
ޒަމްޒަމް ފެން: އިސްލާމީ ތާރިޚްގެ އެންމެ މަތިވެރި އެއް މުޢުޖިޒާތް
މާތް الله ޞުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތް އެކަލާނގެ އަޅުނަން ތަނަވަސްވެފައިވާ މިންވަރު އެންމެ ބޮޑަށް ހާމަކޮށްދޭ ޒަމްޒަމް ފެނުގެ މުޢުޖިޒާތަކީ މިޒަމާނުގެ ސައިންސްއަށްވެސް ޖަވާބު ހޯދިފައިނުވާ އަޖައިބެކެވެ. ހުއްޓުމެއް, މެދުކެނޑުމެއް, އަދި މަދުވުމެއްނެތި ޒަމްޒަމް ލިބޭ ޒަމްޒަމްފެން އެކަލާންގެ ލެއްވި މީގެ 4000 އްހާ އަހަރުކުރިންނެވެ.
މާތްވެގެންވާ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގެ މާތްބިމުގައި މުސްލިމުން އެންމެ ބޮޑަށް ހަނދާންއާކޮށް, އެކަމުގެ އިޙްޞާސްމިއަދުވެސް ކުރެވޭތޯ ބަލަމުންދަނީ ސަލާމްލެއްވި އިބްރާހިމްގެފާނުގެ ތުއްޕުޅު ދަރިކަލުންނަށް އެކަލޭފާނުގެ މަންމާފުޅު ހާޖަރު ޢަލައިހިއްސަލާމް ހަނަފަސް ސަހަރާގެ މެދުގައި ދެފަރުބަދަ މަތީ ތުއްޕުޅު އިސްމާއިލް ޢަލައިހިއްސަލާމްއަށް ފެންފޮދެއް ހޯއްދަވަން ހިންގެވި ހިންގެވުމުގެ މަތިވެރި ހަނދާނެވެ.
ފެންބޮވައިގަނެފައިވާ ތުއްޕުޅު އިސްމާއިލް ޢަލައިހިއްސަލާމް އަށް ފެންފޮދެއް ހޯއްދެވުމަށް ޞަފާ އާއި މަރްވާ ފަރުބަދައިގެ ދެމެދުގައި ގޮތްހުސްވެފައިވާ ހާލު ދުވެވަޑައިގެންނެވިއެވެ. އެ ދުވެވަޑައިގަތުމުގައި الله ޞުބްހާނަނޫ ވަތަޢާލަގެ ހަޞްރަތުން ފެންފޮދަކަށް އެދި އެކަމާ ދުޢާކުރެއްވިއެވެ. އެހިނދު މާތް الله ޞުބްހާނަނޫ ވަތަޢާލާ ޖިބްރީލް ޢަލައިހިއްސަލާމްއަށް އެކަމަނާއަށް އެހީތެރިވުމަށް އަމުރުކުރެއްވިއެވެ. ޖިބްރީލް ޢަލަހިއްސަލާމް ދުނިޔޭގެ ބިމަށް ފައިބާ ވަޑައިގެން ފިޔަފުޅުން ބިމުން ޖެއްސެވިތަނުން ހަނަފަސް ސަހަރާގެ މެދުން ފެން އިސާހިތަކު އަރަންފެށިއެވެ.
ޒަމްޒަމް ވަޅު ހުންނަނީ މާތްވެގެންވާ ކަޢުބާގެ އިރުން 20 މީޓަރު (66 ފޫޓް) ދުރުގައެވެ. ޒަމްޒަމް ފެނަށް އެނަން ދެވުނީ ހާޖަރު ޢަލައިހިއްސަލާމްގެ އެފެނަށް ހުއްޓެން އެންގެވި އެންގެވުމާ ގުޅިގެންނެވެ. ޒަމްޒަމްގެ މާނައަކީ "ހުއްޓުން (ފެންއެރުން)" އެވެ. ޒަމްޒަމް ފެނަކީ ދުނިޔެމަތީގައި މާތް الله ލެއްވި އެންމެ ސާފު ޠާހިރު އަދި އެންމެ މާތްވެގެންވާ ފެނެވެ. އޭގައި އެއްވެސް ކަހަލަ ފަންގަސްއެއް, ވައިރަސްއެއް ނުވަތަ ބެކްޓީރިއާ އެއް އަށަގަތުމުގެ ފުރުޞަތުވެސް ނެތެވެ.
އަހަރެމެނަށް ޒަމްޒަމްފެން މެދުކެނޑުމެއްނެތި ލިބެމުންދާތާ 4000 އަހަރުވީއެވެ. ދުވާލަކު 700,000 ލީޓަރުގެ ޒަމްޒަމްފެން އެވަޅުން ޕަމްޕުކުރެއެވެ. އުފެދޭ ސުވާލަކީ ޒަމްޒަމްފެން ދުނިޔޭބެ ބިމުން ހުސްވާނެ ބާއެވެ. ތަޖުރިބާކާރު ޖިއޮލޮޖީ ޕްރޮފެސަރެއްކަމަށްވާ އައްބާސް ޝަރާޤީގެ ހޯދުންތަކުގެ އަލިންވެސް ޒަމްޒަމް ފެނަކީ ދުވަހަކުވެސް ހުސްވުމެއް ނުވާނެ ފެނެއްކަށް ވަނީ ވިދާޅުވެފައެވެ. އަދި އެފެންވަނީ ބިމުގެ ރިނިއުއޭބަލް ފެނާ ގުޅިފައި ކަމަށްވެސް ޝަރާޤީ ވިދާޅުވެފައިވެއެވެ. އެފެން ހުސްވާނީ ދުނިޔޭގެ ތމާވެއްޓަށް ވަރަށް ނާޒުކު ހާލަތެއް ކުރިމަތިވެއްޖަ ނަމަ ކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.
ޒަމްޒަމް ފެނުގެ ބައެއް ސިއްޙީ ފައިދާ:
ޒަމްޒަމް ފެނަކީ ކެލްސިއަމް އިން މުއްސަނދިވެފައިވާ ފެނެއްކަމުން ދަތްތައް ވަރުގަދަކޮށްދިނުމުގައި މުހިއްމު ދައުރެއް އެ ފެން އަދާކުރެއެވެ. ކެލްސިއަމްގެ އިތުރުން ޒަމްޒަމް ފެނުގައި ގިނަ އަދަދަށް ކެލްސިއަމް ހުރުމާއިއެކު ޒަމްޒަމް ފެނަކީ އިންސާނުންގެ ސެލްތަކަށް ބާރުލިއްބައިދޭ ފެނެކެވެ. ވަކިން ޙާއްސަކޮށް މާބަނޑު ބޭފުޅުންނަށް މާބަނޑުވުމުގައި ދިމާވާ ވަރުބަލިކަމާ ހާސްކަމުން ދުރުކޮށްދެއެވެ. މިއީ މިޒަމާނުގެ ސައިންސް ބުނެދޭ ހަޤީގަތެކެވެ. އަދި ބޮޑެތި ބަލިތައްކަމަށްވާ, ކިޑްނީއާއި ހަކުރު ފަދަ ކަންކަމަށްވެސް ޒަމްޒަމް އަކީ ޝިފާއެވެ. ޒަމްޒަމް ފެނުގައި ކެންސަރު ބައްޔާ ހަނގުރާ ކުރުމުގެ އެންޓައި-ފްލެމޭޓަރީ ޕްރޮޕަޓީސްވެސް އެކުލެވިގެންވާކަމަށް މިޒަމާނުގެ ސައިންސްގެ އަލީގައި ހޯދިފައިވެއެވެ.
"ޒަމްޒަމް ފެނަކީ ކޮންމެ ބައްޔަކަށްވެސް ޝިފާއެކެވެ. އެއީ ޖިބްރީލް ޢަލަހިއްސަލާމް މެދުވެރި ކުރައްވާ އިސްމާއިލް ޢަލައިހިއްސަލާމް ގެ ކަރުހިއްކުން ފިއްލެވުމަށް (ފުރަތަމަ) އެކަލާންގެ ލެއްވެވި ފެނެކެވެ" ޒަމްޒަމް ފެނާބެހޭގޮތުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ކަމަށް ސަޙީހުލް ބުޙާރީ ރިވާކުރައްވާފައި ވެއެވެ.
އިބްން މަޖަޙް އެހެން ހަދީޘެއްގައި ރިވާކުރައްވާފައި ވާގޮތުން ޝިފާލިބުމަށް އެދި އެފެން ބޮއެފިނަމަ الله ޞުބްޙާނަހޫ ވަތަޢާލާ އެކަމުން ޝިފާ ލިބުމަށް އިރާދަކުރައްވައެވެ. ކަރުހިއްކުން ފިލުވުމަށް އެފެން ބޮއެފިނަމަ الله ޞުބްޙާނަހޫ ވަތަޢާލާ އެއިން ކަރުހިއްކުން ފިލުމަށް އިރާދަކުރައްވައެވެ.
ސަހީހުލްޖާމީ ރިވާކުރެއްވި ކީރިތި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަގެ ހަދީޘެއްގައި ވާގޮތުން ދުނިޔޭގެ ބިމުގައިވާ އެންމެ ރަނގަޅު ފެނަކީ ޒަމަޒަމްއެވެ. އެއީ ބަލިމަޑުކަމުން ޝިފާ ލިބޭ ކާނާއެކެވެ. ސަޙީހުލް ބުޚާރީގެ އެހެން ރިވާޔަތެއްގައި ވެއެވެ. "މާތް الله ޞުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތުން ޙާޖަރު ޢަލައިހިއްސަލާމް އެ ފެން ފެތުރުން ނުހުއްޓުވި ނަމަ އެފެން އޮތީހީ ފެތުރިފައިވާ ފެންގަނޑެއްގެ ސިފައިގައެވެ".
ރިއެކްޝަންސް






