
ދުނިޔޭގެ އެންމެ ދިގުމުއްދަތަށް ޖަލުގައިހުރި ފަލަޞްޠީނުގެ ނައެލް, 44 އަހަރު ފަހުން މިއަދު މިނިވަންވުމަށްފަހު ދިން މެސެޖް
"އުރުދުން ކޯރުން މެޑިޓޭރޭނިއަން ކަނޑާހަމައަށް ފަލަޞްޠީން މިނިވަންކުރާނަން"
އިޒްރާއިލްގެ ޖަލުގައި އެންމެ ދިގުމުއްދަތެއް މިހާތަނަށް ހޭދަކުރި ފަލަޞްޠީނުގެ ނައެލް ބާގޫޓީ މިއަދު މިނިވަންކޮށްފިއެވެ. 44 އަހަރުގެ ބާގޫޓީ ޖަލުން މިނިވަން ކުރި ނަމަވެސް ފަލަޞްޠީނުގައި ދިރިއުޅުމުގެ ފުރުޞަތު އޭނާއަކަށް ނުލިބޭނެއެވެ. އޭނާ އަރުވާލީ މިޞްރަށެވެ
ހަމާސް އާއި އިޒްރާއިލް އާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ އެއްގޮތަށް މިއަދު މިނިވަންކުރި ނައެލް މިނިވަންވުމަށްފަހު އޭނާވަނީ ޣައްޒާއަށް މެސެޖެއް ފޮނުވާފައެވެ.
"އަސީރުން މިނިވަންވުމުން އުފާފާޅުކުރަމުންދާ ޣައްޒާގެ އެންމެހާ ރައްޔިތުންނަށް އަހަރެން ސަލާމް ފޮނުވަން. އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭހެން. ޣައްޒާގެ ބިމުގެ ވެލިގަނޑަށާއި މުޖާހިދުންނަށް, އަދި ޣައްޒާގެ ލީޑަރުންނަށްވެސް. ދުނިޔޭގެ ޑިކްޝަނަރީގައި ކޮންމެ ގޮތަކަށް އޮތަސް އެމީހުން ޣައްޒާގެ ރައްޔިތުންނަށް ދިން އަނިޔާގެ ބަދަލު ނުދެވޭނެ. މިތާނގެ ހިތްވަރުގަދަ މުޖާހިދުންނަށް ބަސްތަކުން އިންސާފު ހޯދައި ނުދެވޭނެ. އަހަރެމެން މި ވާހަކަދައްކަނީ މުޅި ދުނިޔެ އާ. ލާއިންސާނީ ސަޙްޔޫނީން ކޮންމެ ގޮތަކަށް ކަން ކުރިއަސް, އެމީހުން ޣައްޒާ, އަދި ފަލަޞްޠީނަށް ކިތަންމެ ވަރަކަށް ބޮން އެޅިއަސް, އެމީހުން އަހަރެމެންގެ ނިޔަފައްޗަކާވެސް އެއްވަރު ނުވާނެ. އަހަރެމެންގެ ޒުވާނުންނާއި ހަރުމީހުން, އަދި ކުޑަކުދިންވެސް ތިބޭތީ އެކަތިގަނޑެއްގެ ގޮތުގައި އޮތް އަރަބި ޤައުމުގެ ގޮތުގައި. އަހަރެމެން ފަލަޞްޠީން މިނިވަން ކުރާނަން. އެއީ އުރުދުން ކޯރުން, މެޑިޓޭރޭނިއަން ކަނޑާ ހަމައަށް" އަލްޖަޒީރާއަށް މެދުވެރިކޮށް އޭނާ ދިން މެސެޖުގައި ބުނެފައި ވެއެވެ.
'ދަ ޑީން އޮފް ޕަލަސްޠީނިއަން ޕްރިޒަނަރސް' ގެ ނަމުން މަޝްހޫރުވެފައިވާ 67 އަހަރުގެ ނައެލް ބަގޫޓީ އޭނާގެ މުޅި ހަޔާތުގެ ތިންބައިކުޅަ ދެބައި ހޭދަކުރީ އިޒްރާއިލްގެ ޖަލުގައެވެ. 2009 ގެ ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑް ބުނާގޮތުން އޭރުންފެށިގެންވެސް އޭނާއަކީ އެންމެ ދިގު މުއްދަތެއް ޖަލުގައި ހޭދަކުރި މީހާއެވެ
1957 ވަނަ އަހަރު މުޖާހިދުންގެ އާއިލާއަކަށް ރާމަالله އަށް އުފަންވި ނައެލް ބައްޕަވެސް 1936ގެ ގްރޭޓް އަރަބް ރިވޯލްޓްގައި އިނގިރޭސި އިސްތުއުމާރީ ބާރުތަކުން ހައްޔަރުކުރިއެވެ. އަދި އޭރު ނައެލްގެ ބޮޑުބޭބެއެއްވެސް ޝަހީދުކޮށްލެވުނެވެ.
