
ޣައްޒާ ހަނގުރާމަ މެދުކަނޑާލުމާގުޅޭގޮތުން ޓްރަމްޕްގެ އާ ހުށަހެޅުމުގައި އޮތީ ކީކޭ!
އިޒްރާއިލްއިން ހުއްޓުމެއްނެތި ދަނީ ޣައްޒާގެ ރައްޔިތުން މަރަމުން, ހަނގުރާމަ ހުއްޓުވިދާނެކަން އަދިވެސް ސުވާލުމާކެއްގައި
ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ދާ 21 މަސްވީ އުދުވާނު ހުއްޓާލުމާގުޅޭ ވާހަކަތައް އަނެއްކާވެސް މިވަނީ ފެންމަތިވެފައެވެ.
ފާއިތުވި ހަފުތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރާއިލްއިން 60 ދުވަހަށް ހަމަލާތައް ހުއްޓާލުމަށް ޝަތުރުތަކަކަށް އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދިގުލައިގެންދާ ދާ ހަނގުރާމައިގެ ޖަރީމާތަކުން ޣައްޒާގެ ރައްޔިތުންނަށް ކުޑަނަމަވެސް ތަަސައްލީއެއް ލިބިދާނެކަމުގެ އުއްމީދެއް ވަނީ އާވެފައެވެ.
މަޝްވާރާތަކުގެ މުހިއްމު އެއް ބައިވެރިޔާ, ފަލަޞްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސްއިން ވަނީ އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރުއަދާކުރާ ފަރާތްތަކަށް "ފައްސި ޖަވާބެއް" ދީފައިވާނެކަމަށް ބުނެފައެވެ. ނަަމަވެސް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "އެއްބަސްވެވެން ނެތް ކަަންކަމަށް" ހަމާސްއިން ޑިމާންޑް ކޮށްފައިވާ ކަމަށް ބުނެފައެވެ.
އެހެންނަމަވެސް އިޒްރާއިލްއިންވެސް ވަނީ މަޝްވަރާތަކަށް ޤަތަރުގެ ވެރިރަށް ދޯހާއަށް އިޒްރާއިލްއިން ބައިވެރިން ފޮނުވާފައެވެ.
ނަަތަންޔާހޫ މާދާމާގެ ވަގުތެއްގައި ވޮޝިންގްޓަންއަށް ވަޑައިގެން ޓްރަމްޕް އާ ބައްދަލުކުރައްވާނެއެވެ. އަދި ބެލެވޭގޮތުގައި އެބައްދަލުވުގެ ކުރިން ވަކިި ގޮތަކަށް އެއްބަސްވުން ނިމިފައި އޮތުމަކީ ޓްރަމްޕް ބޭނުންވާނެ ގޮތެވެ.
ހަމާސްއިން ބޭނުންވަނީ ކޮންކަމެއް!
ރިޕޯޓްތައް ބުނާގޮތުން ހަމާސްއިން އެދެނީ ތިން ކަމެކެވެ;
- ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ހުއްޓާލުން
ޖީއެޗްއެފްގެ އޮޕަރޭޝަންތައް ފެށިފަހުން އެޖަމާއަތުގެ ސައިޓްތަކުގައި ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށްދިން ހަމަލާތަކުގައި މިހާތަނަށް 743 މީހަކު ވަނީ ޝަހީދުވެފައެވެ.
މިދިޔަ މަހު އިޒްރާއިލްގެ ނޫހެއްކަމަށްވާ ހާުޓެޒްއިން ރިޕޯޓްކުރި ގޮތުގައި ޖީއެފްއެޗްއިން އެހީ ބެހުމުގެ ނަމުގައި ހުންނަ ސައިޓްތަކުގައި ފަލަޞްޠީނުގެ ރައްޔިތުން މެރުމަށް ޔަހޫދީ ސިފައިންނަށް އެމީހުންގެ ކޮމާންޑާރުން ވަނީ އަމުރުކޮށްފައެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ބަލަހައްޓާ ޖަމާއަަތްތަކުން ދަނީ ޖީއެޗްއެފުން ޣައްޒާގެ ރައްޔިތުންގެ ކަރާމަތް ނަގާލާ އެތަންުތަން 'މަރުގެ ދަންތުރައަކަށް' ހަދާފައިި ވާކަމަށް ބުނެ ޖީއެޗްއެފް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ޖަމާއަތްތައް ޣައްޒާގައި އެހީބެހުމުގެ ކަންކަން މާރަނގަޅަށް ގެންދާނެކަމަށް ދަނީ ބުނަމުންނެވެ.
މެއި މަހު އދ ގެ އިންސާނީ ހައްގުތަކާބެހޭ ވެރިޔާ ޓޮމް ފްލެޝާ ވަނީ އޒިްރާއިލްއިން އެހީ ބެހުމުގެ ކަންކަން ގަޑުބަޑުކޮށް ސިޔާސީ މަގުސަދު ހާސިލްކުރަން ކުރާ ޝަރުތަކަށް އެހީ ހަދާފައިވާކަމަށްބުނެ ޖީއެފްއެޗްގެ އޮޕަރޭޝަންތަކަށް ފާޑު ވިދާޅުވެފައެވެ.
- ޣައްޒާއިން ޔަހޫދީ ސިފައިން ފޭބުން
ހަމާސްއިން ދެވަނަ ކަމަކަށް ބޭނުންވަނީ މާޗު 2ގައި އިޒްރާއިލްއިން ހަމަލާތައްހުއްޓާލުމާގުޅޭ އެއްބަސްވުން އުވާލުމުގެ ކުރިއަށް ޣައްޒާގައި އިޒްރާއިލްގެ ސިފައިން ތިބި ހުރިހާ ސަރަހައްދެއް ދޫކޮށް ދިއުމެވެ.
މެއި މަހު އިޒްރާއިލްއިންވަނީ އެއްގަމު މަގުން ޣައްޒާ ހިޞާރުކުރުމުގެ ބޮޑު އޮަޕަރޭޝަނެއް ފަށާފައެވެ. ދެކުނާއި އުތުރުންވެސް އެތައްސަތޭކަ ރައްޔިތުންނެއް މަރާ ޣައްޒާގެ ބިމުގެ 86 އިންސައްތަ އަަކީ މިހާރު އޮިތީ އިޒްރާއިލްގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.
- ހަނގުރާމަ އެއްކޮށް ހުއްޓާލާނެ ކަމުގެ ބައިނަލްއަޤުވާމީ އަހުދެއް
ޖެނުއަރީ މަހު އެއްބަސްވި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ މާޗުމަހު އިޒްރާއިލްއިން ހުރިހާ މާނައެއްގައި ވަނީ ހިލާފް ވެފައެވެ. ނަމަވެސް ހަމާސްއިން ވަނީ ހުރިހާ މާނައެއްގައި އެއްބަސްވުމުގެ އަސާސްތައް ދަމަހައްޓާފައެވެ. އެމެރިކާގެ އެދުމަށް ޝަރުތަކާނުލާ ހަމާސްއިން ރަހީނެއްގެ ގޮތުގައި ބާކީ ހުރި ހަމައެކަނި ވަނީ އެމެރިކާގެ ރައްޔިތުމީހާ ދޫވެސްކޮށްލާފައި ވެއެވެ. އެއްބަސްވުމަކާވެސް ނުލައެވެ.
އެކަމަކު މިފަހަރު ހަމާސް އަދި ފަަލަޞްޠީނުގެ އެހެން ގްރޫޕްތަަކުންވެސް ބޭނުންވަނީ ހަމަލާތައް އެއްކޮށް ހުއްޓާލާނެކަމުގެ ބައިނަލްއަޤުވާމީ ގެރެންޓީއެކެވެ. އިޒްރާއިލްއިން އެއްބަސްވުމާ ހިލާފު ނުވާނެ ކަމުގެ ގެރެންޓީވެސް މެއެވެ.
ވަކިން ހާއްސަކޮށް, ހަމާސްއިން ބޭނުންވަނީ އިޒްރާއިލްއިން އެއްގަމާ ވައިގެ މަގުން ދިން ގިނަ ހަމަލާތަކެއްގައި ޣައްޒާގެ އެތައް ރައްޔިތުން ޝަހީދުވެފައިވާ އެހަމަލާތައް ޣައްޒާގެ ރައްޔިތުންނަށް ދެން ކުރިމަތިނުވާނެ ގޮތަކަށް ހުއްޓާލާނެކަމުގެ ޔަޤީންކަން އިޒްރާއިލްގެ ފަރާތުން އެމެރިކާ ދިނުމެވެ. އެއީ މިހާރު އެއްބަސްވާ މުއްދަތު ހަމަވުމަށްފަހު އަލުން ހަމަލާތައް ނުފަށާނެ ކަމުގެ ޔަޤީންކަމެވެ.
އެމެރިކާއިން އަސްލު ހުށަހެޅި ހުށަހެޅުމުގައި އޮތީ ކީކޭ!
އެމެރިކާގެ މައިގަނޑު އަމާޒަކީ ރަހީނުން މިނިވަންކުރުމެވެ.
ފްލޭނަކީ ހަމާސްގެ އަތްދަށުގައި ތިބި ދިރިހުރި 10 ރަހީނަކު މިނިވަންކުރުމާއެކު 18 މީހެއްގެ ހަށިގަނޑު އަނބުރާ ދިނުމެވެ. ބަދަލުގައި އިޒްރާއިލްގެ ޖަލުތަކުގައި ތިބި އަސިރުން މިނިވަންކުރެވޭނެއެވެ.
ރަހީނުކުރި މީހުންގެ ތެރެއިން ހަމާސްގެ އަތްދަށުގައި 50 މީހުން ބާކީތިބިއިރު ދިރިތިބިކަމަށް ބެލެވެނީ 20 މީހެކެވެ.
އެހީ ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަލަޞްޠީނުގެ ރެޑް ކްރެސެންޓާއި އދ ގެ ޖަމާއަތްތައް މެދުވެރިކޮށެވެ. ފަަލަޞްޠީނުގެ ރައްޔިިތުންނަށް އެކަށޭނެ މިންވަރަށް އެހީ ވަންނަން ހުއްދަ ދިނުންވެސް ހިމެނޭގޮތަށެވެ.
މީގެ އިތުރުން ޣައްޒާގެ ބައެއް ސަރަހައްދުތަކުން އިޒްރާއިލްެގެ ސިފައިން އެއްކޮށް ފޭބުންވެސް ހިމެނެއެވެ.
އިޒްރާއިލްއިން ބުނަނީ ކީކޭ!
އެމރިކާ އަސްލު ހުށަހެޅުމަށް ނަތަންޔާހޫ އެއްބަސްވެފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. ނަމަވެސް ހަމާސްއިން ގަބޫލު ނުކުރެވޭނެ ކަންތައްތައް ހުށަހަޅާފައިވާކަމަށް ވަނީ ބުނެފައެވެ.
އެއީ ހުރިހާ ރަހީނުން މިނިވަންކުރުމުގެ ކުރިން ހަމަލާތައް ހުއްޓާލުމެވެ. އަދި ހަމާސްގެ ބާރު އެއްކޮށް ކަނޑުވާލެވެންދެނެވެ. ނަމަވެސް ސިޔާސީ މުފައްކިރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ސިޔާސީ ގޮތުން ނަތަންޔާހޫއަށް ހާސިލްވުން ދުރު ކަމެކެވެ. އަދި ހަނގުރާމަ ކުރިއަށް ގެންދަން އޭނާ ބޭނުންކުރާ ސިޔާސީ އުކުޅެކެވެ.
މަޝްވަރާތައް ކުރިއަށްދާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޒްރާއިލްއިންވަނީ ޣައްޒާގައި ދިން ހަމަލާތަކުގައި 138 މީހަކު ޝަހީދުކޮށްލާފައެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ބުލްޑޯޒަރުތަކުން އެތައް ސަތޭކަ ގެއެއް ބިމާހަމަކޮށްފައިވާއިރު 1000ށްވުރެ ގިނަ ފަލަޞްޠީނުގެ ރައްޔިތުން ވަނީ 2023 އޮކްޓޯބަރުން ފެށިގެން ޝަހީދުކޮށްފައެވެ.
އެއްބަސްވުމަަކަށް އާދެވިދާނެކަމުގެ ފުރުޞަތު އެބައޮތްތަ!
ޓްރަމްޕް ހުރީ އެކަން ކުރަން ވަރަށް ބޭނުންވެފައެވެ. ޣައްޒާގައި ތިބި ފަލަޞްޠީނުގެ ރައްޔިތުން ތިބީ އެކަމަށް ފެންބޮވައިގެންފައެވެ.
އެކަމަކު އެކަމަށް އޮތް އެންމެ ބޮޑު ހުރަސް އަދިވެސް އޮތީ އެގޮތުގައެވެ.
އިޒްރާއިލް އަދި ނަތަންޔާހޫ ވެސް ހަމަލާތައް ހުއްޓާލާކަށް އަދި މެދުކަނޑާލާކަށްވެސް ބޭނުމެއްނުވެއެވެ. އެހެންކަމުން މަޞްރަޙް ދިރާސާކުރާ ކުރާ ފަރާތްތަކުން ބުރަވަނީ މިކަމުގައި އެއްބަސްވުމަކަށް އައުމަކީ ދުރުކަމެއް ކަމަށެވެ.
"އިޒްރާއިލްއިން ބޭނުންވާ އެތި ވަރަށް ސާފު. ޣައްޒާގެ ރައްޔިތުން މަރާ ހުސްކޮށްފަ, އެ ބިން އެމީހުން ބޭނުންވަނީ. އެހެންވީމަ ޣައްޒާގެ ރައްޔިތުންނަށް އޮތީ ތިންގޮތެއް. އެއީ ބަނޑަށް މަރުވުން, އިޒްރާއިލްގެ ހަމަލާތަކުގައި މަރުވުން, ނުވަތަ ފަލަޞްޠީނުގެ ބިން ދޫކޮށް ދިއުން. އެކަމަކު ޒަމާނުއްސުރެ ފަލަޞްޠީނުގެ ރައްޔިތުން އެދަނީ ސާބިތުކޮށްދެމުން ކޮންމެ ގޮތެއްވިއަސް އެބިން ދޫކޮށް އެމީހުން ނުދާނެކަން" ޤަތަރު ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮފެސަރު އަދްނާން ހަޔާންޔޭ ބުނެފައި ވެއެވެ.
ރިއެކްޝަންސް






