
ޖަމީލު ނިޔާވީ ގުދުރަތީ މަރަކުންތަ؟ ނުވަތަ ލިބުނު އަނިޔާއެއްގެ ސަބަބުންތަ؟
ޕޯސްޓްމޯޓަން ހަދަން އާއިލާއިން ބޭނުން ނުވީ ކީއްވެ؟
ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ ނިޔާވި، ށ. ފުަދޫ، ޒަމާނީވިލާ މުޙައްމަދު ޖަމީލު (45 އަހަރު) ގެ ޕޯސްޓްމޯޓަމް ހަދަން ޢާއިލާއިން ބޭނުން ނުވާތީ، އޭނާގެ ހަށިގަނޑު މިއަދު ހެނދުނު ވަޅުލައިފި އެވެ.
ނުރައްކާތެރި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ، ޖަމީލު ނިޔާވެފައި އޮތްވައި ފެނުނީ އޭނާ ބަންދުކޮށްފައިވާ ގޮޅިން، އިއްޔެ (ހުކުރު ދުވަހުގެ) ހެނދުނު އެވެ.
ޖަމީލުގެ މަރާބެހޭގޮތުން، މާފުށީ ޖަލުބަލަހައްޓާ ކަރެކްޝަނަލް ސާރވިސް އިން ބުނެފައިވަނީ، ޖަލުގެ އާންމު އުސޫލުން އިއްޔެ (ހުކުރުދުވަހު) ވެސް ގޮޅި 7:00 ގައި ހުޅުވި ކަމަށާއި އޭރު އޭނާ އޮތީ ސަޖިދާގައި ކަމަށެވެ. އޭގެ ފަހުން އޭނާގެ ހެނދުނު ނާސްތާ 9:15 ގައި ބަހައްޓަން ދިޔަ ގައިދީ ދިޔައިރު ވެސް އޭނާ އޮތީ ސަޖިދާގައެވެ. ނަމާދު ކުރަނީ ކަމަށް ހީކޮށް އެގޮޅީގައި ހުންނަ ކަބަޑެއްގެ މަތީގައި އޭނާގެ ނާސްތާ ބަހައްޓާފައި އޭނާ ވެސް ދިޔައީ ކަމަށް ކަރެޝަނުން ބުންޏެވެ. އަދީ 11:34 ގައި ބެލިއިރު ވެސް އޭނެ ސަޖިދާގައި އޮތުމުން، ހަރަކާތެއް ނެތްކަމަށް ޝައްކު ކުރެވިގެން ގޮސް ބެލިއިރު ނޭވާ ނުލާތީ، ގޮޅިންނެރެ ސީޕީއާރު ދީގެން ވެސް ނޭވާނުލާތީ، މާފުށީ ޞިއްޙީ މަރުކަޒަށް ގެންދިޔައީ ކަމަށް ކަރެކްޝަނުން ބުންޏެވެ. އަދި ޞިއްޙީ މަރުކަޒުގެ ޑޮކްޓަރުން ޖަމީލުގެ ހަށިގަނޑު ބެލުމަށް ފަހު 12:45 ހާއިރު ބުނީ، ޖަމީލު އެތަނަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށައި މަރުވެފައި ވަނީ ހިތްހުއްޓިގެން ކަމަށެވެ. އެހާ ހިސާބުން ފުލުހުންނަށްވެސް އަންގައިގެން ފުލުހުން އެމަރުގެ ތަހުގީގު ފެށި އެވެ.
ޖަމީލުގެ މަރުގެ ތަހުގީގަށް ބޭނުންވާ ބައެއްކަންކަން ފުރިހަމަ ކުރުމަށްޓަކައި ފުލުހުން ޖަމީލުގެ ހަށިގަނޑު އައިޖީއެމް އެޗަށް ގެންގޮސް ސީޓީ ސްކޭނެއް ހެއްދި އެވެ. ނަމަވެސްއަދި އެ ސްކޭނުގެ ރިޕޯޓް ފުލުހުންނަކަށް އަދި ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ޖަމީލުގެ މަރާގުޅިގެން ނޫސްވެރިންނަށް މަޢުލޫމަތު ދިނުމުގެ ބައްދަލުވުމެއް، ހޯމް މިނިސްޓަރު އަލީ އިހުސާން އާއެކު ފުލުހުންނާއި ކަރެކްޝަންގެ އިސްވެރިން ބައިވެރިކޮށްގެން މިއަދު މެންދުރު ފަހު ބޭއްވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޖަމީލުގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބޭފުޅުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުން ވެސް ވަޑައިގެން ޖަމީލުގެ ހަށިގަނޑު ބެއްލެވި ކަމަށެވެ. ޑޮކްޓަރުންގެ ފަރާތުން އެބޭފުޅުން ބޭނުންވާ މަޢުލޫމާތު އޮޅުންފިލުއްވި އެވެ. އަދި އެބޭފުޅުންނަށް ލިބިލެއްވި މަޢުލޫމާތުގެ އަލީގައި ޖަމީލުގެ އޮޓޮޕްސީ ހަދަން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށް އެދެ ފަރާތުން ވެސް ފުލުހުން ގާތު ވިދާޅުވި ކަމަށް ފުލުހުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ. އެހެންކަމުން ޖަމީލުގެ ހަށިގަނޑު ވަޅުލުމަށް ޢާއިލާއާ އިއްޔެ ހަވީރު 6:10 ގައި ހަވާލުކުރި ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުންޏެވެ.
މައްސަލަ ގޯސްވީ ކީއްވެ؟
ޖަމީލުގެ މަރުގެ ސަބަބު އިތުރަށް ދެނެގަތުމަށްޓަކައި އައިޖީއެމް އެޗަށް ޖަމީލުގެ ހަށިގަނޑު ގެންގޮސް ޑޮކްޓަރުންނަށް ދެއްކުމަށް ފަހު، ޑޮކްޓަރުން އެމަރާބެހޭ ގޮތުން ދެއްވި މަޢުލޫމަތު އޭނާގެ ޢާއިލާއަށާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބޭފުޅުންނާ އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންނަށް ވެސް ހިއްސާ ކުރުމަށް ފަހު، އިތުރަށް ބަލަންޖެހޭ ކަމެއް ނެތް ކަމަށް އެފަރާތްތަކުން ވެސް ފުލުހުން ގާތު ބުނުމުން، ޖަމީލުގެ ހަށިގަނޑު ވަޅުލުމަށްޓަކައި ޢާއިލާއަށް ހަވާލު ކުރެވުނެވެ.
ހަވީރު 6:10 ގައި ޖަމީލުގެ ހަށިގަނޑު އައިޖީއެމްއެޗުން ޢާއިލާއާ ހަވާލު ކުރުމުން، ޢާއިލާއިން އޭނާ ވަޅުލުމަށްޓަކައި ގެންދިޔައީ ހުޅުމާލޭ ސަހަރާއަށެވެ. އަދި ވަޅުލުމަށްޓަކައި ޖަމީލުގެ ހަށިގަނޑު ހިނެވުމުގެތެރޭގައި ނެގި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އެހާ ހިސާބުން އެފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވާން ފެށީ އެވެ. އެހާހިސާބުން ޖަމީލު މަރުވީ އޭނާއަށް ކަރެކްޝަންގެ ޖަލު އޮފިސަރަުން އަނިޔާކޮށްގެން ކަމުގެ ޚަބަރު ސޯޝަލް މީޑިއާގައި ފެތުރިގެންދިޔަ އެވެ.
ޖަމީލުގެ މަރުގެ ސަބަބު ކަރެކްޝަންގެ ޖަލު އޮފިސަރުންގެ ބޮލުގައި އެޅިގެން ދިޔަ ބަދުނާމާއެކު، ހޯމް މިނިސްޓަރު އަލީ އިހުސާން، އެކްސްގައި ރޭ ދަންވަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަމީލު ނިޔާވީެފައި އޮތްވައި ފެނުނީ އޭނާ ނަމާދުގެ ސަޖިދާގައި އޮތްވައި ކަމަށް، ޖަމީލު އޮތް ގޮޅީގެ ވީޑިއޯ ފުޓޭޖުން އެނގޭ ކަމަށެވެ.
"ޖަމީލު އެންމެ ފަހުވަގުތު ފެނުނު ވީޑިއޯގައި ފެންނަނީ އޭނާ ނަމާދަށް ހުއްޓާ. ނިޔާވެފައި އޮތީ ވެސް ސަޖިދާގައި އޮތްވައި،" މިނިސްޓަރ އިހުސާންގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ނަމަވެސް ސޯޝަލް މީޑިއާ އޭރުން ވެސް ދިޔައީ ކެކިއުތުރި އަރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައީ ޖަމީލުގެ މަރަކީ ދެވަނަ އީވާން ނަސީމުގެ މަރުކަހަލަ މަރެއް ކަމަށާއި އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކަކީ ބަޔަކު އަނިޔާކޮށްގެން ލިބިފައިހުރި އަނިޔާގެ ނިޝާން ތަކެއް ކަމަށް ގިނަބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ.
މިއަށް ރައްދު ދެއްވައި މިނިސްޓަރ އިހުސާންގެ އިތުރު ޕޯސްޓެއް އެކްސްގައި ކުރެއްވި އެވެ. ވިދާޅުވީ، ޖަލުގައި ކޮންމެ ގައިދީއަކު މަރުވި ކަމުގައި ވިޔަސް، އިންސްޕެކްޓަރ އޮފް ކަރެޝަނަލް ސާރވިސް، އެކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގެއް ހިންގަވާނެ ކަމަށާއި ޝައްކު އުފެދޭ ކަމެއް އުޅޭނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިނިވަން ތަހުގީގެއް ހިންގަވާނެ ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އާއްމުންގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ ޖަމީލުގެ ހަށިގަނޑުގައި އެހާ ގިނަ އަނިޔާގެ ނިޝާން ތަކެއް ހުއްޓާ ޕޯސްޓް މޯޓަމް ނަހަދައި އަވަސް އަރުވާލާފައި ވަޅުލަން ފުލުހުންނާއި ކަރެކްޝަނުން އުޅޭ ސަބަބެއް ނޭނގިގެންނެވެ.
ޖަމީލުގެ ޖަނާޒާ ބާއްވަން ފުރަތަމަ އުޅުނީ ދަންވަރު 12:00 ގަ އެވެ. ނަމަވެސް ފަހުން ވަނީ ފަތިސް ނަމާދަށް ފަހު ޖަނާޒާ ބާއްވަން ފަސްކޮށްފަ އެވެ.
ފޮޓޯތަކަ ގުޅިގެން އާއްމުންގެ ރުޅިވެރިކަން ބޮޑުވެފައިވާތީ، މިނިސްޓަރ އިހުސާންގެ އިތުރު ޕޯސްޓެއް ރޭ ވަރަށް ލަސްވި ފަހުން އެކްސްގައި ކުރެއްވި އެވެ. އެ ޕޯސްޓްގައި މިނިސްޓަރ ވިދާޅުވެފައި ވަނީ، އާއިލާގެ ހުއްދައާއެކު ޖަމީލުގެ ޕޯސްޓްމޯޓަމް ހަދައި، އެ މަރުގެ ފުރިހަމަ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރާ ހުރިހާ ފަރާތްތަކަށް ޖަލުގެ ސީސީޓީވީ ފުޓޭޖު ހިއްސާކުރައްވާނެ ކަމަށް ވެސް މިނިސްޓަރުގެ އެ ޕޯސްޓުގައި އޮތެވެ.
ޖަމީލު ޕޯސްޓްމޯޓަމް ނަހަދާ ވަޅުލީ ކީއްވެ؟
މިނިސްޓަރުގެ އެއެންގެވުމާ ގުޅިގެން ފުލުހުން ރޭ ފަތިހު ޖަމީލުގެ ހަށިގަނޑު ބާއްވާފައި އޮތް، ހުޅުމާލޭ ސަހަރާއަށް ދިޔައެވެ. އަދި ޕޯސްޓްމޯޓަން ހެދުމަށްޓަކައި ޖަމީލުގެ ހަށިގަނޑު ގެންދަން ބޭނުންވާ ކަމަށް ޢާއިލާގާތު އެދުނެވެ. ނަމަވެސް ފުލުހުންނަށް އެޢާއިލާއިން ޖަވާބު ދިނީ، ޖަމީލުގެ ޕޯސްޓްމޯޓަން ހަދަން ޢާއިލާއިން ބޭނުން ނުވާކަމަށާއި އެ މީހުން ބޭނުންވަނީ އެހަށިގަނޑަށް އިތުރު ގެއްލުމެއް ނުދީ ވީހާ އަވަހަކަށް ވަޅުލުމަށް ކަމަށެވެ.
ފުލުހުންނަށް ޢާއިލާއިން އެޖަވާބު ދިނުމުން، ޢާއިލާއާ އިތުރަށްވާހަކަ ދެއްކެވުމަށް ފުލުހުންގެ ކޮމިޝަނަރ ޢަލީ ޝުޖާޢު ޢާއި ހޯމް މިނިސްޓަރ އިހުސާން ވެސް ހުޅުމާލޭ ސަހަރާއަށް ފަތިހުގެ އެވަގުތު ވަޑައިގެންނެވި އެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ބޭނުންވި ސަބަބު ވެސް ވަރަށް ރަނގަޅަށް އޮޅުން ފިލުވައި ދެއްވި އެވެ. ނަމަވެސް އާއިލާއިން އެކަން އެގޮތަށް ކުރަން ބޭނުންނުވާ ކަމަށް މިނިސްޓަރަށާއި ކޮމިޝަނަރ އޮފް ޕޮލިހަށް ވެސް ޖަވާބު ދިނެވެ. މިނިސްޓަރ އިހުސާން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ޢާއިލާގެ އެޖަވާބާއެކު ރައީސްގެ ލަފާފުޅަކަށް ވެސް އެދި ވަޑައިގެންވި ކަމަށެވެ. އެއީ ކަމުގެ ހައްސާސީ ކަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސްގެ ލަފާފުޅަކީ، ޢާއިލާއިން އެގޮތަށް އެދެންޏާ ޢާއިލައިން އެދޭ ގޮތަށް އެކަންކުރުމަށް ފުރުޞަތު ދެއްވުމަށް ކަމަށެވެ.
"އެއީ ޕޯސްޓްމޯޓަމް ނަހަދާ ވަޅުލުމުގެ ހުއްދަ ދިން ސަބަބަކީ" މިނިސްޓަރ ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވި އެވެ.
ޖަމީލުގެ ހަށިގަނޑުން ފެނުނު ނިޝާންތަކަކީ ކިހިންތްވީ ކަމެއް؟
ޖަމީލުގެ ހަށިގަނޑުގެ ފޮޓޯއިން ފެނުނު އަނިޔާކޮށްފައިވާ ޒާތުގެ ނިޝާންތަށް ހުރީ ކީއްވެކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިން ސުވާލުކުރި އެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން ފުލުހުން ބުނީ، އެއީ ބަޔަކު ޖިސްމާނީގޮތުން ކޮށްފައި ހުރި އަނިޔާގެ ނިޝާންތަކެއް ނޫން ކަމަށާއި، އެއީ އޭނާ މަރުވެފައި އޮތްގޮތުން ގްރެވިޓީއަށް ލޭ ޖަމާވި ޖަމާވުމުގެ ސަބަބުން އެގޮތަށް ނިޝާންތައް ފެންނަން ހުރީ ކަމަށެވެ. އަދި ބޮޑީ ޑިސްކަލެޓޭޓް ވާން ފެށުމުން ވެސް އެފަދަ ނިޝާންތައް ހަށިގަނޑުން ފާޅުވާނެ ކަމަށް ވެސް ފުލުހުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ އެވެ. ފުލުހުން އިތުރަށް ބުނީ، އެނިޝާންތައް އެހެން ފެންނަން ހުރުމުން ޑޮކްޓަރުން ގާތު ވެސް ފުލުހުން ވެސް އިތުރަށް އެސުވާލު ކުރިކަމަށާއި ޑޮކްޓަރުން ވެސް ބުނީ ޖަމީލުގެ ހަޑިގަނޑުގައި ޖިސްމާނީ އަނިޔާގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.
ޖަމީލަކީ ކާކު؟
ޖަމީލަކީ ށ. ފުނަދޫ ޒަމާނީވިލާ، ޢުމުރުން 45 އަހަރުގެ މުޙައްމަދު ޖަމީލެވެ. އޭނާ ދިރިއުޅެމުން އައީ މާލޭގަ އެވެ. ޖަމީލު އާއްމުންނަށް އެނގޭނެ ވަރަށް މުހުންމު ދެ ހާދިސާއެއް ވެސް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވަނީ ހިނގާފަ އެވެ.
އެގޮތުން ފާހަގަކޮށްލެވޭ ފުރަތަމަ ހާދިސާއަކީ، 2022 ވަނަ އަހަރުގެ ޖުލައި އެކެއްވީ ހުކުރު ދުވަހު، ހުކުރު ވަގުތު ސަލްމަން މިސްކިތުގެ މިންބަރަށް އަރައި އަޑު ގަދަކޮށް ނަމާދަށް ހުރަސް އެޅި ހާދިސާ އެވެ.
ދެވަނަ ހާދިސާއަކީ އޭގެ ދުވަސްކޮޅެއް ފަހުން އޭރުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު، ހުޅުމާލޭ ނިރޮޅު މަގުން ސައިކަލުގައި ދުއްވާފައި ދަނިކޮށް މަޑުކުރުވާފައި ވަޅިން ހަމަލާދޭން އުޅުނު ހާދިސާ އެވެ. މި ދެ ހާދިސާގެ ވީޑިއޯ ވެސް އޭރު ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. އަދި މި ދެ ހާދިސާއާ ގުޅިގެންވެސް ފުލުހުން ޖަމީލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ޖަމީލުގެ ހަށިގަނޑު ވަޅުލަފައި ވަނީ މިއަދު ހެނދުނު، ހުޅުމާލޭ ސަހަރާގަ އެވެ. އޭނާގެ ޖަނަޒާގައި ހޯމް މިނިސްޓަރ ޢަލީ އިހުސާނާއި ފުލުހުންގެ ވެރިންނާއި ކަރެކްޝަންގެ ވެރިންނާއި ގިނަ އަދަދެއްގެ އާއްމުން ވެސް ބައިވެރިވި އެވެ.
ރިއެކްޝަންސް






