
ފްލެޓް ލިސްޓް އެކުލަވާލުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ: ރައީސް މުއިއްޒު
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ރިވިއުކޮށް، ޝަރުތު ހަމަވާ މީހުންގެ ލިސްޓް އެކުލަވާލުމުގައި އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރައްޔިތަކަށް ލިބުނު ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ވެފައިވާ ވައުދުގައި ދެމިހުންނަވާނެ ކަމަށެވެ. ނަމަވެސް، ކުރީގެ ލިސްޓުން ބައެއް މީހުން އުނިވެފައިވާ ކަމަށާއި އޭގެ ސަބަބު އެ ފަރާތްތަކަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދޭނެ ޔަގީންކަމަކީ، އެންމެ ބޮޑު ޔަގީންކަމަކީ މި ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފަ އެއްވެސް ފަރާތަކުން ނުވާނެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ނުފޫޒެއް ނުފޯރުވާ ހައުސިން ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލިސްޓަށް ނޭރުނު ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލުކޮށްދެވޭނެ ކަމަށެވެ.
މީގެއިތުރުން، މާލޭ ސަރަހައްދުގައި އިތުރު ހައުސިންގ ޔުނިޓްތަކެއް އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް އިސްކަންދީފައިވާ ކަމަށާއި، ފަސް ޕަސެންޓު އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ފައިނޭންސިންގ ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް މިއަދު އާއްމު ކުރާއިރު، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ ހަމައެކަނި 1،820 މީހުންނަށެވެ.
ރިއެކްޝަންސް






