
ވާނުވާ ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުޞަތެއް ދިނުމާމެދު މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން!
ވާނުވާ ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުޞަތެއް ދިނުމާމެދު މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ވާނުވާ ބަންދުގައި ތިބި މީހުންގެ ޙައްޤުގައި ވަކާލާތުކުރާ ފަރާތްތަކާއި މިއަދު ބައްދަލުކުރައްވާ ދެއްކެވި ފާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށެވެ. އަދި ވާނުވާ ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުޞަތެއް ދިނުމާމެދު ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ވާނުވާ ބަންދު މައްސަލައަށް ޙައްލު ހޯދުމަށް ގިނަ ޚިޔާލުތަކެއް ހުށަހެޅި ދެފަރާތުގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
އެގޮތުން ވާނުވާ ބަންދު މައްސަލާގައި ވަކާލާތުކުރާ ފަރާތްތަކުން ހުށަހެޅި މުހިންމު ޚިޔާލުތަކުގެ ތެރޭގައި މޮނިޓަރިންގ ނިޒާމެއްގެ ދަށުން އިތުރު ފުރުޞަތެއް ދިނުމާއި، ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުން ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ބަންދުގައި ތިބޭ މީހުންނާމެދު އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް ޢަމަލުކުރުމަށްވެސް އެފަރާތުން ރައީސްގެ އަރިހު އެދުނުކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވަގުތީ ގޮތުން މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމު ހަމަޖެއްސެއްވުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. ވާނުވާ ބަންދާއި މެދު ވަކާލާތުކުރާ ފަރާތްތަކުން މިއަދު ރައީސާއި ބައްދަލުކުރައްވާފައިވާ އިރު، އެ ފަރާތްތަކުން ކޮންމެ ރެއަކު ކަހަލަގޮތަކަށް ގެންދަނީ ވާނުވާ ބަންދު އުވާލުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް






