
ޞިއްހީ ފަރުވާއަށް އަށްފަހު އުރުދުން އިން ޣައްޒާގެ ކުޑަކުދިން އެގައުމުގުގައި ބޭތިއްބުމުގެ ހުއްދަ ނުދިނުމުން އަލުން ޣައްޒާގެ ހަނގުރާމައިގެ ބިމަށް!
ޢަންމާން, އުރުދުން (އޭޕީ) - ޣައްޒާއިން ފަރުވާދެވެން ނެތް ހިތުގެ ބައްޔެއްގައި ހައިތަމް އަބޫ-ދަގާ ގެ 5 މަހުގެ އަންހެން ދަރިފުޅު ގޮވައިގެން އާއިލާއިން އުރުދުން އަށް އެތެރެވެވުނީ ވަރަށް ހާލުންނެވެ. އުރުދުންގައި ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށް ކާމިޔާބުވެސް ވިއެވެ.
ފަރުވާއަށް ފަހު ދަގާގެ އަންހެނުން, އަދި ދަރިފުޅުގެ މަންމަ އުރުދުންގެ ސަރުކާރުގައި އެދެމައިން އުރުދުންގައި ތިބުމުގެ ހުއްދަ ދޭތޯ އެތައްފަހަރު އާދޭސް ދެންނެވިއެވެ. އެއީ ހަނގުރާމަ އާއި ބަނޑުހައިހޫނުކަން އަދި ދިރިއުޅުމުގެ ހާލަތު ބިރުވެރި ފައްތަރެއްގައިއޮތް ޣައްޒާއަށް އެނބުރި ގޮސް ތުއްތު ނެވީންގެ ރިކަވަރީ އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދެވިދާނެކަމަށް އޮތް ނުތަނަވަސްވުމާއެކުއެވެ. ނަމަވެސް ސަރުކާރުގެ ބަހަކީ ދަރިފުޅު ގޮވައިގެން ޣައްޒާއަށް ދިއުން ނޫން އިތުރު ގޮތެއް ނެތް ކަމުގައެވެ.
"އަަހަރެން ކިހިނެތް ނާޒުކު ހާލަތެއްގައި އޮތް މި ތުއްތު ކުއްޖާ ގޮވައިގެން އައިސް މި ކުޑަކުޑަ ޓެންޓުތެރޭގައި, ބޮންތަކުގެ ބިރުވެރިކަމާއެކު މި ކުއްޖާއަށް އަޅާލާނީ! އެމީހުންގެ ރަޙުމްކުޑަކަން އަހަރެމެން އަނބުރާ މިތަނަށް ފޮނުވާލުން. ޣައްޒާގައި މިކުއްޖާއަށް ފަރުވާދެވެން އޮތްނަމަ ކީއްކުރަން އެންމެ ފުރަތަމަވެސް އެތަނަށް ގެންދިޔައީ. ދަރިފުޅު އުރާލައިގެން ޓެންޓްތެރޭގައި ގިސްލެވެމުންދިޔަ މަންމަ އީނާސް ފާތީ އޭޕީއަށް ބުންޏެވެ.
5 މަހުގެ ތުއްތު ނެވީން އަކީ މި ފަހުން ޣައްޒާއިން އިތުރު ފަރުވާއަށް އުރުދުން އަށް ގެންދެވުމު 17 ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އެ ހުރިހާ ކުދިންވެސް ވަނީ ފަރުވާއަށް ފަހު އުރުދުންގައި އިތުރަށް ބޭތިއްބުމަށް އިންކާރުކޮށް އެހީތެރިޔާއެކު އަނބުރާ ޣައްޒާއަށް ފޮނުވާލާފައެވެ.
ހަނގުރާމައިގެ ބިމަކަށް, އަދި އަމުދުން ސިއްހީ ފަރުވާ ލިބެންނެތް ޣައްޒާއަށް މި ކުދިން އަނބުރާ ފޮނުވާލުމާ ގުޅިގެން ހައްގުތަކަށް ވަކާލާތުކުރާ އުރުދުންގެ ގްރޫޕްތަކުންވަނީ މިއީ ސީދާ ކަނޑައެޅިގެން ބައިނަލްއަޤުވާމީ ޤާނޫނުތަކާ އުރުދުން އިން ހިލާފްވުންކަމަށް ބުނެފައެވެ. އަދި އަސްކަރީ ހަމަލާތައް ހުއްޓުމެއްނެތި ދެމުންދާއިރު އެކުދިންނަށް ޣައްޒާގައި އެކަށީގެންވާ ފަރުވާ ލިބެނޭގެ ގޮތަކާމެދުވެސް އެފަރާތުންވަނި ސުވާލު އުފައްދާފައެވެ.
އުރުދުންގެ މި ނިންމުމަކީ އަރަބި ގައުމުތަކުންވެސް މީގެ ކުރިންވެސް ދަމަހައްޓަމުން އައި ހިޖުރަވެރިންގެ މައްސަލަ ބޮއްސުންލައިގެން ނުދިއުމަށް ފިޔަވަޅު އެޅުމުގެ ސަޔާސަތެވެ. އަރަބި ޤައުމުތަކުގެ ހުއްޖަތަކީ ފަލަޞްތީނުގެ ރައްޔިތުން އެގޮތަށް ބަލައިގަނެ, ފަލަޞްތީނުގެ ރައްޔިތުންނަށް އެގައުމުތަކުގައި އަބަދަށް ބޯހިޔާވަހިކަށް ފަހިކޮށްދީފިނަމަ, ދައުލަތެއްގެ ގޮތުގައި ފަލަޞްތީން ނެތި ގޮސްދާނެ ކަމުގެ ހިޔާލެވެ.
އުރުދުންއަކީ މީގެ ކުރިއްސުރެ އެތައްހާސް ފަލަޞްޠީނުގެ ރައްޔިތުން ހިޖުރަކޮށް ދިރިއުޅެމުންދާ ގައުމެކެވެ. ހިޖުރަވެރިންނާއެކު ޑެމޮގްރަފިކް ބެލެންސް ގެއްލިދާނެ ކަމުގެ ބިރާއެކު އިޤްތިޞާދީ ހާލަތާއި ވަޒީފާ ނެތުމުގެ ބިރާއެކު އުރުދުން އިންވެސް ފަލަޞްޠިނުގެ ރައްޔިތުން ބަލައިގަތުމަށް ވަނީ އުޒުރުވެރިވެފައެވެ.
ތުއްތު ނެވީން އާއި އޭނާގެ މަންމަ ޣައްޒާއަށް އެނބުރީ އައީ ހޮނިހިރު ދުވަހުއެވެ. ޣައްޒާއަށް ވަދެވުނީވެސް ހަމަލާތަކުގެ މެދަށެވެ. އެމީހުން ގޮވައިގެން ދަތުރިކުރި ބަހާ މާދުރުނޫން ހިސާބަކަށް އިޒްރާއިލްގެ ވައިގެ ހަމަލާއެއް އަމާޒުވެ ބަހުގެ ރޫޓްވެސް ބަދަލުކުރަންޖެހުނެވެ.
އުރުދުން އިން ބުނީ މި ކަމުގައި އަބަދުވެސް ޕްލޭން އޮތް ގޮތަކީ ފަރުވާ ލިބުމަށްފަހު އެނބުރި ދިއުން ކަމަށެވެ. އެއީ އިތުރު މީހުނަށް ފަރުވާގެ ދޮރު ހުޅުވުމުގެ ގޮތުންކަމުގައިވެސް އުރުދުންގެ އޮފިޝަލުންނާ ހަވާލާދީ އޭޕީ އިން ބުނެފައި ވެއެވެ.
ނެވީން ގެ އިތުރުން ހަތަރު ކުއްޖަކަށް ފަރުވާދިން ޢަންމާންގެ ހޮސްޕިޓަލްގެ އެސިސްޓަންޓް ޑިރެކްޓަރ ޑރ. ޝަރްގާވީ ވިދާޅުވި ގޮތުގައި މާޗު މަހުން ފެށިގެން ފާއިތުވި އަންގާރަ ދުވަހު ކުދިން ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް އެކުދިންގެ ހުރިހާ ހަރަދެއް ބެލެހެއްޓީ ހޮސްޕިޓަލްއިންނެވެ.
އުރުދުންގެ އިސްނެގުމުގެ ދަށުން ޣައްޒާގެ 2000 ކުދިންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއްގެ ދަށުން ފުރަތަމަ 17 ކުދިން އުރުދުން އަށް ގެންދެވުނީ މިއަހަރުގެ މާޗު މަހު ހަމަލާތައް މެދުކަނޑާލާފައި އޮތް ދަނޑިވަޅުގައެވެ. އެ 17 ކުދިން ފަރުވާއަށް ފަހު ޣައްޒާއަށް އަނބުރާ ފޮނުވާލާފައިވަނީ އިޒްރާއިލް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްވުރެ މާ ވަރުގަދަކޮށް ޣައްޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވާފައި އޮންނަތާ ތިން މަސް ވާން ކައިވެފައިވަނިކޮށެވެ.
ރިއެކްޝަންސް






