ހިޒްބުالله އާ އިޒްރާއިލްގެ ހަމަނުޖެހުންތަކުގެ ތާރީޚު
1982 ވަނަ އަހަރު ހިޒުބުالله އުފެދުނު
އަންގާރަ ދުވަހުގެ ހަވީރު ލުބުނާންގައި މުވާސަލާތީ ޑިވައިސްތަކެއް ގޮއްވާލާ ދިން ހަމަލާތަކެއްގައި 2800 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. އެ ހަމަލާތަކުގައި މަދުވެގެން 12 މީހަކު މަރާލާފައިވާއިރު, އޭގެ ތެރޭގައި ތިން ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ހަމަލާތަކުގައި ޒަޚަމްވި ގިނަ މީހުންނަކީ ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް, ހިޒްބުالله ގެ މެމްބަރުންނެވެ. ހިޒްބުالله އިން ވަނީ މިހަމާލަތަކުގެ ޒިންމާ އިޒްރާއިލްގެ ބޮލުގައި އަޅުވާފައެވެ.
އޮކްޓޯބަރ 8 ން ފެށިގެން ހިޒްބުالله އިންވެސް ދަނީ ދެކުނު ލުބުނާނުގެ ބޯޑަރު ހުރަސްކޮށް އިޒްރާއިލްއަށް ހަމަލާދެމުންނެވެ. ހިޒްބުالله ގެ ހަމަލާތައް އިޒްރާއިލްއާ ދެކޮޅަށް ފަށާފައިވަނީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމާ ދެކޮޅަށެވެ. އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 41,000 ރައްޔިތުން މަރާލާފައިވެއެވެ.
ހިޒްބުالله އިން ދޭ ހަމަލާތަކުގެ ރައްދުގައި އިޒްރާއިލްއިންވެސް ހަމަލާތައް ދެއެވެ. ހިޒްބުالله އަކީ މެދުއިރުމަތީގައިވެސް ހަނގުރާމައިގެ ތަޖުރިބާ އެންމެ ގިނަ ހަނގުރާމަވެރިންގެ ޖަމާއަތެވެ. ލުބުނާނުގެ ސަރުކާރާ ވަކިން ހަރަކާރްތެރިވާ ހިޒްބުالله ގެ އަސްކަރީ ޤާބިލްކަން މީގެން ކުރިންވެސް އިޒްރާއިލްއަށް ވަނީ ތަޖުރިބާ ކުރެވިފައެވެ.
އިޒްރާއިލް އާއި ހިޒްބުالله ގެ ހަމަނުޖެހުންތަކަކީ އަލަށް ފެށިގެން އުޅޭކަމެއް ނޫނެވެ. މީއީ ގާތްގަނޑަކަށް ބައިޤަރުނު ވާން ކައިރިވެފައިވާ ދިގު މާޒީއެއް އޮތް ހަމަނުޖެހުންތަކެކެވެ.
ހަމަނުޖެހުންތަކުގެ ޓައިމްލައިން:
1982 – އިޒްރާއިލް ލުބުނާނަށް އެރުމާއި ހިޒްބުالله އުފެދުން
ޖޫން, 1982 ގައި އިޒްރާއިލްއިން ލުބުނާނަށް އެރިއެވެ. ބެލެވޭގޮތުގައި އެއީ ދެކުނު ލުބުނާނުން ފަލަޞްޠީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން ދޭ ހަމަލާތަކުގެ ރައްދުގެ ގޮތުންނެވެ. އޭރުންފެށިގެ ލުބުނާނުގެ ދާޙިލީ ހަނގުރާމަ ހަތް އަހަރުވަންދެން ދެމިއޮތެވެ.
އިޒްރާއިލްއިން ދެކުނު ލުބުނާނު ހިފުމަށްފަހު ހުޅަނގު ބެއިރޫތާ ހަމަށް އަތްގަދަކޮށް އެތަންވެސް އިޒްރާއިލްގެ ބާރުގެ ދަށަށް ގެނައެވެ. އެއީ ޕީއެލްއޯ ޤާއިމްވެ ތިބި ސަރަހައްދެވެ.
އެއްބަސްވުމެއްގެ ދަށުން ޕީއެލްއޯއިން ހުޅަނގު ބެއިރޫތްއިން ފައިބާ ޓިއުނީޝިއާއަށް ދިޔަނަމަވެސް އިޒްރާއިލްގެ އަސްކަރިއްޔާއިން ލުބުނާނުގައި ތިބީއެވެ. ލުބުނާނުގެ ކަނާތު ފިޔައިގެ ހަނގުރާމަވެރި ގުރޫޕާއި އިޒްރާއިލް އަސްކަރިއްޔާ ގުޅިގެން ފަލަޞްޠީނުގެ ރެފިއުޖީންނާއި ލުބުނާނުގެ އާންމުން ހިމެނޭހެން 2000 އާއި 3500 އާ ދެމެދުގެ މީހުން ދެ ދުވަސް ތެރޭގައި ޤަތުލް ކުރިއެވެ. އެއީ 'ޞަބްރާ އެންޑް ޝަތީލާ ޤަތުލެވެ.' މިކަން ހިންގީ ބެއިރޫތްގެ ޞަބްރާ ސަރަޙައްދުގައި ހުންނަ ޝަޠީލާ ރެފިއުޖީ ކޭމްޕްގައެވެ.
އިޒްރާއިލުން ލުބުނާނުގައި ޤާއިމްވެ ތިބޭ ތިބުމާ ދެކޮޅަށް އެކިއެކި ގުރޫޕްތަކުން ތެދުވިއެވެ. ހިޒްބުالله އަކީ އޭރު އަދި ނުއުފަންނަ ދަރިއެކެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުގެ އެހީތެރިކަމާއެކު އިޒްރާއިލާ ދެކޮޅަށް ޖިހާދުކުރުމުގެ މަޤްސަދާއެކު ހިޒްބުالله އުފެދުނީ އެދުވަސްވަރުއެވެ.
ބެކާ ވާދީ އާއި ދެކުނު ލުބުނާނުގެ އެކިތަންތާނގައި އުޅުނު ޒުވާނުންނާއި އެކު ޝިޢީން ގެ އާބާދިގެ ބޮޑުބަޔަކާއެކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިޒްބުالله އިން ލުބުނާނުގައި ބޮޑު ބާރުވެރިކަމެއް ހޯދިއެވެ.
1983- ހަމަލާތައް
1982 ން 1986 ށް އިޒްރާއިލްގެ އަސްކަރިއްޔާއާ ދެކޮޅަށް ލުބުނާނުގައި ވަރަށް ގިނަ ހަމަލާތައް ދިނެވެ. ބައެއް ހަމަލާތަކުގެ ޒިންމާ ވަކިވަކި ގުރޫޕްތަކުން ނެގިނަމަވެސް އިޒްރާއިލްއިން އެ ހުރިހާ ހަމަލާއެއްގެ ޒިންމާ އެޅުވީ ހިޒްބުالله ގެ ބޮލުގައެވެ.
އޮކްޓޯބަރ 28, 1983 ގައި ވެރިރަށް ބެއިރޫތްގެ ބެރެކްސް އިމާރާތްތަކަށް ބޮންއެޅި ހާދިސާގައި 300 މީހުން މަރުވިއެވެ. އޭގެ ތެރޭގައި އެމެރިކާ އަދި ފްރާންސް އިން އައިސްތިބި ޞުލްޙައަށް މަސައްކަތްކުރާ މީހުންވެސް ހިމެނެއެވެ. އެ ހަމަލާގެ ޒިންމާވެސް އިސްލާމިކް ޖިހާދު ގުރޫޕުން ނެގިނަމަވެސް ގިނަ މީހުން ޤަބޫލުކުރި ގޮތުގައި އެއީ ހިޒްބުالله ގެ ހަމަލާއެކެވެ.
1985 – ހިޒްބުالله ގެ ޙަރަކާތްތައް ފުޅާވުން
ކުދި ކުދި އެހެން ގުރޫޕްތަކާ އެކުވެ 1985 ގައި ހިޒްބުالله ގެ ބާރުވެރިކަން ހުރި ހިސާބަކީ ދެކުނު ލުބުނާނުގެ ލިޓާނީ ކޯރާ ހިސާބަށް އިޒްރާއިލްގެ އަސްކަރިއްޔާ ފައްސާލުމެވެ. އޭގެ އެކޮޅަށް އޭރު އިޒްރާއިލް ނުޖެއްސުނީ އިޒްރާއިލްއިން އެއީ ސަލާމަތީ ޒޯނެއް ކަމަށް ކަނަޑައެޅުމާއި އެކުއެވެ. ސަލާމަތި ޒޯންތައް އޭރު ބަލަހައްޓަނީ ދެކުނު ލުބުނާނުގެ އަސްކަރިއްޔާއިންނެވެ. އެއީ އިޒްރާއިލްއަށް ވާގިދޭ އިޒްރާއިލްގެ ބައެކެވެ. އެމީހުންގެ ސަޕޯޓާއެކު 2000 ވަނަ އަހަރާ ހަމައަށް އިޒްރާއިލްއިން އެސަރަޙައްދުގައި ތިއްބެވެ.
1992 – ސިޔާސީ ކަންކަން
ލުބުނާނުގެ ދާޚިލީ ހަނގުރާމަ ނިމުނީ 1992 ގައެވެ. އެހިސާބުން ލުބުނާނުގެ ސިޔާސީ މައިދާނަށް ހިޒްބުالله އިން ވަނެވެ. ޕާލިމެންޓްރީ އިންތިޙާބުގައި 128 ގޮނޑީގެ ތެރެއިން 8 ގޮނޑި ކާމިޔާބު ކުރިއެވެ. ނަމަވެސް ވާގިދޭ އެހެން ޖަމާއަތްތަކާއެކުވެ ޕާލިމެންޓުގައި ހިޒްބުالله 62 ގޮނޑި މިހާރު ތަމްސީލްކުރެއެވެ.
1993 – ހަތް ދުވަހުގެ ހަނގުރާމަ
ޖުލައި 1993 ގައި އިޒްރާއިލްއިން އަނެއްކާވެސް ލުބުނާނަށް ހަމަލާދިނެވެ. "އޮޕަރޭޝަން އެކައުންޓެބިލިޓީ" ގެ ނަމުން ނަންދެވިފައިވާ މި ހަނގުރާމަ ހަތް ދުވަހަށް ކުރިއަށް ދިޔައެވެ.
މި ހަމަލާތައް ފެށުނީ އޭގެ ކުރިން އިޒްރާއިލްއިން ލުބުނާނުގެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން ހިޒްބުالله އިން އުތުރު އިޒްރާއިލް އަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
އިޒްރާއިލްގެ ހަމާލާތަކުގައި ލުބުނާނުގެ އާންމުންގެ 118 މީހަކު މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އަދި އެތައްހާސް އިމާރާތްތައް ހަލާކުވިއެވެ.
1996 – އެޕްރީލް އެގްރެޝަން އަދި ޤަނާ
ތިން އަހަރު ފަހުން އެޕްރީލް 11, 1996ގައި އިޒްރާއިލްއިން ހިޒްބުالله އަށް އަމާޒުކޮށް 17 ދުވަހުގެ ހަމަލާތަކެއް ލޯންޗްކުރިއެވެ. މި އޮޕަރޭޝަން މަޝްހޫރުވެފައި ވަނީ "އޮޕަރޭޝަން ގްރޭޕްސް އޮފް ވްރެތް" ގެ ނަމުންނެވެ.
މި ހަމަލާތަކުގައި ދެފަރާތުންވެސް އަސްކަރީ އަދި އާންމުންގެ މީހުންވެސް މަރުވި އިރު, ލުބުނާނުގެ އިންފްރާސްޓްރަކްޗަރ ވަރަށް ބޮޑަށް ހަލާކުވިއެވެ.
އެޕްރީލް 18 ވަނަދުވަހު އިޒްރާއިލްއިން ޙިޞޯރުކޮށްފައިވާ ދެކުނު ލުބުނާނުގެ ޤަނާގެ އދ ގެ ކޮމްޕައުންޑަށް މިސައިލް ހަމަލާއެއް ދިނެވެ. އެއީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ 800 މީހުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ތަނެކެވެ. މި ހަމަލާގައި ޢާއްމުންގެ 106 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 37 ކުޑަކުދިން ހިމެނުނު އިރު 116 މީހަކު ޒަޚަމްވެސް ވިއެވެ.
2006 – ޖުލައި ހަނގުރާމަ
2006 ވަނަ އަހަރު އިޒްރާއިލްގެ ސަރަޙައްދުގައި ހިޒްބުالله އިން އިޒްރާއިލްގެ ސިފައިންގެ ތިން މީހަކު މަރާލާ, އިތުރު ދެ ސިފައިން އަތުލައިގަތެވެ.
އަދި އެމީހުން ދޫކުރާނީ އިޒްރާއިލްގެ ހައްޔަރުގައި ތިބި ލުބުނާނުގެ މީހުން ދޫކުރުރުމުން ކަމަށް އިޒްރާއިލްއަށް އެންގިއެވެ. 5 އަހަރު ފަހުން ހިޒްބުالله އިން އެ ދެމީހުން ދޫކޮށްލީ އިޒްރާއިލްއިން ހައްޔަރުކޮށްފައި ތިބި ލުބުނާނުގެ ފަސް މީހުން ދޫކޮށްލުމާއެކުއެވެ.
އެ އަހަރުގެ ޖުލައި މަހު ފެށުނު ހަނގުރާމަ 34 ދުވަހަށް ދިގުދެމިގެން ދިޔައިރު ލުބުނާނުގެ 1200 މީހުން މަރުވެ 4400 މީހަކު ޒަޚަމްވިއެވެ. އަދި އިޒްރާއިލްގެ 158 މީހަކުވެސް މަރުވިއެވެ. އޭގެތެރޭގައި ގިނައީ އިޒްރާއިލް އަސްކަރިއްޔާގެ މެމްބަރުންނެވެ.
2009 – އަދާހަމަ މެނިފެސްޓޯ
2009 ގައި ހިޒްބުالله އިން އިޒްރާއިލްއާ ދެކޮޅަށް ހަރާކާތްތައް ދެގުނައަށް އިތުރުކޮށް އާ މެނިފެސްޓޯ އިއުލާންކުރިއެވެ. ލުބުނާނުގައި ވަރުގަދައަށް މޫ ލާފައި އޮތް ހިޒްބުالله އޭރު އޮތީ ސަރުކާރާ ގުޅިލާމެހިގެން ލުބުނާނުގެ އެއްބައިވަންތަކަމަށް އެކުގައި މަސައްކަތްކުރުމަށް ބައިޢަތު ހިފައިގެންނެވެ.
2012 – ސީރިއާގެ ދާޚިލީ ހަނގުރާމަ
ހިޒްބުالله އިން 2012 ވަނަ އަހަރު ދިމިޝްޤްގެ ސަރުކާރުގެ ތާއިދާއެކު ސީރިއާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނެވެ. މިއާއެކު ކުރިން އެޖަމާޢަތަށް ތާއިދުކުރި ގިނަ އަރަބި ލީޑަރުން އެކަމާ ފާޑުކިއެވެ. އަދި އެކަން އެޖަމާޢަތުގެ އެއްބާނީ ,ޞުބީ އަލް ޠުފައިލީ ވެސް ކުށްވެރިކުރިއެވެ.
ނަމަވެސް ހިޒްބުالله އިން ބުނެފައިވަނީ އެކަމުގެ ސަބަބުން އައިސިސް ކަހަލަ ހަތިޔާރު އެޅި ނުރައްކާތެރި ގްރޫޕްތަކުން ލުބުނާނަށް ލޯއަޅަން ޖެހިލުންވި ކަމަށާއި, ހިޒްބުالله އަށްވެސް ހަނގުރާމައިގެ ތަޖުރިބާތަކެއް ލިބުންކަމަށެވެ.
2023-2024 – ޣައްޒާ
އޮކްޓޯބަރ 2023 ގައި ޣައްޒާއަށް އިޒްރާއިލްއިން ދޭ ހަމަލާތަކާ ދެކޮޅަށް ހިޒްބުالله އިން ރޮކެޓް ހަމަލާތަކެއް ދިނެވެ. އިޒްރާއިލްއިން ރައްދު ހަމަލާދިނެވެ. ހަމަލާތަކާއެކު ލުބުނާނުގެ 97,000 މީހުން އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވިއެވެ. މި ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 566 މަރުވެފައިވާއިރު އޭގެ ތެރެއިން 133 މީހުންނަކީ އާންމުންނެވެ.
އިޒްރާއިލްއިންވެސް އެމީހުންގެ 60,000 މީހުން ވަނީ އިޒްރާއިލްގެ އުތުރުގެ ބޯޑަރު ސަރަޙައްދުން ދުރައްޖައްސާފައެވެ. ދެފަރާތުންވެސް ސަރަޙައްދު ދޫކޮށްދިޔަ އެއްވެސް ބަޔަކު އެނބުރި އައިސްފައެއްނުވެއެވެ.
މި މުއްދަތުގެ ތެރޭގައި އިޒްރާއިލްވަނީ ހަމާސް އަދި ހިޒްބުالله ގެ ސީނިއާ ލީޑަރުންތަކެއްވެސް މަރާލާފައެވެ.
އިޒްރާއިލްއިން މަރާލާފައިވާ ހިޒްބުالله ގެ ކޮމާންޑާރު ފުއާދު ޝްކުރް ގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ހިޒްބުاللهއިން ވަނީ އޮގަސްޓް މަހު ފަހުކޮޅުވެސް އިޒްރާއިލްއަށް ރޮކެޓް ހަމާލާތަކެއް ދީފައެވެ.
ސެޕްޓެމްބަރު 2024 – ޕޭޖަރ ހަމަލާ
ސެޕްޓެމްބަރ 17, 2024ގައި ހިޒްބުالله ގެ މުވާސަލާތީ ޑިވަސްތަކެއް ލުބުނާނުގައި ވަނީ ގޮއްވާލާފައެވެ.
މި ހަމަލާތަކުގައި 12 މީހުން މަރުވެފައިވާއިރު 2750 މީހުން ވަނީ ޒަޚަމް ވެފައެވެ. މަރާލާފައިވާ މީހުންގެ ތެރޭގައި އާންމުންގެ ތިން މީހަކާއި ކުޑަކުއްޖެއްވެސް ހިމެނެއެވެ.
ހިޒްބުالله އިން ވަނީ މިހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރާއިލްކަން ޔަޤީންކޮށްދީފައެވެ. އަދި މިކަމުގެ ބަދަލު އިޒްރާއިލްގެ ކިބައިން ހިފާނެ ކަމުގައިވެސް ވަނީ ބުނެފައެވެ.
ރިއެކްޝަންސް