
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުން ކަމަށްވާ ހައުސް އޮފް ކޮމަންސްގެ ސްޕީކަރ ރައިޓް އޮނޮރަބަލް ސަރ ލިންޑްސޭ ހޮއިލްއާއި، ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާ ބައްދަލުކުރައްވާފައެވެ. މޫސުމީ ބަދަލުތަކާއި، ތަޢުލީމާއި، މަސްވެރިކަމާއި ފަތުރުވެރިކަން އަދި ޢަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އިނގިރޭސިވިލާތުން ދެމުންދާ އެއްބާރުލުންތަކާ ގުޅޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އިނގިރޭސި ރަސްގެފާނު ހިޒް މެޖެސްޓީ ކިންގ ޗާލްސް ތިންވަނަ އާ ވިންޑްސަރ ކާސަލްގައި ބައްދަލުކުރައްވާ، ދެ ޤައުމުގެ ފަސްދޮޅަސް އަހަރުވީ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކޮމަންވެލްތުން މަސްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާމެދު މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބޭއްވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ރައީސް ބައިވެރިވެވަޑައިގެން، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މި ފޯރަމްގައި، ދިވެހި މަސްވެރިކަން ދުނިޔޭގެ ބާޒާރުގައި ޕްރޮމޯޓްކުރުމަށް "ފްރޮމް މޯލްޑިވްސް" މަރުކާވެސް ރައީސް މުއިއްޒު ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
ރިއެކްޝަންސް






