ބަނގްލަދޭޝްގެ ޝަހާދަތު  ހިންގާ ބިދޭސީންގެ ވަގު ވިޔަފާރީގެ ފަހަތުގައި ޢާއްމު ދިވެހިންނާއި އިމިގްރޭޝަން އޮފިސަރުން!
މައްސަލައިގައި ދައުވާކުރަން ފޮނުވީ ޝަހާދަތުގެ މައްޗަށް

ބަނގްލަދޭޝްގެ ޝަހާދަތު ހިންގާ ބިދޭސީންގެ ވަގު ވިޔަފާރީގެ ފަހަތުގައި ޢާއްމު ދިވެހިންނާއި އިމިގްރޭޝަން އޮފިސަރުން!

އެކައުންޓްތަކުން ދައުރުކޮށްފައިވާ ފައިސާގެ އަދަދު 8 މިލިއަނަށްވުރެ މަތި

3 hours ago - 18:39
May 13, 2025 - 18:43

ބަނގްލަދޭޝްގެ ޝަހާދަތު ހޮސައިން ހިންގާ ބިދޭސީންގެ ވަގު ވިޔަފާރީގެ ފަހަތުގައި ޢާއްމު ދިވެހިންނާއި އިމިގްރޭޝަން އޮފިސަރުން ހިމެނޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ޤާނޫނާ ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް, ޖިނާއީ ކުށްކޮށްގެން ފައިސާ ހޯދާ މަނީ ލޯންޑަރިންގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބަނގްލަދޭޝްގެ ޝަހާދަތު ހޮސައިންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

ޝަހާދަތު ހޮސައިން ހުރީ ކޯޓް އަމުރެއްގެ ދަށުން ބަންދުގައެވެ. ގިނަ ފަރާތްތަކަކާ ސުވާލުކޮށް, ގުޅުންހުރި އިލެކްޓްރޯނިކް ސާމާނުންނާއި, އެނޫން ގޮތްގޮތުން ހޯދި ހެއްކާއި, ގަރީނާގެ އަލީގައި ފުލުހުން ވަނީ މައްސަލައިގެ ގިނަ ތަފްސީލްތަކެއް ހާމަކޮށްފައެވެ.

ފުލުހުން ވިދާޅުވީ ޝަހާދަތު ހޮސައިން 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެނީ ހަތަރު ވޯކްޕާމިޓެއްގައި ކަމަށެވެ. 2019 ވަނަ އަހަރު މާލެ އައިސް ބީއެމްއެލްގައި އޭނާ ވަނީ 6 އެކައުންޓް ހުޅުވާފައެވެ. އެއީ ދިވެހިރުފިޔާގެ 3 އެކައުންޓާއި, ޔޫއެސްޑޮލަރުގެ 3 އެކައުންޓެވެ.

ތަހުގީގުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ ޝަހާދަތު ހޮސައިންގެ ލެޕްޓޮޕާއި ފޯނުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ އާއި ލޯގޯއާއި ސްޓޭމްޕް އަދި އެކި މީހުން ސޮއި ހުރި ކަމަށެވެ. އަދި ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމަންޓާއި, ޕާސްޕޯރޓާއި, ބައެއް ދިވެހިންގެ އައިޑީ ކާޑް ފޮޓޯވެސް ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. ބިދޭސީންގެ ސޮޔާއި ޑޮކިއުމަންޓްވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement

" މިތަކެތި ފެނިފައިވުމުން ތަހުގީގަށް ފާހަގަވެފައިވާ ކަމަކީ ޝަހާދަތި ހޮސައިންއަކީ ވަރަށް ފުޅާދާއިރާއެއްގައި ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް އެކަމުން މާލީ މަންފާ ހޯދާ ފަރާތެއްކަން."

ޝަހާދަތުގެ ލެޕްޓޮޕާއި ފޯނުން އެކްސްޕަޓް ސިސްޓަމަށް ލޮގިންގ ކުރާ ގިނަ އެކައުންޓްތަކެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރޭގައި އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތަކުގެ ނަމުގައިވާ 153 ލޮގިންގ އާއި ފޮރިންގ ކުންފުނިތަކުގެ ލޮގިންގ 7 ލޮގިންގ އާއި, ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުގެ ނަމުގައި 283 ލޮގިންގ އާއި, އަމިއްލަ އެކި ފަރާތްތަކުގެ ނަމުގައިވާ 126 އައިޑީ އާއި, ޕާޓްނަރޝިޕްގެ ނަމުގައި އެކްސްޕަޓް ސިސްޓަމްގައި ރިލޭޝަން ގާއިމްކޮށްފައިވާ 5 އެކައުންޓްގެ ހިމެނެއެވެ. އެހުރިހާ އެކައުންތެއްވެސް ފެނިފައިވަނީ ޕާސްވޯޑާއެކު ކަމަށް ފުލުހުން ވިދާޅުވިއެވެ.

" އެއީ އޭނާ އަމިއްލައަށް ކްރިއޭޓްކޮށްފައިވާ ލޮގިންތަކެއް ކަމަށް ތަހުގީގަށް ނުބެލެވޭ. ޝަހާދަތުގެ މިމަސައްކަތްތަކުގެ ފަހަތުގައި އިމިގްރޭޝްނަގައި މަސައްކަތްކުރާ ބަޔަކާއި, ދިވެހިންގެ ޢާއްމު އެތައް ބަޔަކު ހިމެނޭ"

ފުލުހުން ވިދާޅުވީ ޝަހާދަތު ހޮސައިންއާ ގުޅިގެން ކުންފުނިތަކުގެ ކޯޓާ ނަގާ ބިދޭސީން އެތެރެކޮށް, އެބިދޭސީންނަށް ވަޒީފާ ނުދީ މާލެތެރެއަށް ދޫކޮށްލާ, އޯޕަން ކޯޓާގެ ނަމުގައި މާލީ މަންފާ ހޯދާކަމަށް ބެލެވޭ ކަމަށެވެ. ސައްހަނޫން ވޯކްޕާމިޓާ ގުޅޭ ލިޔެކިޔުންތައް ހެދުމަށްފަހު ބިދޭސީންނަށް ފޮނުވާ ބަނގްލަދޭޝްގައި ހުޅުވާފަހުރި އެކައުންޓަކަށް ފައިސާ ޖަމާކުރުވާކަންވެސް ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ޝަހާދަތުގެ ބެންކް އެކައުންޓްތަކަށް 8 މިލިއަން ދިވެހި ރުފިޔާ ޖަމާވެ, ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

" އޭނާގެ (ޝަހާދަތު ހޮސައިން) ފޯނުން ފެނުނު ޗެޓްލޮގް ތަކާ ޑޮކިއުމަންޓްތަކުން އެނގެނީ އެކަން ކުރަނީ އިމިގްރޭޝަން އޮފިސަރުންތަކެއްގެ އިތުރުން ދިވެހިންގެ ގިނަބަޔަކާ ގުޅިގެންކަން."

ފުލުހުން ވިދާޅުވީ އިމިގްރޭޝަން އޮފިސަރުންގެ ބަޔާއި, ދިވެހި ޢާއްމުންގެ ބައި ވަކި އެހެން މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާކަމަށެވެ.

ޝަހާދަތުގެ ދިރިއުޅުމުގެ ފެންވަރު މަތިކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ އޭނާ އެންމެފަހުން ވޯކްޕާމިޓް ބަދަލުކޮށްފައިވާ ކުންފުނީގެ ވަޒީފާއަކީ އޮފީސް ބޯއީ ނަމަވެސް, ވަޒީފާ ހަމަޖެހުނު ލިޔުމުގައި އޮތީ މުސާރައިގެ ގޮތުގައި 3000 ޑޮލަރު ކަމަށެވެ. އެކްސްޕަޓް ސިސްޓަމްގައިވެސް އޮތީ އޮފީސް ކްލީނަރ ކަމަށް ވީނަމަވެސް, މުސާރައަކީ 3000 ޑޮލަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ދިރިއުޅެމުން އަންނަނީ 18000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމަންޓެއް ނަގައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow