ޓްރަމްޕް ޣައްޒާ އާ އަޅައިގަނެގެން މިއުޅެނީ ކީއްވެ! އެމެރިކާއަށް ޣައްޒާގެ މިލްކު ކުރެވިދާނެތަ!

ޓްރަމްޕް ޣައްޒާ އާ އަޅައިގަނެގެން މިއުޅެނީ ކީއްވެ! އެމެރިކާއަށް ޣައްޒާގެ މިލްކު ކުރެވިދާނެތަ!

4 days ago - 23:20
Feb 17, 2025 - 23:21

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއާ ބެހޭގޮތުން މީގެ ދެ ހަފުތާކުރިން އިއުލާނުކުރި ނުރައްކާތެރި ޕްލޭނަކީ މުޅި ދުނިޔޭގައި މިވަގުތުވެސް އެންމެ ހޫނު މައުލޫއެވެ. ޣައްޒާގެ 2.3 މިލިއަން ރައްޔިތުން އަވައްޓެރި އުރުދުން އަށާއި މިޞްރަށް ގެންގޮސް, ޣައްޒާ އެއްކޮށް ހުސްކޮށް, އެމެރިކާގެ ތަނެއްގެ ގޮތުގައި ޣައްޒާ 'ރިވޭރިއާ އޮފް މެޑިޓެރޭނިއަން' ގެ ގޮތުގައި އަލުން ތަރައްޤީ ކުރާނެކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

އެމެރިކާއާ ބިމުގެ އެތައް މޭލެއްދުރުގައި އޮތް އެންމެ 360 އަކަ ކިލޯމީޓަރުގެ ބިންކޮޅަކަށް ޓްރަމްޕްގެ ޝައުޤުވެރިކަން އެހާ ބޮޑުވީ ކީއްވެ ހެއްޔެވެ! ގަދަކަމުން ޤައުމެއްގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ނެރުމަކީ ކަނޑައެޅިގެން ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފްވުން ކަން އެނގިހުރެ އެހާ ފާޅުކަންބޮޑު ގޮތެއްގައި ފަލަޞްޠީނުގެ ނަސްލު އެބިމުން ނައްތާލާނެ ކަމަށާއި އެކަމުގައި އަރަބި ޤައުމުތަކުންވެސް އެމެރިކާއަށް އެއްބާރުލުން ދޭނެކަމަށް އެހާ ފާޅުކަންބޮޑު ގޮތެއްގައި އެބުނަނީ ކީއްވެހެއްޔެވެ! އެއްބަޔަކު ބުނާގޮތުގައި އެއީ ޓްރަމްޕްގެ ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމުގެ އާ ބޮޅެކެވެ. ނަމަވެސް މިއީ ރިއަލް އެސްޓޭޓްއަށް ވުރެ ބޮޑު އަދި ނުރައްކާތެރި ވާހަކައެކެވެ. ފާޅުފައި ނަޞްލު ނައްތާލާނެކަން އަންގާ އިއުލާން ކުރުމެވެ.

އެމެރިކާގެ ފުރިހަމަ ސަޕޯޓާއެކު ޣައްޒާ ސުންނާފަތިކޮށްލި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު ވައިޓް ހައުސް ގައި މި ޕްލޭން އިއުލާން ކުރުން ބުނެދިނީ ކޮންވާހަކައެއް ހެއްޔެވެ! އިޒްރާއިލްއިންވެސް ވަނީ ޓްރަމްޕްގެ ޣައްޒާ ޕްލޭން އޭގެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް އިޒްރާއިލްގެ ފުރިހަމަ ސަޕޯޓް ދޭނެކަމަށްވެސް ބުނެފައެވެ.

Advertisement

ޓްރަމްޕްގެ ޕްލޭން ކާމިޔާބު ވެދާނެތަ!

ޓްރަމްޕްގެ މި ޕްލޭނަށް އެމެރިކާއާ ރުހޭ ފަރާތްތަކުންނާއި ނުރުހޭ ފަރާތްތަކުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވަކިން ޙާއްސަކޮށް އަރަބި ޤައުމުތަކުން ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިއުލާންކުރި ޕްލޭން ބައިނުގަންނާނެކަމަށް ސާފުސީދާ ބަހުން ހާމަކޮށްފައެވެ. ޓްރަމްޕްގެ މި ޕްލޭނަކީ ދުނިޔެ ޤަބޫލުކުރަމުން އަންނަ ދެ ދައުލަތުގެ ޙައްލައް ގޮންޖަހާ, މެދުއިރުމައްޗާ އެމެރިކާގެ ޑިޕްލޮމަސީއަށް އަރުވާލި ވަރުގަދަ ގުޑުމެކެވެ.

ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ފަލަޞްޠީނުން އދ ށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރު, ރިޔާދް މަންސޫރުވެސް ވިދާޅުވީ މިޞްރާއި އުރުދުން އިންވެސް އެ ޕްލޭނަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާކަމަށާއި އެކަން އެމެރިކާއަށް ކާމިޔާބުވިޔަ ނުދޭނެ ކަމުގައެވެ.

ނަމަވެސް ޓްރަމްޕްބުނީ ޕްލޭނާ ބެހޭގޮތުން ވާހަކަދެއްކި މީހުން އެ ހިޔާލާ ވަރަށް ގަޔާވި ކަމަށެވެ. އެއީ އެތަން އާބާދުކޮށް ބައިވަރު ވަޒީފާތައް އުފެއްދުމުން މެދުއިރުމައްޗަށް އެކަމުގެ ފައިދާ ކުރާނެތީކަމުގައި ޓްރަމްޕް ވަނީ ބުނެފައެވެ. އަދި އެ ޕްލޭން ރިޖެކްޓްކުރި މީހުން މާދަމާ އެކަމަށް އެއްބަސްވާނެކަމުގެ ޔަޤީންކަންވެސް ޓްރަމްޕް ވަނީ ދީފައެވެ.

ގަދަކަމުން ބަޔަކު އެބައެއްގެ ވަޒަނުން ބޭރުކުރުމަކީ އިންސާނީ ޙައްގުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނާ ކަނޑައެޅިގެން ޚިލާފްކަވެކެވެ. އަދި އެއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމައެކެވެ.

އިޒްރާއިލްއިން އދ ން ކުރިން ކަނޑައަޅާފައި ހުރި އެމްބަސެޑަރ ވިދާޅުވީ ޓްރްމަޕްގެ ޕްލޭނަކީ އެމެރިކާއަށް ޤާނޫނީ ހައިސިއްޔަތެއް އޮތްކަމެއް ނޫންކަމަށާއި, އަދި ޕްރެކްޓިކަލް ޕޮއިންޓަކުން ވިސްނާނަމަ އެމެރިކާއިން އެކަމަށް އިންވެސްޓް ކުރުމަކީ ދުރުކަމެއް ކަމަށާއި, އަދި ސިޔާސީ ގޮތުން އެމެރިކާ އަކީ ހާލަތުގެ ޒިންމާނެގޭނެ ފަރާތެއްވެސް ނޫންކަމުގައެވެ. އަދި އެމެރިކާއިން މިޞްރު ނުވަތަ އުރުދުންއަށް ޣައްޒާގެ ރައްޔިތުން ގެންދިއުމަށް މަޖުބޫރުވެސް ނުކުރުވޭނެ ކަމުގައެވެ.

1967 ގައި މިޞްރުން އިޒްރާއިލް އާއެކު ޤާއިމްކޮށްފައިވާ ސުލްޙައިގެ މުއާހަދާ ޤަބޫލުކުރާކަމެއްނޫންކަމަށާއި ވަގުތީ ގޮތުންވެސް އެކަން, އަދި އެއީ 2.3 މިލިއަން ނޫން އޭގެ އެއްބައި މިޞްރަށް ގެންދިއުމުގެ ވާހަކަ ދައްކާކަމަށް ވާނަމަވެސް އެކަން ކުރަން އެންމެ ރަނގަޅީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ކަމުގައިއެވެ. މިޞްރުގެ ސައިނާއިގެ ހަނަފަސް ސަހަރާގެ 40 ޑިގްރީ ހޫނުގައި ޣައްޒާގެ ރައްޔިތުން ވަޒަންވެރި ކުރުވުމަކީ މިޞްރުންވެސް ޤަބޫލުކުރާނެ ކަމެއްނޫން ކަމުގައެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ ރައީސްގެ ކަމުގައި މީގެކުރިންވެސް މެދުއިރުމައްޗަށް ހަމަޖެހުން ގެނެސްދީފައި ވާނެކަމަށާއި ދެންވެސް އެކަން ކުރާނީ އޭނާ ކަމުގައި ބުނެފައެވެ. ޓްރަމްޕގެ ވެރިކަމުގައި ޤުދުސް އިޒްރާއިލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ އެތާގައި އެމެރިކާގެ އެމްބަސީ ޤާއިމްކުރިކަން ވެސް ވަނީ ތަކުރާރުކޮށްފައެވެ. އަދި 70 އަހަރު ވަންދެން ހައްލުނުވެ އޮތް ގޯލާންގެ އުސްބިންތަކުގެ މިލްކުވެރިކަންވެސް އިޒްރާއިލްއަށް ހޯދައިދީފައިވަނީ އޭނާ ކަމުގައި ވެސް ވަނީ ބުނެފައެވެ.

ޓްރަމްޕްގެ ވިސްނުމަނީ ޣައްޒާގެ ރައްޔިތުން އެބިމުން ވަގުތީގޮތުން (ޣައްޒާ އާރާސްތުކުރެވެންދެން) ފޮނުވާލުން ނޫން ކަމަށާއި, "ޓްރަމްޕް ގެ ޣައްޒާ" އަށް ޣައްޒާގެ ރައްޔިތުންނަށް އެނބުރި އައުމުގެ ހައްޤު ނެތްކަމަށް ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕްވަނީ ބުނެފައެވެ.

ޕްލޭން ހަޤީގަތަކަށް ހެދުމުގައި ޓްރަމްޕްގެ ވިސްނުމަކީ ކޮބާ!

އެންމެ އާދައިގެ ބަހުން ބުނާނަމަ ޣައްޒާގެ އަވައްޓެރި ޤައުމުތައް ގަނެލައިގެންނެވެ. އެއީ ހުދު ޓްރަމްޕްވެސް އެކަން މާނަކުރާ ގޮތެވެ. މިހާރުވެސް ގިނަ އަރަބި ޤައުމުތައް އެމެރިކާގެ މުށުގައި ފިތެމުންދާ ފަދައިންނެވެ. ޓްރަމްޕް ތަކުރާރުކޮށް އެއްވާހައެއް އެކަމާގުޅިގެން ބުނެފައިވެއެވެ. އެއީ މީޞްރު އަދި އުރުދުން އަށް އެމެރިކާއިންދޭ އެހީތަކުގެ ވާހަކައެވެ. އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން އެ ދެ ޤައުމަށް އެކަނިވެސް ދޭ ކަމަށާއި, އެ ޤައުމުތަކުން ޣައްޒާގެ ރައްޔިތުން ގެންދާނެކަމަށް އެއްވެސް ޖެހިލުމެއްނެތި ވަރަށް ޔަޤީންކަމާއެކު ބުނާ ބުނުމުގައި ބޮޑު ސަބަބެއް އޮންނާނެއެވެ.

"އެމީހުން އެކަން ކުރާނެ. އެމީހުން އެކަން ކުރާނެ. އަހަރެމެން އެމީހުނަށް ބައިވަރު ފައިސާދެން" މިޞްރާއި އުރުދުން އަށް އެމެރިކާއިން ދޭ އެހީތައް ހުއްޓާލާނެކަމުގެ އިންޒާރު ދޭ ބިދައިން ޓްރަމްޕް ބުނެފައި ވެއެވެ.

މިޞްރު, ސައުދި އެރޭބިއާ, އުރުދުން އަދި ތުރުކިއޭ ފަދަ ޤައުމުތަކުން ވަނީ ޓްރަމްޕްގެ ޕްލޭނާ ކަނޑައެޅިގެން ދެކޮޅު ހަދާކަށް އިއުލާން ކޮށްފައެވެ. ސައުދީން ބުނެފައިވަނީ ފަލަޞްޠީނުގެ ވަކި ދައުލަތެއްޤާއިމްކުރުމަށް ޖާގަ ނުދެނީސް އިޒްރާއިލްއާ އަލުން ގުޅުން ޤާއިމް ނުކުރާނެ ކަމުގައެވެ. އުރުދުންގެ ރައީސް ރަޖަބް ތޮއްޔިބް އެރްދޮގާން ވިދާޅުވީ ޓްރަމްޕްގެ ޕްލޭނަކީ މަޝްވަރާގެ މޭޒަށް ނުވެސް ގެނެވޭނެ ކަމެއްކަމުގައެވެ. އަދި އެއްވެސް ބަޔަކަށް ޣައްޒާގެ ރައްޔިތުން އެބިމުން ނެރެލުމުގެ ބާރު ނުލިބޭނެ ކަމުގައާއި ފަލަޞްޠީނަކީ އަބަދަށްވެސް އައްޒާގެ ވަޒަންކަމުގައެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސްވެސް އަބަދުމެ ދެމިއޮންނާނީ ފަލަޞްޠީނުގެ ގޮތުގައި ކަމެވެ.

ބޮޑުމަންޒަރު

ޓްރަމްޕްގެ ޕްލޭނާއެކު ބޮޑު މަންޒަރު މަޑުމަޑުން ވަނީ ތިލަވާންފަށާފައެވެ. ޓްރަޕްމްގެ ގޮވާލުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ތަންދޭ ކަމެއް ނޫންކަމުގައާއި, އެމެރިކާއަށް ޣައްޒާގެ ބިމުގެ އެއްމެ ވެލިފުކަކަށްވެސް ޤާނޫނީ ހައްޤުނެތްކަށް ޓްރަމްޕް އަށް މާރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެވާހަކަ ތަކުރާރުކޮށް ދެއްކުމުގައި އޮތް ހަޤީގަތަކީ ޢަރަބި ޤައުމުތަކުގެ ބަލިކަށިކަމާއި, އެޤައުމުތަކަށް އެމެރިކާގެ ނުފޫޒު އޮތްމިންވަރު ދައްކުވައިދޭ ކަމެކެވެ.

ފާއިތުވި ހަފްތާގައި އުރުދުންގެ ރަސްގެފާނު ޢަބްދުالله ވަނީ ވައިޓްހައުސްގައި ޓްރަމްޕް އާ ބައްދަލުކޮށްފައެވެ. ބައްދަލުވުން ނިންމާ ނޫސްވެރިންގެ ކުރިމަތީގައި ޣައްޒާއާ ބެހޭގޮތުން ޓްރަމްޕްގެ ޕްލޭން ތަކުރާރު ކުރިއިރު އެތާގައި ޢަބްދުالله ރަސްގެފާނުވެސް ހުންނެވިއެވެ.

ޣައްޒާގެ ރައްޔިތުންގެ ގެ ހައްޤުގާ ބަސްފުޅެއް 'އެތާނގައި' ވިދާޅުވާން އިންކާރުކުރައްވާ ހަމައެކަނި ވިދާޅުވީ އުރުދުންގެ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަށް ކަންތައް ކުރައްވާނެ ކަމުގައެވެ. އުރުދުން އަކީ އެމެރިކާގެ އެހީއަށް ބަރޯސާވާ ޤައުމެކެވެ. ދެފޮޅުވަތް ދޭތެރޭގައި އޮތީ ކޮން އެއްޗެއްކަމާއި ބޮޑުމަންޒަރު ސާފުވާން ފަށައިފިކަން އެބަ އެނގެއެވެ.

އަނެއް ކަމަކީ ހަމަލާތާއް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގައި އެމެރިކާ އަދާކުރާ މެދުވެރިއެއްގެ ރޯލެވެ. އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާއިރު މަޝްވަރާތަކުގެ މައިގަނޑު މަޢުލޫއަކީ ޣައްޒާ އާރާސްތު ކުރުމާއި, ހަނގުރާމައަށްފަހު ޣައްޒާ ހިންގާނެ ފަރާތެއްގެ ބަހުޘެވެ. ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) އިން އެކަމަށް ތައްޔާރަށް އޮތްއިރު ޕީއޭއިން އެކަމަށް ދައްކަންޖެހޭ އަގަކީ ކޮބާހެއްޔެވެ! އެމެރިކާއާއި އިޒްރާއިލްގެ އެންގުމަށް ޕީއޭއިންވަނީ އެތައްޒަމާނެއްވީ 'ފަލަޞްޠީނުގެ ޝަހީދުންގެ ފަންޑް' ފާއިތުވެދިޔަ ހަފުތާގައި އުވާލާފައެވެ. އެމެރިކާ އާއި އިޒްޜާއިލްގެ 'ޕަޕެޓެއް' ގެ ގޮތުގައި އޮޕަރޭޓްވާ ޕީއޭ އިން ޣައްޒާގެ ވެރިކަން ނުވަތަ ކޮންޓްރޯލް ބޭނުންނަމަ އެމެރިކާގެ އެންގުމަށް ބޯލެނބުން ނޫން އޮތީ ކޮންގޮތެއް ހެއްޔެވެ!

ނަމަވެސް, ހުއްޓުމެއްނެތި 15 މަސް ދުވަހުގެ ޤަތުލްއާންމުން ވަގުތީގޮތުން ނިކުމެވި ތިބި ޣައްޒާގެ ރައްޔިތުން ތިބީ ސާބިތުކަމާއެކުއެކުއެވެ. ޒައިތޫނި ގަސްތައް ފަދައިން ޣައްޒާގެ ބިމަށް މޫލާފައި ތިބި ފަލަޞްޠީނުގެ ރައްޔިތުން ބުނާގޮތުންނަމަ ޣައްޒާގެ އާރާސްތުކުރުމުގެ ނަމުގައި އެމީހުން އެބިމުން ނެރެލެވޭނެކަމަށް ޓްރަމްޕް ހީކުރާނަމަ އެއީ ވަރަށް މޮޔަ ހީވުމެކެވެ. އެއީ އެބިން ދޫކޮށްދިއުމަށްވުރެ އެބިމުގެ އަޑިއަށް ދިއުމަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ފަޚުރެއްކަމުގައި ދެކޭ ކަމެއްކަމަށްވެސް ފަލަޞްޠީނުގެ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ޣައްޒާގެ މުސްތަޤުބަލް ކަނޑައަޅަން ޣައްޒާ ސުންނާފަތިކޮށްލި ދެ ޤައުމަށް އޮތީ ކޮން ހައްގެއްތޯ ޣައްޒާގެ ރައްޔިތުން ވަނީ ސުވާލުކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow