުލުހުން ކުރިން ބުނެފައިވަނި 18 އޮފިސަރަކު މިކަމުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެމީހުންގެ އެކައުންޓްތަކަށް 73.6 މިލިއަން ރުފިޔާ އަހަރެއްގެ ތެރޭގައި ވަދެ ދައުރުވެފައި ވެއެވެ. މައްސަލައިގެ ތުހުމަތަށް އޮފިސަރުން ހައްޔަރުކުރީ މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް