އެފްއޭއެމް އެކައުންޓެއްގައި ފައިސާއެއް ނެތް, ބައްސާމް އަތުގައި ލަގްޒަރީ އެޕާޓްމަންޓް އެބަހުރި!
ފުޓްބޯޅައިގެ ހާލަތު އެންމެނަށްވެސް ސާފެވެ. އެތަނުގައި އޮތީ ހަމައެކަނި 'ބޮޑަތި' ދަރަންޏެވެ. ރާއްޖޭގެ ކުންފުނިތަކަށާއި, ބޭރުން ގެނައި ޓެކްނިކަލް މުވައްޒަފުންނަށެވެ. ސަރުކާރުގެ އިދާރާ ތަކަށާއި, ގެސްޓް ހައުސްތަކަށެވެ. އެތަނުގެ ދަރަނި ނެތް ހަމަ އެއްތަނެސްވެސް ނެތީއެވެ. ކޯޓް ހުކުމުން މަތިމައްޗަށް ދަރަނި ދައްކަން އަމުރު ކުރިޔަސް އެއިން ދަރަންޏަކަށް ދައްކާނެ ލޯލާރިއެއްވެސް އެފްއޭއެމްގެ އެކައުންޓަކު ނެތެވެ.
އެހާލަތާއެކު ބޮޑަތި ތުހުމަތުތަކެއް މިދިޔަ ދެދައުރު އެފްއޭއެމް ހިންގެވި އެއިދާރާގެ ރައިސް ބައްސާމް އަދީލް ޖަލީލަށް ކޮށް, ޕީޖީން އަންގައިގެން ފުލުހުން ތަހުގީގު ފެށިއެވެ. ތަހުގީގުގެ ފާހަގަކުރެވުނު ބޮޑަތި, ބޮޑަތި މައްސަލަތަކާއެކު ދައުވާގެ ސިލްސިލާވެސް ފެށިއްޖެއެވެ. ދައުވާއާ ހަމައަށް އައިއިރު ބައްސާމްއަށް 9 މަސްދުވަހުގެ ސަސްޕެންޝަނެއް ފީފާއިން ވަނީ ދީފައެވެ. ނަމަވެސް އެސަސްޕެންޝަނަކީ ދެން އޮންނަ އެފްއޭއެމްގެ އިންތިޚާބަކަށް ދާއިރު ނިމޭނެ ސަސްޕެންޝަނެކެވެ. މާނައަކި ބައްސާމްގެ މައްޗަށް އުފުލާ ދައުވާތަކުން ސަލާމަތްވެއްޖެ ނަމަ ދެން އޮންނަ އިންތިޚާބުގައި ވާދަކުރަންވެސް އޭނާއަށް ހުރަހެއް ނެތުމެވެ.
އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ފީފާއިން ހަވާލުކުރި ފަހުން ފުރަތަމަ މަސްދުވަސް ވަނީއެވެ. އެކޮމިޓީން މީޑިޔާއާ ބައްދަލުކޮށް ވިދާޅުވީ 'ރަނގަޅު ހަމަ އެއްކަމެއްވެސް' ނެތް ކަމަށެވެ. ހިންގުމުގެ ދާއިރާތަކުން ޚާއްޞަކޮށް, ޤާނޫނީ އަދި މާލީ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ އެކޮމިޓީއަށް ކުރިމަތިވި އެންމެ ޗެލެންޖިންގ މަސައްކަތަކަށް އެފްއޭއެމް ހަމަޔަކަށް އެޅުވުން ވެއްޖެއެވެ. ފުރަތަމަ ކަމަކީ ފައިސާ ނެތުމެވެ. އެކަމަކު ދަރަނި 85 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެކޮމިޓީން އަންދާޒާ ކުރެއެވެ. ދަރަނި ރީސްޓްރަކްޗަރ ކުރުމަކީ އެކޮމިޓީއަށް އޮތް އުނދަގޫ މަސައްކަތެކެވެ. އެއީ ފީފާއިން އެކޮމިޓީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
އެކައުންޓްގައި ނެތް ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތުގައި ހިރި ގޮންޖެހުންތައް ބޮޑެވެ. އެފްއޭއެމްގެ އެކައުންޓްގައި ފައިސާ ނެތަސް އެއިދާރާގެ ކުރީގެ ރައީސްގެ އަމިއްލަ ލަގްޒަރީ އެޕާރޓްމަންޓްތައް އެބަހުއްޓެވެ. އެތަންތަން ބައްލަވައިގެންފައި ވަނީ އެފްއޭއެމްގެ ރައީސްގެ މަގާމްގައި ހުންނެވި މުއްދަތުގައެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފްއޭއެމްގެ ފައިސާއިން ބައްސާމް ގަތީ އެޕާރޓްމަންޓް ކަމަށެވެ. އެއީ ލަގްޒަރީ އެޕާރޓްމަންޓެވެ. އަމީން އެވެނިއު އިން ގަން ދެ އެޕާރޓްމަންޓްގެ މައްސަލަ ފުލުހުން ތަހުގީގު ނިންމާ ޝަރީއަތަށް ފޮނުވަން ޕީޖީއަށް ވަނީ ފޮނުވާފައެވެ. ފުލުހުން ވިދާޅުވީ ބައްސާމް އެޕާރޓްމަންޓް ގަތީ ފީފާއިން ދޫކުރި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ލޯނުގެ ތެރެއިން 1 މިލިއަން ޑޮލަރު ބޭނުން ކުރައްވައިގެން ކަމަށެވެ. ފައިސާ ދެއްކީ ތިން ފަހަރެއްގެ މަތީން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެކުރިން މިއަހަރުގެ ކުރީކޮޅުން ޕީޖީން ވަނީ މަނީލޯންޑަރިންގެ ދައުވާވެސް ބައްސާމްގެ މައްޗަށް އުފުލާފައެވެ. އެދައުވާގެ ތެރޭގައި ފީފާއިން ދޭ ފައިސާގެ ތެރެއިން 10,000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުން ކުރުންވެސް ހިމެނެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އަރައިނުގަނެވޭހާ ދަށަށް ވެއްޓިފައިވާއިރު މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށޭނެކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ. އެއުއްމީދެއް ނޯމަލައިޒޭޝަން ކޮމިޓީއަށް ދެވޭކަށްވެސް ނެތެވެ. ސަރުކާރުގެ އެއްބާރުލުން ލިބުނަސް އެއިދާރާ ހިންގާނެ ގޮތެއްވެސް ނެތި ހަވާލުވި ކޮމިޓީއަށް އަދި އެކަމަށް ދެވޭނެ އުއްމީދެއް ނެތެވެ. އެކަމަކު އަހަރެއްގެ ތެރޭގައި ހާލަތު ބަދަލުކޮށް, އެފްއޭއެމް ހިންގޭނެ ވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ނޯމަލައިޒޭޝަން ކޮމިތީގެ ޗެއަރމަން އަހުމަދު ޒުހޫރު ދެއްވިއެވެ. އޮތް ހަމައެކަނި އުއްމީދަކީ އެއީއެވެ.
ރިއެކްޝަންސް