އެންމެން ދައްކަނީ އިހުސާނުގެ ގަޓުގެ ވާހަކަ, އިހުސާނު ވިދާޅުވަނީ ރައީސްގެ ގަޓުގެ ވާހަކަ!
މިނިސްޓަރ އަލީ އިހުސާން

އެންމެން ދައްކަނީ އިހުސާނުގެ ގަޓުގެ ވާހަކަ, އިހުސާނު ވިދާޅުވަނީ ރައީސްގެ ގަޓުގެ ވާހަކަ!

އިހުސާން ދެއްވަނީ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން

1 month ago - 10:40
Aug 3, 2024 - 10:48

އެންމެ ފަހުން ހޯމް މިނިސްޓަރ އަލީ އިހުސާނަށް ޢާއްމުން ތައުރީފް ކުރީ ހުކުރު ދުވަހު އިރުއޮއްސޭ އިރު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޓްވީޓަށްވުރެ ޓްވީޓްގައި އޮތް ފޮޓޯއާ ގުޅިގެންނެވެ. އެފޮޓޯއިން ފެންނަނީ މިނިސްޓަރުގެ އާއިލީ ވިޔަފާރި ކުންފުނި 'ހެޕީމާކެޓް' ގެ ވެހިކަލެއް ފުލުހުން ޓޯކުރާ މަންޒަރެވެ. އެއީ ހޯމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އެމަނިކުފާނު ސީއޯއީ އެއްގެ ގޮތުގައި ހިންގެވި ކުންފުންޏެވެ.

އެފޮޓޯއާއެކު ލިޔުއްވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވަނީ ޤާނޫނު ތަންފީޒު ކުރުމުގައި ވަކި މީހެއް އިސްތިސްނާ ނުވަތަ ޚާއްޞަ ނުކުރުމަށެވެ. އެންމެނަށްވެސް ހަމަހަމަކޮށް ޤާނޫނު ތަންފީޒު ކުރުމަށެވެ. ދިވެހި ފުލުހުން އަދި އެހެން ތަންފީޒީ އިދާރާތަކުން އެގޮތުގައި ރާއްޖޭގެ ޤާނޫނުތައް ތަންފީޒު ކުރާނެއެވެ. އެފޮޓޯއާއި ތަސްވީރު ގުޅުވާލުމުން ވިދާޅުވާ ވާހަކައަކީ އަމިއްލަ ނަފްސުވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ކުރައްވާނަމެވެ. އެއާއެކު ޢާއްމުންގެ ތައުރީފް މިނިސްޓަރަށް އޮއްސާލިއެވެ. ނަމަވެސް ބައެއް މީހުން ބުނީ އެކަން ޔަގީންވާނީ މިނިސްޓަރ އެނބުރި ގެކޮޅަށް ވަޑައިގެންނެވުމުންނެވެ. ގެކޮޅުން މިނިސްޓަރާ މެދުވެސް ގާނޫނު ތަންފީޒު ކުރާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޖޫ ޖެއްސެވެ.

https://x.com/min_mohst/status/1819373017513988598

ނަމަވެސް އެޓްވީޓްގެ ކުރިންވެސް މިނިސްޓަރުގެ ފަރާތުން ތައުރީފް ހައްގު ކަންތައްތަކެއް ފެނުނެވެ. އޭގެތެރެއިން އެއްކަމަކީ ބިދޭސީންނާ މެދު ފިޔަވަޅު އަޅާ އަނބުރާ ގައުމަށް ފޮނުވާލަން ފެއްޓެވި މަސައްކަތެވެ. އެއަށްވުރެ ބޮޑަށް ބިދޭސީންނާ ގުޅޭ ފީތައް ނުދައްކާ ފަރާތްތަކުގެ ލިސްޓް ޢާއްމު ކުރެއްވުމެވެ. އެލިސްޓްގައި ސަރުކާރުގެ ނުފޫޒުގަދަ ބޭފުޅުންނާއި, މަގާމް ތަކުގައި ތިއްބެވި ބޭފުޅުންނާއި, ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. ޕްރެޝަރު މިނިސްޓަރަށް ކުރިމަތި ކުރިވިއެވެ. އެޕްރެޝަރާ ކުރިމަތިލެއްވޭނެތޯ އެތައް ބަޔަކު ސުވާލު އުފެއްދިއެވެ.

އޭގެފަހުން ދެން ވިދާޅުވާ ވާހަކަ އަދި މާ ނުރައްކަލެވެ. ގޭންގް ތަކަށް ނިސްބަތްވާ ފަރާތްތަކުގެ ލިސްޓް ޢާއްމު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ. މިއީ ހަގީގަތުގައިވެސް ވާނެކަމެއްތޯ މިހާރުވެސް ސުވާލު އުފައްދަން ފަށައިފިއެވެ. ގޭންގްތަކުގެ ނުފޫޒު ގައުމާއި, ސިޔާަސީ ފަރާތްތަކަށް އޮތް މިންވަރު އެންމެންވެސް ދަނެއެވެ. އޭގެ ކުރިއަށް ޖެހިލާއިރު ކޮންމެ ބޮޑުކަމަކާއެކު ސީދާ ވަޒީރު ނޫސްވެރިންގެ ކުރިމައްޗަށް ނިކުމެ ވަޑައިގެން ޖަވާބުދާރީ ވުމެވެ. ހައްލުގެ ޔަގީންކަން ތަކުރާރު ކުރެއްވުމެވެ. ވަކި މީހަކަށް ނުބައްލަވާނެ ކަމުގެ ޔަގީންކަމެވެ. ގައުމު ހަމަ މަގަށް އަޅުވާނެ ކަމުގެ ޔަގީންކަމެވެ. ބިދޭސީންގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ. ގޭންގްތައް މައިތިރިކޮށް, މަސްތުގެ ވަބާ ކުޑަކުރައްވާނެ ކަމުގެ ޔަގީންކަމެވެ.

މިއާއެކު ޢާއްމުން މިނިސްޓަރ އަލީ އިހުސާނަށް 'ގަޓު މިނިސްޓަރު' ގެ ނަމުން މުހާތަބު ކުރަން ފަށައިފިއެވެ. އެކަމަކު އެއަށް ވަޒީރު ދެއްވާ ޖަވާބަކީ ގަޓުހުރީ އެމަނިކުފާނުގެ ނޫންކަމެވެ. ހަގީގަތުގައި ގަޓު ހުރީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކަމަށް ވިދާޅުވިއެވެ.

"ދާޚިލީ ކަންކަން ހަމަމަގަށް އެޅެމުން މިދަނީ ރައްޔިތުން ”ގަޓު“ ހުންނެވި ރައީސަކާ ޤައުމު ހަވާލު ކުރެއްވީތީ. އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާ ހަރުދަނާ އަދި ޖެހިލުން ކުޑަ ނިންމެވުންތައް އަޅުގަނޑުމެން ތަންފީޒު މިކުރަނީ." މިނިސްޓަރ އިހުސާން

ހަގީގަތުގައި އަދި އޮތީ ކަންކަން ހިނގަމުންދާގޮތް ބަލަން ތިބުމެވެ. ޕްރެޝަރު ކުރިމަތިވުމުން ދެން ކަންކަން ބަދަލުވެގެން ދާގޮތެވެ. އެކަމަކު ޔަގީނުންވެސް މިދިޔަ 9 މަހަށް ބަލާއިރު ގަޓްހުރިކަން ދައްކައިދީފި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow