
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހިމެނޭ ގޮތަށް ފަސް މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ
މިއީ ދުރާލާ ރާވައިގެން ހިންގި ޖިނާއީ ކުށުގެ އަމަލެއް
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހިމެނޭ ގޮތަށް ފަސް މީހުންގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން އެދިއްޖެއެވެ. މައްސަލައިގެ މައުލޫމާތު ނޫސްވެރިންނަށް ދޭން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ފުލުހުން ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް ފަސް މީހުންގެ މައްޗަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
ބިދޭސީންގެ އަތުން ޤާނޫނާ ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި އެފަސް މީހުން އަދިވެސް ތިބީ ބަންދުގައެވެ. ފުލުހުން ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ގިނަ ފަރާތްތަކާ ސުވާލުކޮށް ބަޔާންނެގި ކަމަށެވެ. އަދި ގިނަ ވީޑިއޯ ފުޓޭޖްތަކެއް އެނަލައިޒްކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން ހައްޔަރުކުރި މީހުންގެ މޮބައިލް ފޯނުތައް ކޯޓް އަމުރެއްގެ ދަށުން ނަގާ, ހެކި ގަރީނާ ހޯދިކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެއިތުރުންވެސް އެކިގޮތްގޮތުން ތަހުގީގަށް ހެކި ގަރީނާ ހޯދިކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިއީ ދުރާލާ ރާވައިގެން ހިންގި ޖިނާއީ ކުށުގެ އަމަލެއް ކަމަށެވެ.
މިއީ މިއަހަރުގެ މާރޗް މަހުގެ 20 ގައި ފުލުހުންނަށް ހުށަހެޅި ހަމަ އެދުވަހު ފުލުހުން ތަހުގީގު ފެށި މައްސަލައެކެވެ. މިއީ މާފަންނުގައި ދިރިއުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ބިދޭސީން އަތުން އަތުލި ފައިސާއެވެ. އެއޮޕަރޭޝަން ކުރިއަށް ގެންދިޔައީވެސް އިމިގްރޭޝަންގެ އުސޫލުތަކުގެ ބޭރުން އިޖުރާއަތްތައްވެސް ފުރިހަމަ ނުކޮށް އޭރުގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދަށް އެނގިވަޑައިގެން އޭނާ އަންގަވައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޮޕަރޭޝަން ހިންގީ ދުރާލާ ރޭވިގެންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މައްސަލައިގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު ބިދޭސީ މީހާ ދޫކޮށްލީ, އޭނާގެ ސްޕޮންސަރގެ ނަމުގައި އުފައްދާފައިވާ ސިޓީއެއް ހުށަހަޅައިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެބިދޭސީ މީހާއާ ހަވާލުވީ އޮޕަރޭޝޭންގައި ހަރަކާތްތެރިވި އިމިގްރޭޝަން އޮފިސަރެއްގެ އާއިލީ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ސިޓީގައި އޮތީ ސްޕޮންސަރގެ ބަދަލުގައި އެހެން މީހަކު ބިދޭސީ މީހާއާ ހަވާލުވާނެ ކަމަށެވެ.
ސިޓީ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާޖެންޓް ކަމެއްގެ ގޮތުގައި ދެކިގެން ބިދޭސީ މީހާ ދޫކޮށްލުމުގެ ކަންކަން ކުރިއަށް ގެންދަން އޭރުގެ ކޮންޓްރޯލަރ އަންގައިގެން އެމަސައްކަތް އަވަހަށް ކުރި ކަމަށްވެސް ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. ބިދޭސީ މީހާ ދޫކޮށްލި އިރު އޭނާ އަތުން ފެނުނު ފައިސާ ކޮތަޅު ހަވާލުކުރި ނަމަވެސް, އެފައިސާ ކޮތަޅު ސްޕޮންސަރުގެ ފަރާތުން އައިކަމަށް ބުނާ މީހާގެ ސައިކަލު މަޑިދަށަށް ލައިގެން ގެންގޮސް އޭނާއާ އާއިލީ ގުޅުން އޮންނަ އޮޕަރޭޝަންގައި ބައިވެރިވި އިމިގްރޭޝަން އޮފިސަރަށް ދިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެރޭ ދަންވަރު އެފައިސާ އޭރުގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަހީދުގެ އެޕާޓްމަންޓަށް ގެންދިޔަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






