
ބޮޑު ބަހުސެއް, އެއްބުރުން ރިޔާސީ އިންތިޚާބު ނިންމަންވީތަ!
ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޕްރިފެރެންޝެލް ވޯޓިންގ ނިޒާމަކަށް ދިއުމުން
ސިޔާސީ ބޮޑު ބަހުސެއް މިވަނީ ފެށިފައެވެ. ސުވާލަކީ ޤާނޫނު އަސާސީގައިވާ ރިޔާސީ އިންތިޚާބުގެ ދެބުރުގެ ތެރެއިން އެއްބުރުން އުވާލަންވީތޯއެވެ. %50 އަށްވުރެ މަތިން ވޯޓް ނުލިބިއްޖެނަމަ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމާމެދު ބަހުސަކަށް ދިޔައީ, އެއްބުރުން ސަރުކާރެއް އެކުލަވާލުމުގެ ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވުމުންނެވެ. ޕާޓީގެ އެތެރެއަށް ހިއްސާކުރައްވާ ރައްޔިތުންގެ ތާއީދު ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންނެވި ވިސްނުންފުޅު މިހާރު ވަނީ ޢާއްމުކޮށް އިއުލާނުވެސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޕްރިފެރެންޝެލް ވޯޓަކުން, ދެވަނަ ބުރެއްގެ ވޯޓްލުން ނެތި ސަރުކާރެއް އެކުލަވާލުމުގެ ފުރުޞަތު ދެއްވުމެވެ. އެމަނިކުފާނު މިކަން އާއްމުކޮށް އިއުލާނުކުރެއްވީ ހުރިހާ ރައްޔިތުންނަށް ވަދެވޭގޮތަށް ހުޅުވާލެއްވި އެމަނިކުފާނުގެ ވަޓްއެޕް ގްރޫޕެއްގައެވެ. އެނިޒާމަކީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ރޭންކްކޮށް ވޯޓްދޭ ނިޒާމެކެވެ. އެއްވަނައަށް ދާ ކެންޑިޑޭޓަށް %50 އަށްވުރެ މަތިން ނުލިބިއްޖެނަމަ ދެވަނަ ގުނުމަކަށް ދާ ނިޒާމެކެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަށް އެންމެ ފުރަތަމަ ތާއީދުކުރެއްވި ލީޑަރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ނަޝީދު ވިދާޅުވީ ޕްރެފަރެންޝަލް ވޯޓާއެކު ނަމަ އެއް ބުރުން ވޯޓްލާ ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެކަމަކު މިއުޞޫލާ އިދިކޮޅު މައިޕާޓީގެ ވިސްނުން ތަފާތެވެ. އެޕާޓީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވަނީ އެކަމާ ދެކޮޅުންކަން ޢާއްމުކޮށް އިއުލާނުކުރައްވާފައެވެ. ފައްޔާޒު ވިދާޅުވީ އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
" ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، "ހަރަދު ކުޑަކުރުން" ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް" ފައްޔާޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާވެސް ފައްޔާޒު ދެކޮޅެވެ. ރައީސް ޑރ.މުއިއްޒުގެ ވިސްނުންފުޅަކީ އެދެއިންތިޚާބުވެސް އެއްކޮށް ބޭއްވުމެވެ. އަދި ލޯކަލް ކައުންސިލްތަކަށްވެސް ބަދަލުގެނެސް އާބާދީ މަދު ރަށްތަކަށް އިންތިޚާބުކުރާ ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރުމެވެ.
އެބަދަލުވެސް ފައްޔާޒުއަށް ކަމަކު ނުދެއެވެ. ވިދާޅުވީ ރިޔާސީ އިންތިޚާބާއި, މަޖިލިސް އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ. މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އެކަމަކު ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ފައްޔާޒު ތާއީދެވެ. އޭނާ ވިދާޅުވީ އެކަމުގައި ފައިދާތަކެއް އެބަހުރި ކަމަށެވެ. ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަޞައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށާއި, މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ ފާޅުގައި ދެކޮޅު ހެއްދެވި އަނެއް ބޭފުޅަކީ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަންވެސް ކުރެއްވި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްވެސް ޝައުގުވެރިކަން ހުރިކަމަށް ބެލެވޭ ފައިސަލް ވިދާޅުވީ ޤާނޫނު އަސާސީއަކީ އެވަގުތަކު ވެރިކަމުގައި ހުންނަ މީހަކު ބޭނުންވީމާ ބޭނުންވާ ގޮތަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އިތުރު ދައުރެއް ހޯދުމަށް ޤާނޫނު އަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި, ޤާނޫނު އަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްޤު ކަށަވަރުކޮށްދޭ އެއްޗެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
" އެއީ ރަމްޒީ އެއްޗެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މީހަކު އިންތިޚާބުވާން ޖެހޭނީ، ވޯޓުދޭ މީހުންގެ އަޣުލަބިއްޔަތުން. ޤާނޫނު އަސާސީއަށް ގެންނަން އުޅޭކަމަށް މިހާރު މިއަޑު އިވޭ ބަދަލަކީ، ޤާނޫނު އަސާސީގެ މުޅި ރޫޙާއި، ދިމިޤުރާތީ އުސޫލުތަކާއި މުޅިން ޚިލާފު ބަދަލެއް. އެއީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނުވާނެ." ފައިސަލް ވިދާޅުވިއެވެ.
މިބަހުސްގެ ތެރެއިން ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަނީ ރައީސް ޑރ.މުއިއްޒުގެ ވިސްނުންފުޅު ޕްރޮމޯޓްކޮށް, އެއްބުރުން ސަރުކާރު އެކުލަވާލަން ބާރު އަޅަމުންނެވެ. އެބަދަލު ޤާނޫނު އަސާސީއަށް ގެނައުމަށް ވަކާލާތުކޮށް, އެވިސްނުން ރައްޔިތުންނަށް ވިސްނައިދެމުންނެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން އެވިސްނުމާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ ހިޔާލު ފާޅުކުރަމުންނެވެ. އެމީހުން ގަބޫލުކުރަނީ މިބަދަލަކީ ރައީސް ޑރ.މުއިއްޒު ދެވަނަ ދައުރަކަށް ފަހިކުރަން ގެންނަން އުޅޭ ބަދަލެއް ކަމަށެވެ.
މިއީ ފުޅާދާއިރާގެއްގައި ހިޔާލުބަދަލުކޮށް, މަޝްވަރާ ކުރަން ޖެހޭ ބަދަލެކެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ރައްޔިތުންނާ ސީދާ ގުޅުންހުރި މުހިއްމު ނިންމުމެކެވެ.
ރިއެކްޝަންސް