1967 ގައި އިޒްރާއިން އޭނާގެ ވިލެޖް ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސްއަށް ވެރިވެގަތްއިރު އުމުރުން 10 އަހަރުގެ ނައެލް އަށް އެހުރިހާ ކަމެއް ފެނުނެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް އެތަން އޮތީ އިޒްރާއިލްއިން ހިޞާރުކޮށްފައެވެ.
އިޒްރާއިލްއާ ދެކޮޅަށް ނައެލް ބަގޫޓީ ތެދުވީ އެދުވަހުން ފެށިގެން ކަމުގައި އޭނާގެ ދައްތަ ޙަނާން ބަގޫޓީ ބުނެފައިވެއެވެ. އޭރުން ފެށިގެން އިޒްރާއިލްގެ ފައުޖުތަކަށް ގާއުކުމާއި, ފާރުތަކުގައި އަޅުވެތިކަމާ ދެކޮޅު ލިޔުންތައް އޭނާ ލިޔަމުންދިޔަ ކަމުގައި ދައްތަ ބުންޏެވެ. އެންމެ ފުރަތަމަ އޭނާ ހައްޔަރު ކުރީ 1977 ގައެވެ. އޭގެ ތިންމަސްފަހުން ދޫކޮށްލާ އަނެއްކާވެސް ހައްޔަރުކޮށް އުމުރަށް ޖަލަށްލި ނައެލް އޭރުންފެށިގެން ފުރިހަމަ 34 އަހަރު އިޒްރާއިލްގެ ޖަލުގައި ހޭދަކުރިއެވެ. ޖަލަށް ލެވުނީ އޭނާގެ ބޭބެ އޮމަރް އަދި ދެބެންގެ ދެދަރި ފަޙްރީ އާއެކު އިޒްރާއިލްގެ ސިފައިންގެ މީހަކު މަރާލި ކަމުގެ ކުށުގައެވެ.
2011 ވަނަ އަހަރު ގިލާޑް ޝަލިޓް ޕްރިޒަނަރ އެކްސްޗޭންޖްގެ ދަށުން އޭނާ މިނިވަންކުރި ނަމަވެސް އިޒްރާއިލްއިން 2014 ވަނަ އަހަރު ވަނީ އޭނާ އަލުން ހައްޔަރުކޮށްފައެވެ. އެއީ އެފަހަރު އެއްބަސްވުމާ ހިލާފްވިކަމަށް ބުނެއެވެ. ނަމަވެސް ނައެލް ގެ އާއިލާއިން ބުނީ އެއްބަސްވުމާ އެއްގޮތަށް މިފަހަރު ޣައްޒާއިން އަރުވާލެވިގެން އުޅެން އޭނާ އެއްބަސްވެފައިވާ ކަމުގައެވެ.
ޖުމްލަ 44 އަހަރުވަންދެން އިޒްރާއިލްގެ އަނިޔާވެރިކަމުގައި އެއްޖަލުން އަނެއް ޖަލުން އެންމެ ފަހުން މިއަދު ފަލަޞްޠީނުގެ ވައިރޯޅި ހިއްސާކުރާ ޖަށްވަށް ނޭވާއެއްލާން ލިބުނު ނަމަވެސް އޭނާގެ އާއިލާއިން އޭނާއާ ބައްދަލުކުރަން އިޒްރާއިލްއިންވަނީ ހުރަސް އަޅާފައެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އޭނާގެ އަނބިމީހާވެސް ނައެލް އާ ބައްދަލުކުރަން މިޞްރަށް ދަތުރުކުރުން އިޒްރާއިލްއިން ވަނީ މަނާކޮށްފައެވެ.
ރިއެކްޝަންސް






