
2026 ގެ ވޯލްޑް ކަޕާމެދު ފަލަސްޠީން ދެކެމުންދާ ހުވަފެން އެގޮތުގައި....
ކޮރެއާއާ ދެކޮޅަށް ކުޅުނުއިރު, ކޮރެއާ ސަޕޯޓަރުންގެ ލޯބި ފަލަސްތީނަށް
ދެކުނު ކޮރެއާއަކީ ފުޓްބޯޅައަށް މަރުދޭ ރައްޔިތެއް ދިރިއުޅޭ ޤައުމެއްކަން ސިއޯލްގެ ވޯލްޑްކަޕް ފުޓުބޯޅަ ސްޓޭޑިއަމްތައް ބަލާލީމަ އެނގޭނެއެވެ. އެމީހުންގެ ޓީމަށް އޮންނަ އާދަޔާޙިލާފު ލޯތްބާއި ސަޕޯޓްކުރުމުގެ ރޫޙު ފެނި ކިތަންމެ ވަރުގަދަ އިދިކޮޅު ޓީމެއްވިއަސް ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިދާނެއެވެ.
ނަމަވެސް ވޯލްޑްކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ދެކުނު ކޮރެއާއިން ފަލަސްތީނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުގައި ފެނުނީ މުޅިންތަފާތު މަންޒަރެކެވެ. ދަނޑުމަތީގައި އެމީހުންގެ ޓީމު ފަލަސްޠީނާ ވާދަކުރަމުން ދިޔައިރު ކޮރެއާގެ ސަޕޯޓަރުން ދިޔައީ ފަޚުރުވެރިކަމާއެކު ފަލަސްޠީނުގެ ދިދައާއި, ބެނާތައް ވިހުރުވަމުންނެވެ. އެމީހުން ތިބީ ފަލަސްޠީން ރަމްޒުކޮށްދޭ ސްކާފްތައްވެސް އަޅައިގެންނެވެ.
ކޮރެއާ ޤައުމީ ޓީމުގެ ރަތް ކުލައިގެ ޖޯޒީގައި 66,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް ވަނީ ފުރާލާފައެވެ. ނަމަވެސް ފަލަސްޠީނުގެ ދިދަތައް މުޅި ސްޓޭޑިއަމްގައި ވިހުރުވާލަމުން އެމީހުން ދިޔައީ ފަލަސްޠީނަށް ސަޕޯޓް ކުރާ އެކި މެސެޖްތަކާއެކު އެމީހުންނަށް މަރުޙަބާ ކިޔަމުންނެވެ.
މިއާއެކު 2026 ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ރައުންޑުގައި ފަލަސްޠީން ބައްދަލުކުރި މެޗު އެމީހުން ކުޅުނީ ވަރަށް ޖަޒުބާތި މާޙައުލެއްގައެވެ.
މެޗުގެ ނަތީޖާ ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ފަލަސްޠީނަށް އެއީ ޙާއްސަ ރެއެކެވެ. އޭޝިއާގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ލިބުމަކީ އާދައިގެ ކަމެއްނޫނެވެ. އަދި އަމުދުން ކޮރެއާގައި އެމީހުންގެ އަމިއްލަ ދަނޑުގައި އެމީހުންގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯބި އެއީ ފަލަސްޠީނުގެ ކުޅުންތެރިންގެ ހިތުގައި ނުފިލާ ހުންނާނެ ހަނދާނެކެވެ.
އެކަން މެޗަށްފަހު ކުޅުންތެރިންގެ ކިބައިންނާއި ކޯޗިން ސްޓާފުންގެ ފަރާތުންވެސް ފެނިގެންދިއައެވެ. މިއީ ހަނގުރާމައިގައި ސުންނާފަތިވެ އުއްމީދު ގެއްލިފައިވާ ފަލަސްޠީނު ރައްޔިތުންނަށް އެތަށް ދުވަހަކަށްފަހު ހިނިތުންވެލާން ލިބުނު ވަގުތުކޮޅެކެވެ.
"ކަނަޢާންގެ ސިންގާ" ގެ ނަމުން މަޝްހޫރު ޓީމު ކުޅެން ނިކުތީވެސް އެމީހުންގެ ކިބައިގައި ދުނިޔޭގެ ފެންވަރުގެ މުބާރާތުގައި އެމީހުންގެ ކުޅުންދެއްކޭނެ ކަމަށް ދެކޭ ހުވަފެނުގެ ވަރުގަދަ އަޒުމާ އެކީއެވެ.
"އަހެން އަބަދުވެސް އެ ހުވަފެން ދެކެން. އެމީހުން (އިޒްރާއިލްއިން) އަހަރެމެންގެ ހުވަފެންތައް މަރާލަން މަސައްކަތްކުރި. އެކަމަކު އެމީހުން އަހަރެމެންގެ މަގަށް ހުރަސްއެޅިއަކަ ނުދޭނަން. އަހަރެމެން ހުވަފެން ދެކުމެއް އެމީހުންނަކަށް ނުހުއްޓުވޭނެ" ފަލަސްޠީނުގެ މެދުތެރެއަށް ކުޅެމުން އަންނަ މުޙައްމަދު ރާޝިދު އަލްޖަޒީރާ އަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.
ހުވަފެން ދެކުމަކީ ވެސް ވަރަށް އަސާސީ އިންސާނީ ހައްގެއް ކަމަށާއި, އެމީހުން އެ ހައްގުން މަޙްރޫމް ނުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ވޯލްޑްކަޕަށް ކޮލިފައިވުމަކީ އުނދަގޫ ކަމެއްކަމަށާއި, އެކަމަކު ފުޓުބޯޅައިގައި އެއްވެސް ކަމަކީ ނުވާނެކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ. އަދި މި ދަތުރުގައި މިހާރު އާދެވިފައިތިބި ހިސާބާމެދު ހިތްހަމަ ޖެހިފައި ތިބިކަމަށާއި, މިއީވެސް ހުވަފެނެއްކަމަށް އޭނާ ބުންޏެވެ.
ފަލަސްޠީނުގެ ޤައުމީ ޓީމުން 2026ގެ މަގަށް ހުރި ގޮންޖެހުންތައް ގިރާކުރަން މަސައްކަތްކުރަމުންދާއިރު, އިޒްރާއިލްއިން ވަނީ 11 މަސްދުވަހުގެ ތެރޭގައި ޣައްޒާގެ 40,000 ށްވުރެ ގިނަ މީހުން މަރާލާފައެވެ. އަދި 120,000 ށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓީން މަޢުލޫމާތު ދީފައިވެއެވެ.
މިފަހަރުގެ ހަނގުރާމައަށް އަހަރެއްވާން ދާއިރު ފަލަސްޠީނުގެ ފުޅުބޯޅައަށްވެސް ވަނީ ވަރަށްބޮޑަށް އަސަރު ކޮށްފައެވެ. ފުޓުބޯޅައަކީ ފަލަސްޠީނުގެ އެންމެ މަގުބޫލު ކުޅިވަރެވެ.
ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އޮގަސްޓް މަހާ ހަމައަށް އޮފިޝަލުންނާއި ކޯޗުން ހިމެނޭހެން ފަލަސްޠީނުގެ 410 އެތްލީޓުން ވަނީ އިޒްރާއިލް އިން މަރާލާފައެވެ. އޭގެތެރެއިން 297 އެތްލީޓުންނަކީ ފުޓްބޯޅާ ކުޅުންތެރިންނެވެ. އަދި ފުޓުބޯޅައިން ރަން ވަނަތަކެއް ހޯދުމުގެ ހުވަފެން ދެކެމުންދިޔަ 84 ކުޑަކުދިންވެސް އޭގެ ތެރޭގައި ހިމެނޭކަމަށް އެސޯސިއޭޝަނުން ހިއްސާކުރި މައުލޫމާތުން އިނގެއެވެ.
ފަލަސްޠީނު ޓީމުގެ ރާޝިދު ބުނީ ފަލަސްޠީނުގެ ރައްޔިތެއް ނޫނަސް އިންސާނެއްވިއްޔާ ފަލަސްޠީނުގައި ހިންގަމުންގެންދާ ކަންތައްތަކުން އަސަރު ކުރާނެކަމަށެވެ. މެޗަށް ތައްޔާރުވާއިރު ވީހާވެސް ބޮޑަށް ފަލަސްޠީނުގެ ހަބަރުތައް ނުބަލާ ވޭތޯ މަސައްކަތްކުރާކަމަށް އޭނާ ބުންޏެވެ. އެއީ އެމަންޒަރުތަކުން ވަރަށް ބޮޑަށް ނަފްސާނީގޮތުން އަސަރު ކުރާތީއެވެ.
"އެކި ކުޅުންތެރިން އެކަމާ ޑީލްކުރާނީ އެކިގޮތަށް. އެންމެނަށްވެސް ވަރަށް އުނދަގޫ މިހުރިހާ ކަމަކާއެކު ކުޅުމަށް ފޯކަސްކުރަން. ފަލަސްޠީނުގެ ދިދަ ވިހުރޭތަން ފެނުމަކީ ނަތީޖާއެއް ޙާސިލްވުމަށް ވުރެ މާ ބޮޑުކަމެއް. ފުޓުބޯޅައަށްވުރެވެސް" ފަލަސްޠީނުގެ ރާމަالله އަށް އުފަން ރާޝިދު ބުންޏެވެ.
ސިއޯލްގައި ކުޅުނު މެޗުން އެއްވަރުވެ, ފަލަސްޠީން ޓީމު ދެން ދަތުރު ކުރާނީ މެލޭޝިއާއަށެވެ. އެތާނގައި އެމީހުން އުރުދުންއާ ވާދަ ކުރާނެއެވެ. އެއީ ފަލަސްތީނުގެ ހޯމް މެޗެކެވެ. އެއީ ހަނގުރާމައިގެ ސަބަބުން ފަލަސްޡީނުގައި މެޗުތައް ކުޅެވެން ނެތުމުގެ ސަބަބުންނެވެ. މެލޭޝިއާ އަކީ ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ ވަކާލާތުގެ އެންމެ ވަރުގަދަ އެއް އަޑެވެ.
ރިއެކްޝަންސް






